Advertisement

ބޮޑު ވާހަކައެއް، ހައްސާސް މައްސަލައެއް: އަޒުލު ކުރުމުގެ ސީރިއަސް މަސައްކަތްތަކެއް އެބަ ހިނގާތަ؟

21 ޑިސެންބަރު 2023 - 10:30 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް ޑރ.މުހައްމަދު މުއިއްޒު ބައެއް އަރިސްބޭފުޅުންނާ އެކު ރައީސް އޮފީހުގައި. ފޮޓޯ: ރައީސް އޮފީސް


ބޮޑު ވާހަކައެއް، ހައްސާސް މައްސަލައެއް: އަޒުލު ކުރުމުގެ ސީރިއަސް މަސައްކަތްތަކެއް އެބަ ހިނގާތަ؟

21 ޑިސެންބަރު 2023 - 10:30 1

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް މަސް ދުވަސް ނުވަނީސް އެމަނިކުފާނާއި އެމަނިކުފާނުގެ ނައިބު ހުސެއިން މުހައްމަދު ލަތީފު މަގާމުން ދުރު ކުރުމުގެ ވާހަކަ ސިޔާސީންގެ މެދުގައި ތިލަވެއްޖެ އެވެ.

ދައުލަތުގެ އެންމެ އިސް ވެރިޔާ އާއި ނައިބު ވަކި ކުރުމުގެ ވާހަކަ ހަމައެކަނި ދައްކައިލުމުގެ ބަދަލުގައި، އެކަމަށް ފަސޭހަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

އެ މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އަތުގަ އެވެ. އެ ޕާޓީގެ 56 މެމްބަރުގެ މަޖިލީހުގައި ތިބެ އެވެ. ދަ ޑިމޮކްރެޓްސްގެ 13 މެމްބަރުން ތިބިއިރު، ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގައި ތިބީ އެންމެ ހަތަރު މެމްބަރުންނެވެ.

ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް ނެތް މަޖިލީހެއްގައި، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލު ކުރުމުގެ ވާހަކަ ދައްކައި، އެކަމަށް މަގުފަހި ކުރުމުން، އެ ދެވެނީ ބޮޑު މެސެޖެކެވެ. އެ ދެކެވެނީ ބޮޑު ވާހަކައެކެވެ.

އެ ވާހަކަތަކާއެކު އާންމުންގެ ހިތަށް އެންމެ ފުރަތަމަ އަރާ ސުވާލަކީ، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު އަޒުލުކޮށް މަގާމުން ދުރުކުރަންޖެހޭ ވަރުގެ ކަމެއް ނުވަތަ ހާދިސާއެއް މި ވެއެތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ހިނގައިފިތޯ އެވެ؟ ރައްޔިތުންގެ ވޯޓަކުން ފަސް އަހަރު ވެރިކަން ކުރަން ހޮވި ރައީސެއްގެ ވެރިކަން ރަނގަޅަށް ހިނގައިނުގަނެވެނީސް މަޖިލީހުން އެ ވެރިކަން ނިމުމަކަށް ގެންނަންޖެހެ ސަބަބަކީ ކޮބައިތޯ އެވެ؟

