7 ޖަނަވަރީ 2024 - 10:40 0
އަހުމަދު އާއިދު
އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު
7 ޖަނަވަރީ 2024 - 10:40 0
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކުރީންނާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އިވޭ އެއް އަޑުތަކެއް އެބަހުއްޓެވެ. ޕްރައިމަރީތަކާއި ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތައް، އެ ޕާޓީއެއް ބައިބައިކުރުވާ ސަބަބަކަށް ވަމުންދާކަމުގެ އަޑުތަކެވެ.
ޕްރައިމަރީތަކަކީ ޕާޓީގެ ވަކި ބަޔަކު ބޭނުންވާ، ވަކި ބަޔަކަށް ކޮންޓްރޯލް ކުރެވޭ ކެންޑިޑޭޓުންތަކެއް ނެރުމަށް ހުޅުވޭ ދޮރަކަށް ވާކަމުގެ އަޑުތައް ވެސް މަޑެއް ނޫނެވެ. ޑިމޮކްރެސީގެ ސިފަތަކާ ފޭވަމުންދާ މި އިންތިހާބުތަކުގެ މިސްރާބު އަނބުރާލެވޭ ތަނެއް ލޮލު ކޮޅަށް ފެންނާކަށް ނެތެވެ.
މައްސަލާގެ އެތެރެއަށް ފީނުމުގެ ކުރިން، ސުރުހީގައި މިދިޔަ އަހަރުގެ އެތެރޭގެ އިންތިހާބުތަކާއި، ޕްރައިމަރީ އަކާ ނުލާ ނިންމުނު ބޮޑެތި ނިންމުންތަކަށް ކުޑަ ނަޒަރެއް ހިންގާލާނަމެވެ. ދިމުގްރާތީ ވިސްނުމަކުން ވިސްނާލައްވާށެވެ.
އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވެގެންދިޔައީ އެ ޕާޓީ 'ރޫޅުނު' އެއް ސަބަބަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި އެ ޕްރައިމަރީއާ ގުޅިގެން، ޕްރައިމަރީން ނާކާމިޔާބުވީ މުހައްމަދު ނަޝީދު އިންތިހާއަށް ޝަކުވާ ކުރެއްވި އެވެ. ވޯޓު އޮޅުވާލުމުގެ ބޮޑެތި ތުހުމަތުތަކެއްގެ މައްޗަށް ފެށުނު ސިޔާސީ މަސައްކަތް އާހިރުގައި ނިމުނީ އާ ސިޔާސީ ޕާޓީއަކުންނެވެ.
އޭގެ ކުރިން އޭރުގެ އިދިކޮޅު ކޯލިޝަނުގެ ޓިކެޓު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 'އަރުވަން' ނިންމީ ޕްރައިމަރީއެއް ނުބާއްވަ އެވެ. ޖަލު ހުކުމާއެކު އެމަނިކުފާނަށް ކުރިމަތިނުލެއްވުމުން، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެ ޓިކެޓު ލިބުނީ ވެސް ސެނެޓުގެ ވޯޓަކުންނެވެ. ދިމުގްރާތީ ޕްރައިމަރީއެއް ނެތި އެވެ. ޖުމްހުރީ ޕާޓީ އާއި އެމްއެންޕީއިން ވެސް އެ ޕާޓީތަކުގެ ލީޑަރުންނަށް ރިޔާސީ ޓިކެޓު 'އެރުވީ' ޕްރައިމަރީއެއް ނެތި އެވެ.
އެތެރޭގެ އިންތިހާބަކަށް އެންމެ ފަހުން ބޭއްވުނީ ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބެވެ. އެ އިންތިހާބު ވެގެންދިޔައީ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވި އަނެއް އިންތިހާބަށެވެ. ތިންހާހެއްހާ މީހުން ވޯޓުލީ އެ އިންތިހާބުގެ ނަތީޖާ އިއުލާނުކުރެވުނީ އިންތިހާބަށް 24 ގަޑިއިރުވީ ފަހުންނެވެ. ބައެއް ފޮށިތަކުގެ ނަތީޖާ ބާތިލުކޮށް އަލުން ވޯޓުލާން ވެސް ނިންމި އެވެ.
