Advertisement

ޕޮޒިޓިވް ކަންކަން އެބަހުރި، މިއީ ދިވެހި ފުޓްބޯޅައިގެ ހުނަރަށް ބަލާއިރު ހައްގު މިންވަރެއް ނޫން: މިލޯ

20 ޑިސެންބަރު 2023 - 11:53 0

އަތޫފް އާތިފް

އަތޫފް އާތިފް

މާޒިޔާގެ ކޯޗު މިލޮމީރް ސެސްލިޖާ (މިލޯ): އޭނާ ވަނީ ދިވެހި ފުޓްބޯޅައިގެ ހުނަރަށް ތައުރީފުކޮށްފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޕޮޒިޓިވް ކަންކަން އެބަހުރި، މިއީ ދިވެހި ފުޓްބޯޅައިގެ ހުނަރަށް ބަލާއިރު ހައްގު މިންވަރެއް ނޫން: މިލޯ

20 ޑިސެންބަރު 2023 - 11:53 0

ދިވެހި ފުޓުބޯޅައިގައި ނެގެޓިވްކަންކަން ހުރި ނަމަވެސް ޕޮޒިޓިވް ގިނަ ކަންތައްތަކެއް ވެސް އެބަހުރި ކަމަށާއި އެންމެ ބޮޑު ކަމަކީ ރާއްޖޭގައި ފުޓްބޯޅަ ހުނަރު އޮތް މިންވަރަށް ހައްގުވާވަރުގެ ވަސީލަތްތަކެއް ނެތުން ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު، ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.

މާޒިޔާއިން ވަނީ އިއްޔެ ހަވީރު ކުޅުނު އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި 1-0 ގެ ނަތީޖާއަކުން ކުލަބް އީގަލްސް ބަލިކޮށް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގުގެ އައް ޑަނަ އުފުލާލައިފަ އެވެ. މިއީ މާޒިޔާއިން ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު މިލޯ ބުނީ ސީޒަންގެ މެދުތެރެއިން އައިސް މާޒިޔާ އަށް ކޯޗުކަން ކޮށްދިނުން އެއީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އަދި މާޒިޔާގެ އޮތް ސްކޮޑާ އެކު ލީގު ކާމިޔާބުކުރެވުނީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށް މިލޯ ބުންޏެވެ.

މިލޯ ބުނީ ދިވެހި ފުޓުބޯޅައިން އޭނާ އަށް ކުރެވުނު ތަޖުރިބާއަކީ ނެގަޓިވް ގިނަކަންކަމާއެކުގައި ވެސް ޕޮޒިޓިވް ކަންކަން ދިވެހި ފުޓުބޯޅައިގައި ހުރި ކަންކަމަށެވެ. އެގޮތުން ދިވެހި ކުޅުންތެރިންގެ ހުނަރު ހުރިކަން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ފެނިގެން ހިނގައްޖެ ކަމަށް މިލޯ ބުންޏެވެ.

"އަހަންނަށް މި ފެންނަނީ މިތަނަށް (ގަލޮޅު ދަނޑަށް) ކޮންމެ މީހަކަށްވެސް އައިސް ވަދެވޭތަން. ކުޑަކުދިން އައިސް މިތަނުގައި ކުޅޭ މަންޒަރުވެސް އެބަފެނޭ. މިއީ ދިވެހި ފުޓުބޯޅައިން ފެންނަން ހުރި ޕޮޒިޓިވްކަންކަން. މި ލީގުގައި އެބަކުޅޭ ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިންތަކެއް ވެސް." މިލޯ ބުންޏެވެ.

"މި އަށް ވުރެ ރަނގަޅު ދަނޑެއް ރާއްޖެ އަށް ހައްގު، ދިވެހި ފުޓްބޯޅަ އަށް ހައްގު މިންވަރުގެ ވަސީލަތެއް އޮންނަން ޖެހޭ،"

މީގެ ކުރިން މިލޯ ވަނީ ލީގުގައި ވާދަވެރި މެޗުތަކެއް ނުލިބޭތީ އެކަން ފާހަގަކޮށްފަ އެވެ.

އިއްޔެގެ މެޗަށް ފަހު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ވެސް ވަނީ ވާދަވެރި މެޗެއް ނުކުޅެ ގިނަ ދުވަސްކޮށްފައި މާޒިޔާ މެޗު ކުޅެން ޖެހުމުން އޭގެ އަސަރު ޓީމުން އިއްޔެގެ މެޗުގައި ފެނުނު ކަމަށް ބުނެފައެވެ.

"ގާތް ގަނޑަކަށް މަހެއްހާ ދުވަހު ނުކުޅެ ތިބެފައި މި މެޗަށް ނުކުންނަން މި ޖެހުނީ، އެކަން މި މެޗުން ފެނިގެންދިޔަ. އެކަމަކު ހީކުރި ވަރަށްވުރެ ރަނގަޅަށް ދިޔައީ، ގޯލު ޖަހަން ގިނަ ފުރުސަތުތަކެއްވެސް ލިބުނު. މާޒިޔާ ކަހަލަ ވަރުގަދަ ޓީމަކާއެކު ކުޅުނުއިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން ވެސް ފުރުސަތު ލިބިފަ މިދިޔައީ. އެކަމަކު މެޗުގެ ފަހުކޮޅު މެޗު ފިޓްނަސްގެ މައްސަލަ ފެނިގެން ދިޔަ" ކަމަށް މޯހަން ބުންޏެވެ.

މޯހަން ބުނީ އިއްޔެގެ މެޗަށް މާޒިޔާ އަށް އޮތް އެޑްވާންޓޭޖަކީ އޭއެފްސީ ކަޕްގައި ރަނގަޅު މެޗުތަކެއް ކުޅެން ލިބުމުގެ އިތުރުން، ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްއާ ކުޅުމުގެ ކުރިން، މި ލީގުގައި ވެސް މެޗުތަކެއް ކުޅެ، މެޗު ފިޓްނަސް ކަހަލަ ކަންކަމަށް މަސައްކަތް ކުރަން ފަސޭހަވުން ކަމަށެވެ.

މޯހަންގެ އެ ވާހަކަތަކަށް މިލޯ ވެސް ވަނީ އެއްބަސްވެފަ އެވެ. އެކަމަކު، މިލޯ ބުނެފައިވަނީ، މާޒިޔާ އަށް މީގެ އޮތް ގެއްލުމަކީ، އޭއެފްސީ ކަޕަށް ތައްޔާރުވެވޭވަރުގެ ރަނގަޅު މެޗުތަކެއް ލީގުގައި ނުލިބުން ކަމަށެވެ.

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގު ނިންމާލީ ދެ ބުރު ކުޅުމަށްފަހުގަ އެވެ. އަދި ލީގުގެ ވަކި ހިސާބަކުން މާލީ ހާލާތު ތަން ނުދޭކަމަށްބުނެ ދެ ކުލަބަކުން (ކުލަބް ވެލެންސިއާ އަދި ކުލަބް ގްރީން ސްޓްރީޓްސް) އިން ވަނީ ބާކީ ހުރި މެޗުތައް ނުކުޅެވޭނެ ކަމަށްބުނެފައެވެ. އަދި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހާލަތު ހުރި ގޮތުން މި އަހަރުގެ ފުޓުބޯޅަ ސީޒަން ނިންމާލީ އެފްއޭ ކަޕް ނުބާއްވައެވެ.