Advertisement

ޕާކިސްތާނުގައި ފުލުހުންނާއި ސިފައިންތަކަކަށް ހަމަލާދީ މަރާލައިފި

17 ޑިސެންބަރު 2023 - 08:20 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ޕާކިސްތާނުގައި ފުލުހުންނާއި ސިފައިންތަކަކަށް ހަމަލާދީ މަރާލައިފި

17 ޑިސެންބަރު 2023 - 08:20 0

ހުޅަނގުއުތުރު ޕާކިސްތާނުގައި ޕްރޮވިންސެއްގެ ޕޮލިސް ސްޓޭޝަނަކަށާއި އަސްކަރީ ޕޯސްޓަކަށް ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާތަކެއްގައި ސަފައިންނާއި ފުލުހުންގެ ހަތަރު މީހުން މަރާލައި އިތުރު ބަޔަކު ޒަހަމުކޮށްލައިފި އެވެ.

ޕާކިސްތާނުގެ ސިފައިންނާއި ފުލުހުންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައި ވަނީ މިދިޔަ ހުކުރު ދުވަހު ހެނދުނު އެވެ. އަފްގާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސަކީ މީގެ ކުރިން ތާލިބާން ހަނގުރާމަވެރިންގެ ބާރުގަދަ ސަރަހައްދެކެވެ. މިފަހަކަށް އައިސް އަނެއްކާ ވެސް ތާލިބާނުން ވަނީ އެ ސަރަހައްދުގެ މައްޗަށް އަތްގަދަ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

ޕާކިސްތާނު ފުލުހުން ބުނީ އެ ޕްރޮވިންސްގެ ދޭރާ އިސްމާއިލް ހާން ސިޓީގެ ފުލުހުންގެ މަރުކަޒަށް އަމާޒުކޮށް ދިން ހަމަލާގައި ދެ އޮފިސަރުން މަރުވެ ތިން އޮފިސަރުން ޒަހަމުވެފައިވާ ކަމަށެވެ. އެ މަރުކަޒަށް ހަމަލާ ދޭން ފެށުމުން ފުލުހުން ދިން ރައްދު ހަމަލާތަކުގައި ހަތިޔާރު އެޅި މީހުންގެ ތެރެއިން ދެ މީހުން މަރާލައިފައިވެ އެވެ. ހަމަލާ ދިން ހަތިޔާރު އެޅި މީހުންގެ ތެރެއިން ދެން މަރުވި މީހާ މަރުވީ ހަމަލާ ދިނުމަށްފަހު ގައިގައި ހަރުކޮށްފައި ހުރި ގޮވާ އެއްޗެއް އަމިއްލައަށް ގޮއްވާލައިގެން ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.

އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައި ވަނީ ހަތިޔާރު އެޅި މީހުންނާއި ޕާކިސްތާނު ފުލުހުންނާ ދެމެދު ގަޑިއިރުތަކެއް ވަންދެން ހަމަލާ ބަދަލު ކުރި ކަމަށެވެ.

ރޮއިޓާސް އިން ރިޕޯޓުކޮށްފައި ވާގޮތުގައި އެ ހަމަލާ ދީފައި ވަނީ އަންސާރުލް އިސްލާމް ކިޔާ ޖަމާއަތަކުންނެވެ. ނަމަވެސް ޕާކިސްތާނުގެ ޑޯން ނިއުސް ޓީވީން ރިޕޯޓުކޮށްފައި ވަނީ ހަމަލާގެ ޒިންމާ އުފުލާފައިވާ ޖަމާއަތަކީ އަންސާރުލް ޖިހާދު ކަމަށެވެ. ހަމަލާދިން ޖަމާއަތަކާ ގުޅޭ ގޮތުން ޕާކިސްތާނުގެ ފުލުހުން އެއްވެސް އެއްޗެއް މިހައިތަނަށް ބުނެފައެއް ނުވެ އެވެ.

ޕާކިސްތާނު ފުލުހުންނާ ހަވާލާދީ ޑޯން ނިއުސް ޓީވީން ބުނެފައި ވަނީ ހަމަލާދިން ފުލުުހުންގެ މަރުކަޒުގައި ސަލާމަތުން ތިބި ހުރިހާ ފުލުހުން މިހާރު ސަލާމަތް ކޮށްފައިވާ ކަމަށާއި ހަތިޔާރު އެޅި ބަޔަކު އެ ސަރަހައްދުގައި އަދިވެސް ހަރަކާތްތެރިވަމުން ދާކަމުގެ މައުލޫމާތު ލިބިފައި ވާތީ ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް އެ އަވަށުގައި ހިންގަމުން ދާ ކަމަށެވެ.

އެ އަވަށުގައި ހުންނަ ސިފައިންގެ ޕޯސްޓަކަށް ދިން ހަމަލާގައި މަރުވެފައި ވަނީ ސިފައިންގެ ދެ މީހުންނެވެ. އެ ހަމަލާގައި ސިފައިންގެ އިތުރު ފަސް މީހުން ޒަހަމުވެފައިވެ އެވެ.

ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސުގައި މި އަހަރު ވަނީ ހަމަނުޖެހުން އިންތިހާއަށް އިތުރުވެފަ އެވެ. މީގެ ތިން ދުވަސް ކުރިން ވެސް އެ ޕްރޮވިންސްގައި ދިން ޖާނުން ފިދާ ވުމުގެ ހަމަލާއެއްގައި ޕާކިސްތާނުގެ 23 ސިފައިން މަރާލާފައިވެ އެވެ. އެ ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ތެހްރީކީ ޖިހާދު ކިޔާ ޖަމާއަތަކުންނެވެ. އެ ޖަމާއަތަކީ ޕާކިސްތާނުގެ ތާލިބާން ގޮފި، ތެހްރީކީ ތާލިބާން ޕާކިސްތާނުގެ ދަށުން ހިންގާ ޖަމާއަތެއް ކަމަށް ބެލެވެ އެވެ.

އޭގެއިތުރުން މި އަހަރުގެ ޖެނުއަރީ މަހު ވެސް ޕެޝާވަރުގައި ހުންނަ މިސްކިތެއްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 101 މީހުން މަރާލައިފައިވެ އެވެ.

ޕާކިސްތާނުގެ ތާލިބާނުންގެ ގޮފިން އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާތާ އެތައް އަހަރެއްވެއްޖެ އެވެ. އެ ޖަމާއަތުގެ ބޭނުމަކީ ޕާކިސްތާނުގެ ސަރުކާރު ވައްޓާލައި އިސްލާމީ ދައުލަތެއް އެގައުމުގައި ގާއިމު ކުރުމެވެ.

ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން ބުނެފައި ވަނީ ޕާކިސްތާނުގައި ތާލިބާނުންގެ ބާރު މިހާރު ގަދަވެފައި ވަނީ 2021 ވަނަ އަހަރު އަފްގާނިސްތާނުގެ ވެރިކަން ތާލިބާނުން ހޯދުމާ ގުޅިގެން ލިބުނު މިނިވަން ކަމާ ގުޅިގެން ކަމަށެވެ.