މި ހިސާބުން މައުލޫއަށް އެނބުރިލާނަމެވެ.
ރާއްޖޭގައި މިހާރު އަމަލުކުރާ ގާނޫނޫ އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ހިމެނުނު އިބްރާހިމް އިސްމާއިލް (އިބުރާ) ދެކިލައްވާ ގޮތުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ދިމާވާ މިފަދަ މައްސަލަތަކުގެ އަސްލަކީ، ޕާޓީތަކުގެ ސިޔާސަތެއް ނެތުމެވެ. ފިކުރެއް ނެތުމެވެ. އަދިވެސް ވަކި މީހެއްގެ 'ފަހަތުން ދުވުމެވެ.'
"ރާއްޖޭގައި އަދިވެސް މިއޮތީ ޕާސަން ސެންޓާޑު ޕޮލިޓިކްސް އެއް ވީމަ، ވަކި މީހެއް ނުވަތަ ވަކި މީހުންތަކެއްގެ ފަހަތުން އުޅޭ މީހުންތަކެއްދޯ މި އުޅެނީ، އެހެންވީމަ ނުކުންނަ [މައްސަލަ]" އޭނާ ވިދާޅުވި އެވެ.
އިބުރާ ވަނީ ރާއްޖޭގެ ޕާޓީތައް ހިންގާ ގޮތާ މެދު ވެސް ސުވާލު އުފައްދަވާފަ އެވެ. އެގޮތުން އަސާސީ ގަވާއިދުގެ ތެރެއިން ބައްދަލުވުންތައް ބާއްވާ ގައުމުގެ މައްސަލަތަކާ މެދު މަޝްވަރާކުރާތަން ނުފެންނަ ކަމަށާއި ފެންނަނީ އަބަދުވެސް ސިޔާސީ ވަކި ކަމެއް ހާސިލްކުރަން ވީމާ ޕާޓީތަކުގެ ކޮމިޓީތައް އެކްޓިވޭޓުވާތަންކަން އޭނާ ފާހަގަކުރެއްވި އެވެ.
"މީން ދުވަހަކު ވެސް އަޑުއެހިންތަ މިސާލަކަށް ގައުމުގެ މަސްތުވާތަކެތީގެ ކަންކަން ވަރަށް ބޮޑުވެއްޖޭ މިކަމާ ގުޅިގެން ކިހިނެއްހޭ ހަދާނީ، ނޫނީ ވިއްޔާ މިއޮތް ވަރަކަށް ފަޅު ހިއްކާތީ އެކަމުގެ ޕާޓީގެ ޕޮޒިޝަންއަކީ ކޮބައިހޭ، ގައުމުގެ ދަރަނި ކުޑަކުރަން ޕާޓީގެ ޕޮޒިޝަންއަކީ ކޮބާހޭ، އެއިން އެއްވެސް ކަމަކާ ޕާޓީއެއްގެ އެތެރޭގެ ބޮޑީއެއްގަ މަޝްވަރާ ކުރިއަޑު އެހިންތަ؟" އިބުރާ ވިދާޅުވި އެވެ.
އިބުރާގެ މި ސިފަކުރުމަކީ، ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ވަރަށް ސަރީހަ ސިފަކުރުމެކެވެ. ޕާޓީތަކުގެ ކޮމިޓީތައް 'އެކްޓިވޭޓު' ވަނީ ސިޔާސީ ބޭނުންތަކަށެވެ. ވަކި ބަޔަކު ކުރިއަރުވާށެވެ. ނަތީޖާއަކީ ދެން ޕާޓީގައި ކުރިއަރަން ބޭނުންވާ ފަރާތްތަކާ މެދު ޖެހޭ މައްސަލަތައް އިތުރުވުމެވެ.
"އެހެންވީމަ ޕާޓީ މި ބަދަލުވެގެންދަނީ އެ ވަގުތަކު ޕާޓީ ތެރޭގަ އިސްފަޑިޔަށް އަރަން އުޅޭ މީހުންގެ ތެރޭ އޮންނަ ވާދަވެރިކަމަކައިގެން އެއް ބައެއްގެ ފަހަތުން އަނެއް ބައެއްގެ ފަހަތުން އުޅޭ މީހުންތަކެއް ދެން މެޖޯރިޓީއަކީ ކޮބާތޯ ބަލައިގެން ކާކައްތޯ އެންމެ ޕަވަފުލް ވެވެނީ.. އެ ކުޅިވަރުގެ ތެރޭގަ އެތެރޭގެ އިންތިހާބުތަކަށް ވެސް އަސަރުކުރަނީ" ކުރިން އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި އިބްރާ ވިދާޅުވި އެވެ.
ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކަށް ތިންވަނަ ފަރާތެއް ވަނުމަކީ މަގުބޫލު ނޫން ނަމަވެސް އެވެސް ދެކެވޭ ވާހަކަ އެކެވެ. މީގެ ކުރިން އެތެރޭގެ އިންތިހާބުތަކާ ގުޅިގެން ލިޔުނު ރިޕޯޓަކަށް މައުލޫމާތު ދެއްވި ތަޖުރިބާކާރުން ފާހަގަކުރި އެއް ކަމަކީ ދައުލަތުގެ އިދާރާތަކުން ޕާޓީތައް ހިންގުމާ މެދު ބަސް ބުނެވޭ މިންވަރު އިތުރު ކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް، އެ ހިޔާލާ ޕާޓީތައް ވަރަށް ވެސް ދެކޮޅެވެ. އެކި ސަބަބުތައް އެކި ފަރާތްތަކުން ދައްކަވަ އެވެ. އިންތިހާބުތަކުގެ ކަންކަން ބަލަހައްޓާ އެންމެ އިސް އިދާރާ، އިލެކްޝަންސް ކޮމިޝަން (އީސީ)ން ވެސް އެކަމާ މުޅީއަކުން އެއްބަހެއް ނުވެ އެވެ.
ޕާޓީތަކުގެ އިސް ފަރާތްތަކުން ބުނާ ގޮތުގައި ބޭނުން ވަނީ ދެފުށް ފެންނަ އުސޫލުތަކެކެވެ. ޕާޓީގެ އެތެރޭގެ ގުނަންތައް ހިންގޭނެ ހަރުދަނާ ނިޒާމެކެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގަ ވީހާ ވެސް ޓްރާންސްޕޭރެންޓުކޮށް ކަންކަން ކުރެވުނީމަ ގިނަ ބައެއްގެ އިތުބާރު ލިބޭނެ، އެގޮތަށް ގެންދެވުނީމަ އެތެރޭގެ އިންތިހާބުތަކަށް ހަމަ ގައިމު ވެސް އެ ޕާޓީއެއްގެ މެންބަރުން ދެކޭގޮތް ގޯހެއް ނުވާނެ" ޑިމޮކްރެޓްސް އިން މި ފަހުން ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބުން ޕާޓީގެ ރައީސްކަން ހޯއްދެވި ހަސަން ލަތީފު ވިދާޅުވި އެވެ.
އެތައް މައްސަލައެއް ފެންމަތިވެ، ކުރިން ފާހަގަކުރި ފަދައިން ބައެއް ދާއިރާތަކުގައި އަލުން ވޯޓު ލާން ޖެހުުނު އިންތިހާބާ މެދު އޭނާ ދެކޭގޮތް ވިދާޅުވަމުން ހަސަން ލަތީފު ވިދާޅުވީ އެ އިންތިހާބުގައި ޕާޓީގެ ކަމާބެހޭ ކޮމިޓީން ކަންކުރީ ރަނގަޅަށެވެ.
"މިފަހަރު އިލެކްޝަންސް ކޮމިޓީން އެތެރޭގެ އިންތިހާބުގަ މައްސަލަތަކެއް ހުރީމަ އިއުލާން ނުކޮށް މަޑުކުރީ، ކޮށްފަ އެ މައްސަލަތަކުގެ ތެރޭގަ ބައެއް ފޮށި ބާތިލް ކުރަންޖެހުނީމަ އެ ފޮށިތައް ބާތިލުވެސް ކުރި، އެ ހުރިހާ ކަމެއް ކޮށްފަ އިއުލާނުކުރީ" އޭނާ ވިދާޅުވި އެވެ.
