Advertisement

ތިނަދޫ ސިޓީއަކަށް ބަދަލުކުރަން މަޖިލީހުން ކަމެއް ނުކުރާ ކަމަށް މިނިސްޓަރު ވިދާޅުވުމުން ނިޔާޒު ރައްދުދެއްވައިފި

20 ޑިސެންބަރު 2023 - 11:00 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް، މިނިސްޓަރު އާދަމް ޝަރީފްގެ ވާހަކަތަކާ މެދު ނިޔާޒް ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި - ފޮޓޯ: ޝާބިން / އަދަދު


ތިނަދޫ ސިޓީއަކަށް ބަދަލުކުރަން މަޖިލީހުން ކަމެއް ނުކުރާ ކަމަށް މިނިސްޓަރު ވިދާޅުވުމުން ނިޔާޒު ރައްދުދެއްވައިފި

20 ޑިސެންބަރު 2023 - 11:00 0

ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ނިންމާފައި ވަނިކޮށް، ތިނަދޫ ސިޓީއަކަށް ހެދުން އަވަސް ކުރަން ގޮވައިލެއްވުމުން ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރަށް، ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ރައްދު ދެއްވައިފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ މަސައްކަތް އޮތީ ފުރިހަމަ ނުވެ ކަމަށާއި އެކަން އަވަސްކުރުމަށް އެމްޑީޕީއަށް ގޮވައިލައްވާ ކަމަށެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ މަސައްކަތް ފުރިހަމަ ކުރުމަކީ ގާނޫނު ބަދަލުކޮށްގެން ވިޔަސް ކުރަން މުހިންމު މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ގާތްގަނޑަކަށް ދޭއް ބައި އަހަރު ކުރިން، ތިނަދޫ މި އޮންނަން ޖެހެނީ މިހާރު ލާމަރުކަޒީ ގާނޫނު އޮތްގޮތުން ސިޓީއެއްގެ ދަރަޖަ ދީފައި. އެކަމަކު އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް ހަގީގަތުގައި ހަމަ ރަށުގެ ކައުންސިލުން މި ހިންގަނީ، އެތަނުގައި ތިއްބެވި ކައުންސިލަރުން އަދި ސެކްރެޓަރީ ޖެނެރަލުން. އެކަމަކު މިއީ މުޅިން ތަފާތު ދަރަޖަތަކެއް," މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވިދާޅުވި އެވެ.

މިނިސްޓަރު މިމޭރުމުން ވާހަކަދެއްކެވީ، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ލާމަރުކަޒީ ކޮމެޓީން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބައެއް އިސްލާހުތައް ގެނައުމަށް ފާސްކޮށްފައި ވަނިކޮށެވެ. މި އިސްލާހުތައް ތަންފީޒުކުރެވޭނީ، މަޖިލީހުގެ ތަޅުމަށް ފޮނުވައި، ތަޅުމުން ފާސް ކުރުމުންނެވެ.

މިނިސްޓަރުގެ ކަންބޮޑުވުންތަކާއި ޝަކުވާތަކާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވައި، ތިނަދޫ އަށް ސިޓީގެ ދަރަޖަ ދިނުމުގައި އުފެދިފައި އޮތް އޮޅުމަށް ދާއިމީ ހައްލެއް ގެނައުމަށް ގާނޫނަށް އިސްލާހު ހުށައަޅާފައިވާ ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ.

"ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލިސް އިން އެއްވެސް ކަމެއް ނުކުރާކަމަށް ވިދާޅުވާ އިރު ވުޒާރާގެ މެންޑޭޓް ގާނޫނާ އެއްގޮތަށް އަދި ފާސްނުކުރޭ،" އަލީ ނިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ސަރުކާރުން ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވިއިރު، ވުޒާރާތަކުގެ މެންޑޭޓް ފޮނުވާފައެއް ނުވެ އެވެ. މެންޑޭޓަށް ރުހުން ނުދީ، ވަޒީރުންނަށް ރުހުން ނުދެވޭނެ ކަން އެމްޑީޕީން ފާހަގަކުރުމުން، އެ މައްސަލަ މިހާރު ވަނީ އަނެއްކާ ވެސް ކޮމެޓީ މަރުހަލާއަށް ފޮނުވާލާފަ އެވެ.

