Advertisement

ނޭޕާލް ގައުމީ ޓީމުގެ މެޗުތަކުން ލިބޭ ޓިކެޓް ފައިސާގެ 20 ޕަސެންޓް ކުޅުންތެރިންނަށް

18 ޑިސެންބަރު 2023 - 22:25 0

މިދިޔަ ޖޫން/ޖުލައި މަހު ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ކުޅުނު ފަހު މެޗަށް ފަހު އެ ޓީމުގެ ކުޅުންތެރިން ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ނޭޕާލް ގައުމީ ޓީމުގެ މެޗުތަކުން ލިބޭ ޓިކެޓް ފައިސާގެ 20 ޕަސެންޓް ކުޅުންތެރިންނަށް

18 ޑިސެންބަރު 2023 - 22:25 0

ކަތުމަންޑޫ، ނޭޕާލް (ޑިސެމްބަރު 18) - ނޭޕާލްގެ ގައުމީ ފުޓްބޯޅަ ޓީމުން އެ ގައުމުގައި ކުޅޭ މެޗުތަކުން ލިބޭ ޓިކެޓް ފައިސާގެ 20 ޕަސެންޓް ކުޅުންތެރިންނަށް ދޭ ގޮތަށް އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ) އިން ނިންމައިފި އެވެ.

އަންފާގެ ހިންގާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ނޭޕާލުގައި އެ ގައުމުގެ، ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ ހުރިހާ މެޗަކާއި ގައުމީ ފުޓްބޯޅަ ޓީމަށް އެ ގައުމުގައި ބާއްވާ ހުރިހާ މުބާރާތެއްގެ މެޗުތަކުން ލިބޭ ޓިކެޓް ފައިސާގެ 20 ޕަސެންޓް ބަހާނީ އެ މުބާރާތެއް ނޫނީ އެ މެޗެއްގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ކަމަށެވެ.

އެ ގޮތުން، ހިންގާ ކޮމިޓީން ދެން ނިންމާފައިވަނީ އެއްވެސް މެޗަކަށް ނޫނީ މުބާރާތަކަށް ސަޕޯޓަރުންނަށް ހާއްސަ ފާހެއް ނުހެދުމަށެވެ. އެއީ، ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ އިން ކުޅުންތެރިންނަށް ލިބޭ އާމްދަނީގެ ބައި ބޮޑު ކުރުމަށެވެ.

ނޭޕާލްގެ ފުޓްބޯޅައިގެ ބެލެނިވެރި ފަރާތް، އަންފާ އިން މިއަދު ނިންމި ނިންމުމަށް އެ ގައުމުގެ ފުޓްބޯޅަ ކޮމިއުނިޓީން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

އެ ގޮތުން، ނޭޕާލްގެ ގައުމީ ޓީމުގެ ރަސްމީ މެޗުތައް ކުޅޭ ދަސަރަތު ސްޓޭޑިއަމަކީ 15،000 ސަޕޯޓަރުންގެ ޖާގައިގެ ދަނޑެކެވެ. އެހެންކަމުން، ގައުމީ ޓީމުގެ މެޗަކަށް އަދި މުބާރާތަކަށް ވަންނަ ސަޕޯޓަރުން ގަންނަ، ޓިކެޓް ފައިސާ އަށް ބަލާއިރު، އޭގެ 20 ޕަސެންޓަށް ބެލިޔަސް، މެޗު ސްކޮޑަކަށް އެކަށީގެންވާ ވަރެއްގެ ބޯނަހެއް ލިބޭނެ ކަމަށް ނޭޕާލްގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ނޭޕާލް ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ވިންޗެންޒޯ އަލްބާޓޯ: އޭނާ ހަވާލުވި ފަހުން އެ ގައުމުގެ ފުޓްބޯޅައިގެ ހަރަކާތްތައް އަންނަނީ ރަނގަޅުވަމުން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ނޭޕާލްގެ ފުޓްބޯޅަ ޓީމުގެ ކޯޗު، އިޓަލީގެ ވިންޗެންޒޯ އަލްބާޓޯ ވަނީ އަންފާ އިން ޓިކެޓް ފައިސާގެ ވަކި ޕަސެންޓެއް ކުޅުންތެރިންނަށް ދޭން ނިންމި ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.

ނޭޕާލުގައި ފުޓްބޯޅަ ކުޅެގެން ދިރިއުޅުމުގެ ހަރަދުތައް ދެކޮޅުޖެއްސޭނެ އާމްދަނީއެއް ނުލިބޭތީ، ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އަންނަނީ ރަސްމީކޮށް ފުޓްބޯޅަ ކުޅުން ދޫކޮށްލައި، އޮސްޓްރޭލިއާ އަށް ދިރިއުޅުން ބަދަލުކުރަމުންނެވެ. ނޭޕާލް ފުޓްބޯޅައިގައި، އެ ފަދަ ކަންކަން ހިނގަމުން އަންނާތީ ވިންޗެންޒޯ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ގޮތަށް، ނޭޕާލްގެ ފުޓްބޯޅަ ކުޅުންތެރިން ރަސްމީކޮށް ކުޅުމުގެ ވިސްނުމާ ދުރަށް ދިއުން ހުއްޓުވުމަށް ކޮންމެ ވެސް ވަރެއްގެ ބާރެއް އެޅުމަށް އަންފާގެ މި ކަހަލަ ނިންމުންތަކުން (ޓިކެޓް ފައިސާ ކުޅުންތެރިންނަށް ލިބޭ ގޮތް ހެދުމުން) ފަސޭހަތަކެއް ކުރާނެތީ ވިންޗެންޒޯ އުފާކުރެ އެވެ.

ބެންގަލޫރުގައި މިދިޔަ ޖޫން/ޖުލައި މަހު ބޭއްވި ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް، މާޗް މަހު، އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ނޭޕާލްގެ ކޯޗަކަށް ހަމަޖެއްސީ ވިންޗެންޒޯ އެވެ. އޭނާއާ އެކު ނޭޕާލުން ހަދާފައިވާ އެއްބަސްވުން އިތުރު ތިން މަހަށް އާ ކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ވިންޗެންޒޯ ވަނީ މީގެ ކުރިން އިންޑިއާގެ ގޯކުލަމް ކެރަލާ އާއި ނޯތު އީސްޓް ޔުނައިޓެޑަށް ކޯޗުކޮށްދީފަ އެވެ. ނޭޕާލާ ހަވާލުވުމަށް ފަހު، އޭނާ ވަނީ މާޗް މަހު އެ ގައުމުގައި ބޭއްވި ޕްރައިމް މިނިސްޓާ ތުރީ ނޭޝަންސް ކަޕް ކާމިޔާބުކޮށްފަ އެވެ.

އަންފާ އިން ވަނީ މި އަހަރު ތެރޭ ވިންޗެންޒޯއާ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު، ބަދަލުތަކެއް ގެނެސްގެން، ނޭޕާލްގެ މައި ފުޓްބޯޅަ ލީގު ކަަމަށްވާ، ސުޕަ ލީގު އަލުން ފަށައިފަ އެވެ. އެ ގޮތުން، 2021 ވަނަ އަހަރު ފަށާފައި މެދުކަނޑާލަން ޖެހުނު، ނޭޕާލް ސުޕަ ލީގު އަލުން ފަށާފައިވަނީ މިދިޔަ މަހު އެވެ.