މި ވާހަކަ އިތުރަށް ތަފުސީލު ކޮށްދެއްވަމުން ހަސަން ލަތީފު ވިދާޅުވީ ކޮމިޓީން ކަންކުރީ ރަނގަޅަށް ކަމަށާއި އެހެން ޕާޓީތަކުން އަވަހަށް އިއުލާންކުރަން އުޅުމުން ފަހުން ޖެހޭ މައްސަލަތައް ބޮޑު ކަމަށެވެ. އަދި އެގޮތަށް ކަންކުރުމުން ޕާޓީން އެކުގައި މަސައްކަތް ކުރެވެން ފެށިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވި ނަމަވެސް ޑިމޮކްރެޓުންގެ އެތެރޭގެ ސިޔާސަތު އެއްގޮތް ނޫންކަން، ޕާޓީގެ ބޭރަށް އެކި ސިފަ ސިފައިގައި ފެންނަމުންދެ އެވެ. އެކުގައި މަސައްކަތް ނުކުރެވޭނެ ވަރުގެ ބައެއް އަޑުތައް ވެސް އިވެމުންދެ އެވެ.
އެތެރޭގެ އިންތިހާބުތަކާ ގުޅިގެން އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒު ފުރަތަމަ ކަމަކަށް ފާހަގަކުރެއްވީ، ތިންވަނަ ފަރާތެއް، މިސާލެއްގެ ގޮތުން އިލެކްޝަންސް ކޮމިޝަން އެތެރޭގެ އިންތިހާބުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ ތަނަވަސްކަން ޕާޓީތަކުގައި ނެތުމެވެ. ދެން އޭނާ ފާހަގަކުރެއްވީ ޕާޓީގެ އެތެރޭގައި އެފަދަ ގުނަވަންތައް އުފެއްދުމުގެ މުހިންމު ކަމެވެ.
"ދެވަނަ ކަމަކަށް މިއީ ޕާޓީގެ އެތެރޭގެ ކަމެއް ވީމަ، ޕާޓީގެ ކަންކަމާ ގުޅޭ ހުރިހާ ގުނަންނަތަކެއް ހުންނާނެ ހުރިހާ ޕާޓީތަކެއްގަ ވެސް، އެއީ ޕާޓީގެ ތެރޭގެ އުފައްދަން ވެސް ޖެހޭ އެއްޗެއް، މިސާލަކަށް އިލެކްޝަންސް ކޮމިޓީ، އެ ކަންކަމަކީ އައުޓްސޯސް ކޮށްގެން ކުރެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން"
އޭނާ ދެކެނީ ޕާޓީތަކުގެ އެތެރޭގެ ހުރިހާ އިންތިހާބެއް ވެސް ހިންގަންވާނީ އެ ދެންނެވި ގުނަންތަކުން ކަމަށެވެ. އަދި އެކަންކަން އިންސާފުވެރިކޮށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީ އަދި ޑިމޮކްރެޓުންގެ ލީޑަޝިޕުން ގަބޫލުކުރާ ގޮތުގައި އެ ދެ ޕާޓީއަށް ކުރިއަށް އޮތް ތަނުގެ އިންސާފުވެރި، ދެފުށް ފެންނަ އެތެރޭގެ އިންތިހާބުތަކެއް ބޭއްވޭނެ އެވެ.
ފާހަގަކޮށްލަން މުހިންމު ކަމަކީ، މި ރިޕޯޓު ފެށުމުގާ ބުނެވުނުހެން ޑިމޮކްރެޓުންގެ މޫ ފެޅިގެން އައީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކުން ކަމެވެ. ނަމަވެސް ދެ ޕާޓީންވެސް ތިބީ މާޒީން އިބުރަތް ލިބިގަތުމުގެ އަޒުމުގަ އެވެ.
ނަމަވެސް ރަނގަޅު ކުރަން ޖެހޭ ކަންކަންވެސް ހުންނާނެ ކަމަކީ އިންސާނީ ހަގީގަތެކެވެ. އެގޮތުން ހަސަން ލަތީފު ފާހަގަކުރެއްވި ގޮތުގައި މިފަހަރުގެ އިންތިހާބުގައި ޑިމޮކްރެޓުންގެ ކޮމިޓީން، ނަތީޖާ ލަސްވާ ސަބަބު ބުނެދެވުނު ނަމަ އިތުރަށް ފުރިހަމަ ވީސް ކަމަށް ވިދާޅުވި އެވެ.
