about 2 hours 0
about 2 hours 0
ކަތުމަންޑޫ، ނޭޕާލް (ޖެނުއަރީ 19) - ނޭޕާލުގެ ޕަޓާން ހައި ކޯޓުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާގެ އިންތިހާބުގެ މަސައްކަތް ހުއްޓާލަން އަންގާފައިވަނިކޮށް، އަންފާ އިން އޭއެފްސީ އާއި ފީފާގެ ހުއްދައާ އެކު އަވަސް އިންތިހާބު ކަނޑައަޅާފައި އޮތް ތާރީހުގައި އެކަން ކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ނިންމައިފި އެވެ.
މި މަހުގެ 12 ވަނަ ދުވަހު ޕަޓާން ހައި ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ، ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަން، އަންފާގެ އަވަސް އިންތިހާބުގެ މަސައްކަތް ހުއްޓާލުމަށެވެ. އަދި، ހައި ކޯޓުން ވަނީ މި ކަމުގައި ޝާމިލުވާ ފަރާތްތަކުން މާދަމާ ކޯޓަށް ހާޒިރުވެ، މި ކަމުގައި ދެން ކުރިއަށްދާނެ ގޮތުގެ ފަހުގެ ނިންމުމެއް ކަނޑައަޅަން އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.
އެކަމަކު، ކޯޓުގެ މި ކަންކަމަށް ބެލުމެއް ނެތި، އަންފާ އިން އަންނަނީ އިންތިހާބުގެ މަސައްކަތް ކުރަމުންނެވެ. ޖެނުއަރީ ތިން ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަންފާގެ ޖެނެރަލް ސެކްރެޓަރީ، ކިރަން ރާއި ވިދާޅުވީ އަވަސް އިންތިހާބެއް ބާއްވަނީ، އަންފާގެ އަސާސީ ގަވާއިދުގެ ތެރެއިން ކަމަށެވެ.
އެކަމަކު، ނޭޕާލުގެ ސްޓޭޓް އެސޯސިއޭޝަންގެ ޝަކުވާ އަކީ، އިންތިހާބުގައި ވޯޓު ލުމުގެ ކަންކަން މިހާރު އޮތް ގޮތުން، ނޭޕާލްގެ ފުޓްބޯޅަ ރައީސަކަށް ހުންނެވި، ޕަންކަޖު ބިކްރަމް ނެމްބަންގެ ލީޑަޝިޕުން އިންތިހާބަށް ނުފޫޒު ފޯރުވައި އިތުރު ދައުރެއް ކާމިޔާބު ކުރުމުގެ އެޖެންޑާއެއްގެ ދަށުން އަވަސް އިންތިހާބެއް ބާއްވަން އުޅޭ ކަމެވެ. ކޯޓު މަރުހަލާ އަށް މިކަން ހުއްޓުވަން ދިޔައީ ވެސް މި ސަބަބުތަކާ ހުރެ އެވެ.
އެކަމަކު، އެ ތުހުމަތުތަކަށް، ޖެނެރަލް ސެކްރެޓަރީ ކިރަން ރާއި ބުނީ، އަވަސް އިންތިހާބެއް ބާއްވަނީ ފެޑެރޭޝަން ބަދުނާމުކޮށް ވާހަކަ ދައްކާ މީހުން އިންތިހާބަކުން ކާމިޔާބު ހޯދައިގެން، އެ ފެޑެރޭޝަނާ ހަވާލުވެ، ކަންކަން ރަނގަޅުކުރަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އޭއެފްސީ އާއި ފީފާ މެދުވެރިކޮށް ހުއްދަ ހޯދައިގެން، އަންނަ މަހުގެ 11 ވަނަ ދުވަހު އަންފާގެ އިންތިހާބު ބާއްވަން މަސައްކަތް ކުރަމުން އަންނައިރު، މާދަމާ ޕަޓާން ހައި ކޯޓުން އަންނަ ނިންމުމެއްގެ ސަބަބުން، އަންފާގެ އިންތިހާބު ހުއްޓި، އެ ފެޑެރޭޝަނަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރިކަމަށް ބަލައި، ފީފާގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ.
Comment