Advertisement

ވިލިމާލެ ފެރީއަށް ދެވޭނެ ގޮތެއް ނުދައްކައި މަގު ބަންދުކުރުމުން އާންމުންގެ ޝަކުވާ ބޮޑުވެއްޖެ

20 ޑިސެންބަރު 2023 - 14:02 3

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އާންމުން އަމީނީ މަގުގެ ހަދަން ފަށާފައިވާ ސަރަހައްދުން މަގު ހުރަސް ކުރަނީ: -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ވިލިމާލެ ފެރީއަށް ދެވޭނެ ގޮތެއް ނުދައްކައި މަގު ބަންދުކުރުމުން އާންމުންގެ ޝަކުވާ ބޮޑުވެއްޖެ

20 ޑިސެންބަރު 2023 - 14:02 3

ވިލިމާލޭ ފެރީ ޓާމިނަލަށް ދެވޭނެ ފަސޭހެ ގޮތެއް ނުދައްކައި، އެ ސަރަހައްދުގެ މަގު ބަންދު ކުރުމުން އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އަމީނީ މަގު ހެދުމުގެ ޕްރޮޖެކްޓުގެ ފަހު ދެ ސެގްމަންޓު ނިންމުމަށް ބަންދުކޮށްފައިވަނީ ހައުސިން މިނިސްޓްރީ ހުންނަ ހިސާބުން ފެށިގެން ވެސްޓް ޕާކާ ހަމައަށެވެ. ޓާމިނަލް ކައިރި ޕޭވްމަންޓު ހުޅުވާފައި އޮތް ނަމަވެސް މަސައްކަތު ސާމާނު ވެސް ޕޭވްމަންޓުގައި ބަހައްޓާފައި ހުރެ އެވެ.

ފެރީ ބޭނުން ކުރާ މީހުން މަގަށް ނުކުންނަނީ ޓާމިނަލް ކުރިމަތީ އޮންނަ ޕާކިން ޒޯނުންނެވެ. ނަމަވެސް މަގު ބަންދުކޮށްފައި އޮތުމުން ސައިކަލުތައް ދުއްވަނީ ޕާކިން ޒޯނު ތެރެއިން ލާފަ އެވެ. ޓާމިނަލް ކައިރި ހުންނަ ޓެކްސީތައް ހުއްޓާ ސަރަހައްދުގައި މިހާރު ހުރީ ސައިކަލުތައް ޕާކުކޮށް ފުރާލައިފަ އެވެ.

"ކާރު ހޯދަން މިހާރު މިޖެހެނީ އައިޖީއެމްއެޗް ކައިރިއަށް ހިނގާފަ ދާން. ސައިކަލުތަކަކަށް ޓާމިނަލް ކައިރިއަކަށް ނާދެވޭ،" މި ނޫހާ ވާހަކަ ދެއްކި ވިލިމާލެ ރައްޔިތަކު އޭނާގެ ތަކުލީފު ހިއްސާކުރަމުން ބުންޏެވެ.

އޭގެ އިތުރުން ހަދަމުންދާ އަމީނީ މަގު ހުރަސްކުރުމުގައި ވެސް ދަތިތަކާއި ކުރިމަތިވާ ކަމަށް ގިނަބަޔަކު ފާހަގަކުރި އެވެ. މަގު ހުރަސް ކުރަން ފަސޭހަވާނެ ގޮތަށް ޖާގައެއް ހަދައިފައި ހުރުން މުހިންމު ކަމަށް އާންމުން ދެކެ އެވެ.

"މަގުގަ މި އޮންނަނީ ހޮޅިތަކާ ދަގަނޑުތަކާ. އަނެއްކާ އެހާ ޗަކަ. ކުޑަކުދިންނާ މުސްކުޅިންނަށް ހާއްސަކޮށް ހުރަސް ކުރަން އެބަ އުނދަގޫވޭ،" އާންމު ރައްޔިތަކު ކަންބޮޑުވުން ފާޅުކުރަމުން ބުންޏެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އިޔާން/އަދަދު


އަމީނީ މަގުގެ ފަހު ދެ ސެގްމެންޓް ތާރު އެޅުމަށް ބަންދުކުރުމާއެކު، އެމްޓީސީސީއިން މާލެ ސަރަހައްދުގައި ދޭ ބަހުގެ ހިދުމަތް ދޭ ރޫޓުތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

ބަސް ރޫޓުތަކަށް ގެނައި ބަދަލު

  • އަމީނީ ރޫޓު (R11) ގެ ދަތުރުތައް އަމީނީ މަގުންގޮސް ހަނދުވަރީ ހިނގުމުން އެޅުމަށްފަހު މަޖީދީ މަގަށް އަޅައިގެން ދަތުރުކުރާގޮތަށް ބަދަލުގެނައުން
  • އޯކިޑު ރޫޓު (R10) ގެ ދަތުރުތައް މަޖީދީ މަގުންގޮސް ވެސްޓު ޕާކު ސްޓޮޕުން އަނބުރާލާ ގޮތަށް ބަދަލުގެނައުން
  • މޭލެއާއި ހުޅުމާލެއާ ދޭތެރޭ ދަތުރުކުރާ ބަސްތައް މާލެއިން ފަށާ އަދި ނިންމާ ސްޓޮޕަކަށް މާފަންނު ބަސް ޓާމިނަލް ހެދުން

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށީ ނިމިގެން ދިޔަ ސަރުކާރުގަ އެވެ. ނަމަވެސް ދައުރު ނިމުނުއިރު، އެ މަގުގެ މަސައްކަތް ނިންމާފައިވަނީ ހައުސިން މިނިސްޓްރީއާ ހަމައަށެވެ. ތޭރަ ސެގްމެންޓަކަށް ބަހާލާފައިވާ އެ މަސައްކަތުގެ ތެރެއިން ނުނިމި އޮތީ ސެގްމެންޓު 12 އާއި 13 އެވެ.

ނުނިމި އޮތް ދެ ސެގްމެންޓުގެ މަސައްކަތް ފެށީ ޑިސެމްބަރު 9، ގަ އެވެ.

އަމީނީ މަގު ތަރައްގީކޮށް ނިމޭއިރު، އާންމުކޮށް ފެންބޮޑުވާ އެ މަގުގައި ފެން ހިންދުމުގެ ނިޒާމު ވެސް ރަނގަޅު ވެގެންދާނެ އެވެ. އެ މަގުގައި ކުރިން ގާއިމުކޮށްފައި ހުރި ޕަންޕު ސްޓޭޝަންތައް ވަނީ ކުރިއަށް ވުރެ ވަރުގަދަކޮށްފަ އެވެ.