"ވަރަށް ގިނަ ފަހަރު އެހެން ޕާޓީތަކުގެ އެ އޮތް ގޮތަކަށް އިއުލާނުކޮށްލާނީ ދެން މައްސަލަތަކުން އަރައިނުގަނެވި އެ އުޅެނީ، ބައްލަވާ މިފަހަރު އެތެރޭގެ އިންތިހާބުގަ މައްސަލަތަކެއް ނުޖެހެ އެއްނޫންތޯ،" ހަސަން ލަތީފު ވިދާޅުވި އެވެ.
އޭނާ ދެކޭ ގޮތުގައި މިފަހަރުގެ ގިނަ ޝަކުވާތަކަކީ އެ ޕާޓީގެ އިލެކްޝަންސް ކޮމިޝަނުން ކަންކުރި ގޮތާމެދު އުފެދުނު ހިތްހަމަ ނުޖެހުންތަކެއް ނޫނެވެ. ނަމަވެސް "މަސްލަހަތަށް ބައްލަވާ" އިތުރު ތަފުސީލެއް ދެއްވަން އޭނާ އިންކާރު ކުރެއްވި އެވެ.
އެމްޑީޕީގެ ނިޔާޒު ދެކިލައްވާ ގޮތުގައި އެއް ތަނެއްގައި ވޯޓުލާ، އެ ތަނުގައި އެ ވޯޓު ގުނާ މި ޒަމާނުގައި އިންތިހާބުގެ މައްސަލަތައް އިތުރަށް މަދުކޮށް ފުރިހަމަ އިންތިހާބުތަކެއް ބޭއްވުމުގެ ވަރަށް ވެސް ފުޅާ ފުރުސަތު އެބައޮތެވެ. ރަނގަޅު ކުރެވޭނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެއް ކަމަކީ، އެތެރޭގެ އިންތިހާބުތައް ވިޔަސް، ކެންޑިޑޭޓުން އެކަމަށް ދޭން ޖެހޭ ސަމާލުކަން ދިނުމެވެ. މަރުކަޒުތަކުގައި މަންދޫބުން ބޭތިއްބުމެވެ.
"މަންދޫބަކު ނެތި ހިތްހަމަ ނުޖެހޭ ގޮތަށް ނަތީޖާއެއް ދިޔައިމަ އެބަހުރި މައްސަލަ ޖައްސާފަ، އެހެންވީމަ ކެންޑިޑޭޓުންގެވެސް ޒިންމާއަކަށްވާނެ އިންތިހާބު ރަނގަޅަށް ގެންދިއުމަށްޓަކާ އޮބްޒާވްކޮށް މޮނީޓާ ކުރުން" އަލީ ނިޔާޒު ވިދާޅުވި އެވެ.
މަޖިލިސް ޕްރައިމަރީ ބޯމަތިވެފައިވާއިރު އެމްޑީޕީއިން، މިފަހަރުގެ އިންތިހާބު ފުރިހަމަ ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.
ޕާޓީތަކުގެ ސްޓޭންޑު ސާފެވެ. މާލީގޮތުންނާއި އެހެނިހެން ސަބަބުތަކާ ހުރެ ވެސް ޕާޓީތަކުން ދެކޭ ގޮތުގައި، އެތެރޭގެ އިންތިހާބުތައް ކުރިއަށް ގެންދާނެ ފަރާތަކީ އެ ޕާޓީއެއްގެ އެތެރޭގެ ގުނަންތަކެވެ. ނަމަވެސް، އެ އިންތިހާބުތަކުގައި ތަކުރާރުކޮށް ޖެހެމުންދާ މައްސަލަތައް ހައްލުކުރުމަށް އީސީއަށް ކޮންމެވެސް ސިފައެއްގައި މަސައްކަތް ކުރެވިދާނެ ކަމަށް، އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވި އެވެ.