އަޒުލު ކުރާ ގޮތް ބަޔާން ކުރާ މާއްދާތަކަށް ބޮޑެތި އިސްލާހުތަކެއް

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު އަޒުލު ކުރަންޖެހިއްޖެ ނަމަ އެކަން ބަޔާން ކުރާ މާއްދާތައް ބަޔާން ކުރާ އަށް ކަމަކަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބަދަލު ގެނެސްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ގަރާރު ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވުން.
  • ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުން.
  • އެފަދަ މައްސަލައެއްގެ ބަހުސްގެ ވަގުތަކީ ތިން ގަޑިއިރު. ރައީސް ނުވަތަ ނައިބު ރައީސް އަށް ދިފާއުގައި ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވާނީ 30 މިނެޓު.
  • ތުހުމަތު ދިފާއުކުރެއްވުމަށްޓަކައި ގިނަވެގެން ތިން ވަކީލުން ގެންދެވޭނެ.
  • ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ މައްސަލަ ފޮނުވަން ޖެހޭނީ ކޮމިޓީއަށް
  • އެ ކޮމިޓީގެ މެންބަރުންގެ އަދަދަކީ ހަތެއް.
  • ފަސް ދުވަސްތެރޭގައި މައްސަލަ ތަހުގީގުކޮށް ރިޕޯޓު މަޖިލީހުގެ ރައީސްއަށް ފޮނުވުން
  • މަޖިލީހުގެ ރައީސްއަށް ރިޕޯޓު ލިބޭތާ ދެ ދުވަސްތެރޭގައި ރިޕޯޓާމެދު ގޮތެއް ނިންމަން މަޖިލީހުގެ ޖަލްސާއެއް ބޭއްވުން.

މިހާރު ގަވާއިދު އޮތް ގޮތުން ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ހުށަހެޅުމަށް ފަހު އެ މައްސަލައެއް ކުރިޔަށް ގެންދަން މަޖިލީހުގެ ތަޅުމުން ފާސްކޮށްފި ނަަމަ ދިރާސާކުރަން ނަގާ ކޮމިޓީގައި 11 މެންބަރުން ތިބެންޖެހެ އެވެ. ނަމަވެސް ފަހުން ގެނައި ބަދަލާއެކު ދެން ތިބޭނީ ހަތް މެންބަރުންނެވެ.

އެގާރަ މެންބަރުންގެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ތަމްސީލުވާންޖެހޭ އެވެ. އަލަށް ގެންނަން ބަދަލުން އެކަން ލާޒިމެއް ނުކުރެ އެވެ.

މިހާރު ގަވާއިދު އޮތް ގޮތުން ރައީސް އަށް ނުވަތަ ނައިބު ރައީސްގެ މައްޗަށް ކުރާ ތުހުމަތުތައް ވަކިވަކިން ބަޔާންކޮށް، ވޯޓަށް އަހަންޖެހެނީ އެ ތުހުމަތުތަކަށް ވަކިވަކީންނެވެ. އަދި ކޮންމެ ތުހުމަތަކަށް ދެ ގަޑިއިރު ބަހުސްކުރަން ދޭންޖެހެ އެވެ. އެ އުސޫލު ބަދަލުކޮށް، ބަހުސްކުރަން ޖުމުލަ ތިން ގަޑިއިރު ދޭން ވަނީ ކަނޑައަޅައިފަ އެވެ.

ގަވާއިދު މިހާރު އޮތް ގޮތުން ބަހުސަށް ފަހު މަޖިލީހުން ނިންމާ ގޮތެއް ކަނޑައެޅުމަށް މެމްބަރުން ބަހުސްކުރަން ބާއްވަންޖެހޭނީ ސިއްރު ޖަލްސާއެކެވެ. ނަމަވެސް ގަވާއިދަށް ގެންނަ ބަދަލުގައި އެކަމެއް ނެތެވެ.

މެމްބަރުންގެ ނަޒަރުގައި ބޮޑު ވާހަކައެއް، މުހިންމު މަސައްކަތެއް ނުކުރޭ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލުތައް ގެނައިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރަންޖެހޭ ކަމަށް އެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަވްތާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވި އެވެ.

"ފާޅު ކުރަމުންދާ ހިޔާލުތަކާއެކު ޔަގީންވެ ކަށަވަރުވާ ކަމަކީ މިއަދު މަޖިލީހުން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ރައީސް އަޒުލުކުރުމުގެ މަސައްކަތްކަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ޕީޖީއަށް އެ މައްސަލަ ހުށަހަޅާނަން،" ޝިފާއު ވިދާޅުވި އެވެ.

