Advertisement

ގައުމީ ސަލާމް ކިޔުމާއި އެ ލަވައަށް އިހުތިރާމް އަދާކުރުން ހުއްދަ ކަމަށް ފަތުވާ މަޖިލީހުން ކަނޑައަޅައިފި

19 ޑިސެންބަރު 2023 - 13:25 0

ގައުމީ ސަލާމް ކިޔާއިރު ރައީސް މުއިއްޒު މޭމަތީ އަތް އަޅުއްވައިގެން: ފަތުވާ މަޖިލީހުން ކަނޑައެޅީ ގައުމީ ސަލާމް ހަރާމް ކަމަށް ކަނޑަނޭޅޭނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ގައުމީ ސަލާމް ކިޔުމާއި އެ ލަވައަށް އިހުތިރާމް އަދާކުރުން ހުއްދަ ކަމަށް ފަތުވާ މަޖިލީހުން ކަނޑައަޅައިފި

19 ޑިސެންބަރު 2023 - 13:25 0

ގައުމީ ސަލާމް ކިޔުމާއި އެ ލަވައަށް އިހުތިރާމް އަދާކުރުން ހުއްދަ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން މިއަދު ކަނޑައަޅައިފި އެވެ.

ސްކޫލުތަކުގައި ގައުމީ ސަލާމް ކިޔުމަށް ލާޒިމް ކުރަން ސަރުކާރުން ނިންމުމުން އެކަމަށް ފާޑުކިޔުން އަމާޒުވެފައި އޮއްވައި، ފަތުވާ މަޖިލީހުން މިއަދު ނެރުނު ފަތުވާއެއްގައި ބުނެފައި ވަނީ ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ހުރުމާއި ގައުމީ ދިދައަށް ސަލާމް ކުރުމާއި މޭމަތީގައި އަތްދަނޑި ބޭއްވުން އިސްލާމް ދީނުގައި ހުއްދަވާނެ ކަމަށެވެ.

"ގައުމީ ސަލާމް ކިޔުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ދިވެހި ގައުމީ ދިދައަށް ސަލާމް ކުރުމާއި ގައުމީ ސަލާމް ކިޔާއިރު ޝަރްއީ އަޅުމެއް އަދާ ކުރުމުގައި ހަށަމަށް ދެ އަތް ބަނދެގެން ހުންނަ ގޮތް ނޫން ގޮތަކަށް މޭމަތީގައި އަތްދަނޑި ބޭއްވުމަކީ އިސްލާމް ދީނުގައި ކަނޑައެޅި ބަޔާންވެގެންވާ އެއްވެސް އަޅުމަކަމާ ގުޅުމެއް އޮތް ކަމެއް ނޫން،" އެ ފަތުވާގައި ބުނެފައިވެ އެވެ.

ފަތުވާގައި ބުނެފައި ވަނީ ގައުމީ ސަލާމަށް އިހުތިރާމް ކުރުމުގެ ގޮތުން ކުރާ ކަންކަމަކީ އާދަކާދަތަކާ ގުޅިފައިވާ ކަންކަން ކަމަށާއި އެފަދަ ކަންކަން ހަރާމް ކުރެވޭނީ ދީނުގެ ސަރީހަ ދަލީލުތަކުން ކަމަށެވެ.

"މިއީ އާދަކާދަތަކާ ގުޅިފައިވާ ކަމެއް. އާދަކާދަތަކުގެ އަސްލަކީ ހުއްދަވުން. އާދަކާދައާ ގުޅޭ ކަމެއް ހަރާމް ކަމަށް ކަނޑައެޅޭނީ ސަރީހަ ދަލީލުތަކުން ސާބިތުވުމުން،" އެ ފަތުވާގައި ބުނެފައިވެ އެވެ.

އެހެންކަމުން ގައުމީ ސަލާމް ކިޔުމާއި އެ ލަވައަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކުރާ ކަންކަން ހަރާމް ކަންކަން ގޮތުގައި ކަނޑަނޭޅޭނެ ކަމަށް ފަތުވާ މަޖިލީހުން ބުނެ އެވެ.

"އެހެންކަމުން މަތީގައި ބަޔާން ކުރެވުނު މައްސަލަ ދިރާސާ ކުރުމުން އެނގި ހާމަވީ މިކަން ހަރާމް ކުރާނެ ސަރީހަ ދަލީލެއް ނެތުމުން މިއީ ހުއްދަ ކަމެއް ކަމަށް،" އެ ފަތުވާގައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ގައުމިއްޔަތުގެ ލޯބި ދަރިވަރުންގެ މެދުގައި އިތުރު ކުރުމަށް ކޮންމެ ސްކޫލެއްގެ ކިޔެވުމުގެ ސެޝަންތައް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔުން މަޖުބޫރުކުރުމަށެވެ. ގައުމިއްޔަތަށް އޮތް ލޯބި އިތުރު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.