އެހެންކަމުން، މަޖިލީހުން މަސައްކަތެއް ނުކުރާ ކަމަށް ދޭހަވާ އިބާރާތުން މިނިސްޓަރު ވާހަކަ ދެއްކެވެމުން، ނިޔާޒް ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި އެވެ.

ލާމަރުކަޒީ ކޮމެޓީން، ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ހުރިހާ ކަމެއް ނިންމުމަށް ފަހު، ކޮމެޓީ ރިޕޯޓު ތަޅުމަށް ފޮނުވުމުގެ ކުރިން އިތުރު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް މަޖިލީހުގެ ކައުންސިލް ޖެނެރަލް ލަފާ ދެއްވުމުން މިހާރު އެ އިސްލާހުތައް ވެސް ކޮމެޓީން ވަނީ ގެނެސްފަ އެވެ.

މިހާރު ތިނަދޫގެ ރަށު ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލު ކުރުމުގައި އިތުރު އޮޅުމެއް ނާރާނެ ގޮތަށް ލާމަރުކަޒީ ގާނޫނު މާނަކޮށް، މިހާރު ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް، ކޮމެޓީއިން ފާސް ކުރި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ކުރިން، އިތުރު އިސްލާހެއް ގެނައުން މުހިންމު ކަމަށް ނިޔާޒް އޭރު ވިދާޅުވި އެވެ.

އެހެންކަމުން، ކޮމެޓީން ނިންމީ ލާމަރުކަޒީ ގާނޫނުގެ 51 ވަނަ މާއްދާއަށް އިސްލާހެއް ގެނައުމަށެވެ. 51 ވަނަ މާއްދާގެ ކ. ގައި ބުނެފައި ވަނީ "ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމުގައިވާ ނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެހިނދުން ފެށިގެން އުވުނީ" ކަމަށެވެ.

މި މާއްދާއަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ:

  • ސިޓީއެއް އުފައްދާނީ އިދާރީ ދާއިރާގެ ހުރިހާ ރަށެއް އެކުވެގެން ކަމަށްވާ ނަމަ، އަތޮޅު ކައުންސިލް އުވިގެން ދާނެ ކަމަށް
  • އަތޮޅު ކައުންސިލް އުވިއްޖެ ނަމަ، އަތޮޅު ކައުންސިލްގެ ޒިންމާތައް ސިޓީ ކައުންސިލަށް ބަދަލުކުރަން

ވަކި ރަށެއް ސިޓީއަކަށް ބަދަލުވާ ނަމަ، އަތޮޅު ކައުންސިލް ދެމި އޮތުމާއެކު ޒިންމާތައް ވެސް އަތޮޅު ކައުންސިލުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ނިޔާޒް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ، މި އިސްލާހަށް ރިއާޔަތް ކޮށެވެ.

ރައީސް ސޯލިހު ނެރުއްވި ގަރާރަކުން ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅުމާއެކު، މިހާރު އޮތް ރަށު ކައުންސިލަށް ލިބިދޭ ބާރުތައް ދިނުމުގައި ހުރި އިދާރީ ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް އެދި އެ ރަށުގެ ކައުންސިލުން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވެ އެވެ.

އަދި ގުޅުން ހުރި އިދާރާތަކާ މަޝްވަރާ ކޮށް، އެ މަސައްކަތް މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ކޮށްފައިވެ އެވެ.

ތިނަދޫއަކީ ރާއްޖޭގައި ކަނޑައެޅުނު ފަސް ވަނަ ސިޓީ އެވެ. ތިނަދޫގެ އިތުރުން، ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ވެރިކަންކުރާ މާލެ ސަރަހައްދާއި އެންމެ ދެކުނުގައިވާ އައްޑު އަތޮޅާއި ފުވައްމުލަކު އަދި ހދ. ކުޅުދުއްފުއްޓަށެވެ.