އޭގެ ފަހުން، ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮށްފައި އިން ޕޯސްޓަކަށް ޖަވާބު ދެއްވަމުން، ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ، ރައީސް މަގާމުން ވަކި ކުރުމާ ގުޅޭ ވާހަކަ ގާނޫނުއަސާސީގައި ބަޔާންކުރާ މާއްދާގެ ފޮޓޯއެއް ޕޯސްޓުކޮށްފަ އެވެ.

ނަމަވެސް އެއީ މާ ސީރިއަސް ކަމެއްގެ ގޮތުގައި ޕާޓީތަކުން ނުދެކެވެ. އަޒުލު ކުރުމުގެ ސީރިއަސް ވާހަކައެއް، މަސައްކަތެއް ވެސް ކުރަމުންނުދާ ކަމަށް ޕާޓީތަކުން ދެކެ އެވެ.

ހުޅުމާލެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު އަޒުލު ކުރުމުގެ ވިސްނުމެއް އެ ޕާޓީން މިހާތަނަށް ނުގެންގުޅޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައީ ޖުމްލަ ބަދަލެއް ކަމަށާއި އެއީ ރައީސް މަގާމުން ވަކި ކުރުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"ކޯރަމް ބަދަލު ކުރުމުގެ އިސްލާހާއި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަކާ އެއްވެސް ގުޅުމެއް ނެތް. އަޅުގަނޑު ގަބޫލު ކުރަނީ ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުން ކަހަލަ ބޮޑު ކަމެއް ހިނގާއިރުގައި ހަމައެކަނި އެންމެ ޕާޓީއަކަށް ކުރެވޭނެ ކަމެއް ވެސް ނޫންކަން. އެހެން ޕާޓީތަކާއި ގިނަ ބައެއްގެ ބައިވެރިވުން އޮވެގެން އެކަން ކުރެވޭނީ ވެސް،" ނިޔާޒު ވިދާޅުވި އެވެ.

"އެގޮތަށް މާނަ ކުރައްވައިގެން އެމްޑީޕީގެ މެމްބަރުން އެކަނި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރެވޭ ގޮތަށް އިސްލާހު ގެނައި ކަމަށް ދައްކާ ވާހަކައަކީ އެއްވެސް ވަރަކަށް ހަގީގަތެއް އޮތް ވާހަކައެއް ނޫން."

ރައީސް އަޒުލު ކުރަންޖެހޭ ކަމަށް ވިދާޅުވެ މެމްބަރު ޝިފާއު ދެއްކެވި ވާހަކަ ނިޔާޒު ސިފަ ކުރެއްވީ "ސިޔާސީ ވާހަކައެއް" ގެ ގޮތުގަ އެވެ.

"ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ގޮތުން ވަރަށް ގިނަ ވާހަކަ ދައްކާ ތަނެއް. އެތަނުގައި ރަށު ތެރޭގައި ހުންނަ ރޫހާ އެއްގޮތަށް އެ ދާއިރާތަކުގެ މެމްބަރުން ވާހަކަ ދައްކަވާނެ. އެއީ އެބޭފުޅާގެ ވިސްނުމުގައި އެގޮތަށް ވާހަކަ ދައްކަން ވިސްނުނީމަ ދެއްކި ވާހަކަތަކެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު، ސަރުކާރު މަސައްކަތް ކުރާ ގޮތުން "އަމިއްލައަށް އަޅުގަނޑުމެން ލައްވާ އަޒުލު ކުރަން" އުޅޭހެން ހީވާ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހައިރާންވެފައި މި ތިބެނީ އެބޭފުޅުން އަމިއްލައަށް އަޅުގަނޑުމެން ލައްވާ އަޒުލު ކުރުވަން މަސައްކަތް ކުރައްވަނީ. ރައްޔިތުންގެ ތެރޭގައި އެބަ އޮތް ވަރަށް ބޮޑު ނުތަނަވަސްކަމެއް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ދެއްކި ވާހަކަތަކުގެ ހަގީގަތެއް މިދިޔަ އެއްމަސް ދުވަހުގެ ތެރޭގައި ހާމަނުކުރެވި އޮތުމުން. ހާއްސަކޮށް އިންޑިއާ ސިފައިންގެ މައްސަލަ އާއި ކަނޑު ވިއްކާލިކަމުގެ މައްސަލަ. އެ މައްސަލަތަކުގައި ރައްޔިތުން ގަބޫލު ކުރަނީ ވަރަށް ބޮޑު އޮޅުވާލުމެއް އަދި ދޮގު ހަދައިގެން ކަމަށް ވެރިކަމަށް އަރާވަޑައިގެން ހުންނެވީ،" ނިޔާޒު ވިދާޅުވި އެވެ.

