Advertisement

ދެ މަސް ފަހުން އަނެއްކާ ވެސް ސެވިއްޔާގެ ކޯޗު ވަކިކޮށްފި!

17 ޑިސެންބަރު 2023 - 10:37 0


ދެ މަސް ފަހުން އަނެއްކާ ވެސް ސެވިއްޔާގެ ކޯޗު ވަކިކޮށްފި!

17 ޑިސެންބަރު 2023 - 10:37 0

ސެވިއްޔާ (ޑިސެމްބަރު 17) - ސެވިއްޔާގެ ކޯޗުކަމާ ޑިއޭގޯ އަލޮންސޯ ހަވާލުވިތާ ދެ މަސްފަހުން މަގާމުން ވަކިކޮށްފި އެވެ.

ސްޕެނިޝް ލީގުގެ މަޝްހޫރު ޓީމްތަކުގެ ތެރޭގައި ހިމެނޭ ސެވިއްޔާގެ ކޯޗުކަމުން އަލޮންސޯ ވަކިކުރީ އެ ޓީމުގެ ނަތީޖާތައް ގޯސްވުމުގެ ސަބަބުންނެވެ.

އުރުގުއޭ އަށް އުފަން އަލޮންސޯގެ އިރުޝާދުގެ ދަށުން ސެވިއްޔާ ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. ދާދި ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުލަށް ގޮސް ޔޫރަޕްގެ މުބާރާތްތަކުން ވެސް ސެވިއްޔާ ވަނީ ކަޓައިފަ އެވެ. އާންމުކޮށް، ސެވިއްޔާ އަކީ ޔޫރަޕްގެ މުބާރާތެއްގެ ނޮކައުޓްގައި ވާދަކުރާ ޓީމެކެވެ.

އަލޮންސޯ މަގާމުން ވަކިކުރީ ލީގުގައި އެންމެ ފަހުން ސެވިއްޔާ އިން ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސެވިއްޔާ ބަލިވީ 3-0 އިންނެވެ.

ސެވިއްޔާގެ ކޯޗަކަށް އަލޮންސޯ ހަމަޖެއްސީ މިދިޔަ އޮކްޓޯބަރު މަހުގަ އެވެ. އުރުގުއޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗަށް ސެވިއްޔާގެ ކޯޗުކަން ހަވާލުކުރީ، ސީޒަން ފެށިއިރު އެ މަގާމުގައި ހުރި ހޯސޭ ލުއިސް މެންޑެލީބާ މަގާމުން ވަކިކުރުމަށް ފަހުގަ އެވެ.

ސްޕެނިޝް ލީގުގައި ސެވިއްޔާ އެންމެ ފަހުން މެޗަކުން މޮޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. އެ ޓީމު އޮތީ ލީގު ތާވަލްގެ 16 ވަނައިގަ އެވެ. ރެލިގޭޝަން ޒޯނުގައި އޮތް ޓީމްތަކާ އެއްވަރަކަށް ސެވިއްޔާ އަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން ލިބުނީ އެންމެ ދެ މޮޅެވެ.

ގެޓާފޭ މެޗަށް ފަހު ސެވިއްޔާ އިން ނެރުނު ބަޔާނުގައި ވަނީ އެޓީމަށް އާ ކޯޗެއް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ. އަލޮންސޯ އަކީ މިދިޔަ އަހަރެއްހާ ދުވަހު ސެވިއްޔާއާ ހަވާލުވި ހަތަރު ވަނަ ކޯޗެވެ.