17 ޑިސެންބަރު 2023 - 07:26 0
މުހައްމަދު ޝަހްޒާން
17 ޑިސެންބަރު 2023 - 07:26 0
ޔަމަނަށް އެެއްވެސް ފިޔަވަޅެއް ނުވަތަ ހަމަލާއެއް ދީފި ނަމަ އެކަމުގެ ނަތީޖާ ހިތި ވާނެ ކަމަށާއި އެކަމުގެ އަގު ދައްކަން މަޖުބޫރުވާނެ ކަމަށް ބުނެ އެމެރިކާ އާއި އިޒްރޭލުގެ އިތުރުން ހުޅަނގުގެ ގައުމުތަކަށް ހޫތީން އިންޒާރު ދީފި އެވެ.
ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް ވެރިކަން ކުރަމުން އަންނަ ހޫތީން ހުޅަނގަށް ވަރުގަދަ އިންޒާރެއް ދީފައި މިވަނީ ރަތް ކަނޑުން ދަތުރު ކުރާ އިޒްރޭލަށް ވާގިވެރިވާ ނުވަތަ އިޒްރޭލާ ގުޅުން އޮންނަ އުޅަނދުތައް ހިފަހައްޓައި، ހަމަލާދިނުމުގެ ސިލްސިލާއާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ދެ ޝިޕިން ލައިނުން އެ ސަރަހައްދުން ދަތުރު ކުރުން ވަގުތީ ގޮތުން ހުއްޓާލުމާއެކު އިޒްރޭލާއި އެމެރިކާއިން އެކަމާ ގުޅޭގޮތުން ވާހަކަދައްކާފައިވާ ދަނޑިވަޅެއްގަ އެވެ.
ބައިނަލްއަގުވާމީ ވިޔަފާރީގެ 40 އިންސައްތަ ކަނޑު ދަތުރުތައް ކުރާ ރަތް ކަނޑުން ކުރިމަތިވާ ހުސީންގެ ހަމަލާތަކާ ގުޅިގެން ދަތުރު ކުރުން ވަގުތީ ގޮތުން ހުއްޓާލާފައި ވަނީ ޑެންމާކުގެ މެއާސްކް ކުންފުންޏާއި ޖަރުމަނުގެ ހާޕަގް ލޮއީޑް ކުންފުނިންނެވެ. އެ ދެ ކުންފުނިން އެ ސަރަހައްދުން ދަތުރު ކުރުން ހުއްޓާލުމާ ގުޅިގެން އިޒްރޭލުން ބުނެފައި ވަނީ އެމެރިކާއާއި ދުނިޔޭގެ އެކި ގައުމުތަކާ ގުޅިގެން ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުތަކަށް ކުރިމަތިވާ ނުރައްކަލާ ކުރިމަތިލުމަށް ތައްޔާރުވަމުން ދާ ކަމަށެވެ.
އެމެރިކާއިން ވެސް ވަނީ ވަނީ ހޫތީންގެ އަމަލުތަކަކީ ރަތް ކަނޑުން ދަތުރު ކުރުމުގެ މިނިވަން ކަމަށް ހުރަސްއެޅުން ކަމަށް ސިފަކޮށް އެކަމާ ދެކޮޅަށް ވާހަކަދައްކައިފަ އެވެ.
އެ ވާހަކަތަކަށް ރައްދުދީ ހޫތީންގެ އަންސާރުﷲ ޕޮލިޓިކަލް ބިއުރޯގެ މެންބަރު، އަލީ އަލް ގަހޫމް ވިދާޅުވީ ޔަމަނު އޮތީ ހުޅަނގާއި އިޒްރޭލު އަދި އެމެރިކާއިން ވެސް އަތުވެދާނެ ކޮންމެ ހަމަލާއަކަށް ދިފާއީ ގޮތުން ތައްޔާރަށް ކަމަށެވެ.
"އިޒްރޭލާއި އެމެރިކާއިން ނުވަތަ ހުޅަނގުން އަންނަ އެއްވެސް އިންޒާރަކާ ހެދި އަހަރުމެން، ހޫތީން ފަލަސްތީނު ދޫކޮށެއް ނުލާނަން،" ލުބުނާނުގެ އަލް މަޔާދީން ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަލް ގަހޫމް ވިދާޅުވި އެވެ.
އިޒްރޭލަށް ވާގިވެރިވާ ނުވަތަ އިޒްރޭލަށް މުދާ އުފުލާ އެއްވެސް އުޅަނދަކަށް ރަތް ކަނޑުގައި އަމާން ކަމެއް ނޯންނާނެ ކަމަށް ބުނެ ހޫތީން ހަމަލާ ދޭން ފެށީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ގަތުލުއާއްމުތަކާ ގުޅިގެންނެވެ. ހޫތީން ގެންދަނީ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުން ކޮށްގެން އިޒްރޭލަށް ވެސް ހަމަލާތައް އަމާޒު ކުރަމުންނެވެ. ނަމަވެސް އަމަން ބެލެހެއްޓުމުގެ ނަމުގައި ރަތް ކަނޑުގައި ހަރަކާތްތެރިވަމުންދާ އެމެރިކާއާއި އިނގިރޭސިވިލާތުގެ އިތުރުން ފަރަންސޭސީވިލާތުގެ މަނަވަރުތަކުންނާއި އިން ވެގެން އޮންނަ ސައޫދީއަރަބިއްޔާއިން ވެސް ގެންދަނީ އިޒްރޭލަށް އަމާޒުކޮށް ހޫތީން ފޮނުވާ ހަމަލާތަކާއި ބައެއް ބޯޓުފަހަރަށް އަމާޒުކޮށް ދޭ ހަމަލާތައް ދިފާއީ މިސައިލު ބޭނުން ކޮށްގެން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.
ހޫސިންނަކީ ބައިނަލްއަގުވާމީ ގޮތުން އެއްވެސް ގައުމަކުން ސަރުކާރެއްގެ ގޮތުގައި ބަލައިގަންނަ ބައެއް ނޫނެވެ. ނަމަވެސް ޔަމަނުގެ ދާހިލީ ހަނގުރާމައަށްފަހު ހޫތީން ގެންދަނީ އަމިއްލަ ދައުލަތެއް ގާއިމުކޮށް ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް ވެރިކަން ކުރަމުންނެވެ.
Comment