އަޒުލު ކުރުމުގެ ވާހަކައާ ގުޅޭ ގޮތުން ވާހަކަ ދައްކާލަން މި ނޫހުން އިތުރު ބޮޑު ދެ ޕާޓީއަށް ގުޅިއިރު، އެ ދެ ޕާޓީން ވެސް ބުނީ ރައީސް ޑރ. މުއިއްޒު އަޒުލު ކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުންނުދާ ކަމަށެވެ. އެފަދަ މަސައްކަތެއް ކުރާކަން ނޭނގޭ ކަމަށް ވެސް ޕާޓީތަކުން ބުންޏެވެ.

ރައީސް މުއިއްޒުގެ ރައްދު

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަން މަސައްކަތް ކުރާކަން ނޭނގޭ ކަމަށް ޕާޓީތަކުން ބުނި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލުތަކާއި ދެކެވެމުންދާ ވާހަކަތައް ރައީސް ޑރ. މުއިއްޒު ނެންގެވީ ވަރަށް ސީރިއަސްކޮށެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ގާނޫނީ ސަރުކާރަށް ލޮޅުން އަރުވާލުމަކީ "ފިނޑިކަމެއް" ކަމަށެވެ.

"ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ހާއްސަކޮށް ތިމާމެންގެ އާރާބާރު ދައްކާލާން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން. ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލުތަކާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ވާހަކަ ދެއްކެވި އެވެ.

"އިއްޔެ އާންމު ކޮމެޓީން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ނިންމުމެއް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅިފައި އޮންނާނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބުނާ އުސޫލުން. މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ރިއާޔަތްކޮށް ނިންމާ ނިންމުމުގެ އަދަދު އާންމު ކޮމިޓީން ނިންމާ އަދަދަކަސް ނިންމޭނެ އެއްވެސް ހަމައެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން ބުދަ ދުވަހު ރައީސް ވަނީ ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް އާއި ދަ ޑިމޮކްރެޓްސްގެ ހަސަން ލަތީފްއާ ރައީސް ބައްދަލު ކުރެއްވި އެވެ.

"މި ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާ އާއި ލާބައަށް މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް،" އެ ބައްދަލުވުންތަކަށްފަހު ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަކީ ކުޑަކަމެއް ނޫނެވެ. ރާއްޖޭގެ ތާރީހުގައި އަޒުލުކޮށްގެން ރައީސަކު މަގާމުން ދުރުކޮށްފައެއް އަދި ނުވެ އެވެ. ނަމަވެސް އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކޮށައިދޭ މަގެކެވެ. ރައްޔިތުންގެ ވޯޓަކުން ފަސް އަހަރު ވެރިކަން ކުރަން ހޮވި ރައީސް މުއިއްޒު އަޒުލު ކުރާނަމަ އެކަން ހިނގަންޖެހޭނީ ވަރަށް ސާފުކޮށެވެ. ސަބަބުވެރި ސަބަބުތަކެއް އެކަމުގެ ފަހަތުގައި އޮންނަންޖެހެ އެވެ.