"ކޮމިޝަނުން ވެސް ޔަގީންކުރަން ބޭނުންވަނީ ޕާޓީތަކުގެ އެތެރޭގަ މި ބޭއްވީ އިންތިހާބުތަކަކީ ދެފުށް ފެންނަ ގޮތަށް، މިހާރު [މިއޮތް] ރާއްޖޭގެ އިންތިހާބީ ނިޒާމުގަ ކަންތައްތައް ގެންދެވޭ ފެންވަރަށް ހާމަކަން ބޮޑުކޮށް، ބޭއްވޭ ޕްރައިމަރީ ތަކަކަށް ނުވަތަ އެތެރޭގެ އިންތިހާބު ތަކަކަށްވުން" އޭނާ ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ އީސީން ބާއްވާ އިންތިހާބުތަކާ، ޓެކްނިކަލް ގޮތުން އެއްހަމައެއްގައި ނެތަސް، އެ އިންތިހާބުތަކުގެ މައިގަނޑު މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަކީ ޕާޓީއަށް މެންބަރުން އަދި އާންމުން އިތުބާރު ކުރާނެ، އަދި ކުރާ އިތުބާރު ދަމަހައްޓާނެ ސަބަބުތަކަކަށް ވެގެންދާނެ ކަމަށެވެ.
އެގޮތުން ފާހަގަކުރެއްވި ބައެއް ކަންކަމަކީ، ވޯޓު ކަރުދާހުގެ އަދަދާއި، ވޯޓުލާން އަންނަ މީހުންގެ ލިސްޓު ފަދަ ތަކެތި ހާމަކަން ބޮޑުކޮށް އެނގެން ހުރުމާއި ވޯޓު ގުނުމުގެ މަސައްކަތް އޮބްޒާވަރުންނާއި މޮނީޓަރުންގެ ކުރިމަތީގައި ކުރިއަށް ގެންދިއުމެވެ.
"ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްވިޔަސް، އިންތިހާބެއްގަ އެބަ ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ހައްގުތަކެއް ހިމެނިގެން ކުރިއަށް މި ދަނީ ދެއްތޯ، އެހެންދާއިރު ޕާޓީތަކުންވެސް ހައްގުތައް ނުގެއްލޭ ގޮތަށް އެކަން ކުރަން ޖެހޭނެ" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މި ފަހުގެ ތާރީހުގައި އެންމެ ފުރިހަމަކޮށް ކުރިއަށް ގެންދިޔަ އިންތިހާބު ކަމަށްވާ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ބުރަ މަސައްކަތެއް ކުރެއްވި ހަބީބު ދެކިލައްވާ ގޮތުގައި އީސީގެ ފަންނީ އެހީއާއެކު ޕާޓީތަކުގެ އިންތިހާބުތައް އިތުރަށް ފުރިހަމަ ކުރެވޭނެ އެވެ.
"ފަންނީ ސަޕޯޓު ބޭނުންވާ ކަމުގައި ވަންޏާ އެކަން އަޅުގަނޑުމެން ފޯރުކޮށްދޭނަން ޕާޓީތަކަށް، މިސާލަކަށް އޮބްޒާވަރުންނާއި މޮނީޓަރުން ތަމްރީނު ކުރަން ކަމުގައި ވިޔަސް، ނުވަތަ އޮފިޝަލުން ޓްރެއިން ކުރަން ވިޔަސް އެ ކަންކަން ފޯރުކޮށްދެވޭނެ" ހަބީބު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތައް ހަރުދަނާ ކުރުމަކީ، ގައުމުގެ ތަރައްގީގެ ދަތުރުގައި ވަރަށްވެސް މުހިންމެ އެއް ލަނޑުދަނޑި އެވެ. ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން ހިންގާ މި ޕާޓީތަކަކީ ވަކި މީހެއްގެ، ވަކި ބައެއްގެ މިލްކިއްޔާތަކަށް ވުމުގެ ބަދަލުގައި ދިމަކްރާތީ ރިވެތި އުސޫލުން ހިނގާ، ހަރުދަނާ ޕާޓީތަކަކަށް ވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އެތެރޭގެ އިންތިހާބުތައް ހަރުދަނާ ކުރުމެވެ. ވަކި ބައެއްގެ ބަދަލުގައި ގިނަ ބަޔަކަށް ފެންނަ ކެންޑިޑޭޓުންނާއި ސިޔާސަތުތަކަށް އިސްކަން ދިނުމެވެ.
Comment