Advertisement

ލިލް އިން ޕީއެސްޖީ ހުއްޓުވައިފި

18 ޑިސެންބަރު 2023 - 10:08 0


ލިލް އިން ޕީއެސްޖީ ހުއްޓުވައިފި

18 ޑިސެންބަރު 2023 - 10:08 0

ޕެރިސް (ޑިސެމްބަރު 18) - ފްރެންޗް ލީގުގައި ރޭ އިތުރު ވަގުތުގައި ކާމިޔާބުކުރި ގޯލާ އެކު، ލިލް އިން 1-1 އިން ޕީއެސްޖީއާ އެއްވަރުކޮށްފި އެވެ.

މި މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް ޕީއެސްޖީ ވަނީ މޮޅުވެފަ އެވެ. ލިލް އިން މި ވަނީ ޕީއެސްޖީން ޖެހިޖެހިގެން ނުވަ މޮޅު ހަމަކުރަން ކުރި މަސައްކަތަށް ހުރަސް އަޅައިފަ އެެވެ.

ލުއިސް އެންރީކޭ ކޯޗުކޮށްދޭ ޕީއެސްޖީ، ލީގުގެ އެއް ވަނައިގައި އޮތީ 16 މެޗުން 37 ޕޮއިންޓާ އެކު އެެވެ. ދެ ވަނައިގައި އޮތް ނީސް އާއި ތިން ވަނައިގައި އޮތް މޮނާކޯ މި ހަފްތާގައި ކުޅުނު މެޗުން ބަލިވިއިރު، ޕީއެސްޖީ އަށް މޮޅުވެގެން ލީގު ތާވަލުގެ ކުރީގައި ލީޑެއް ނެގުމުގެ ފުރުސަތު އޮތެވެ. އެކަމަކު، އެ ޓީމު އެއްވަރުވުމުން، ފުރުސަތުގެ އެންމެ ރަނގަޅު ބޭނުމެއް ނުހިފުނެވެ.

ލީގު ތާވަލުގެ ދެ ވަނައިގައި އޮތް ނީސް އަށް ވަނީ 16 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މޮނާކޯގެ އޮތީ 16 މެޗުން 30 ޕޮއިންޓެވެ. އަދި ހަަތަރެއްގައި ލިލް އޮތީ 16 މެޗުން 28 ޕޮއިންޓް ހޯދައިގެންނެެވެ.

ރޭގެ މެޗުގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ 66 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ކީލިއަން އެމްބާޕޭ އެެވެ. މިއީ މި ފަހަރު ލީގުގައި އެމްބާޕޭ ޖެހި 16 ވަނަ ގޯލެވެ. މިއީ، ލިލްގެ އޭރިއާތެރެއިން އެ ޓީމުގެ ބަފޯޑް ޑިއަކީޓޭ، ޕީއެސްޖީގެ ލޫކަސް ހެނާންޑޭޒަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ލިލް އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ފޯވާޑް ޖޮނަތަން ޑޭވިޑް އެވެ. އޭނާ މި ގޯލު ޖެހީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ބޮލުންނެވެ.