16 ޑިސެންބަރު 2023 - 19:03 4
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ރ. އަނގޮޅިތީމުގައި ހަރަކާތްތެރިވެވަޑަައިގަންނަވާއިރު ފަހަތުގައި ޔާމީންގެ ފޮޓޯއެއް ހަރުކޮށްފައި: ވިދާޅުވެފައި ވަނީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ރީތިކޮށް ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
16 ޑިސެންބަރު 2023 - 19:03 4
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ ނުދައްކަވައި ރިޔާސީ ކެމްޕެއިން ކުރެއްވި ނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް 500 ވޯޓު ވެސް ނުލިބުނީސް ކަމަށް މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓު އުފެއްދެވުމުގެ މަސައްކަތް ކުރައްވާ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔާމީން ވަގުތުން މިނިވަން ކުރަންޖެހޭ ކަމަށާއި މިނިވަންނުކޮށް ރައީސް މުއިއްޒު ދައްކަވަނީ "އަނިޔާވެރިކަން" ކަމަށެވެ.
"ރައީސް ޔާމީންގެ ފޮޓޯއާ ނުލާ ޑރ. މުއިއްޒަށް މި ގައުމުން 500 ވޯޓު ހޯދުމުގެ ކެޕޭސިޓީ ނެތް. ވެރިކަމަށް އާދެވުނު ފަހުން މަސް ދުވަސް ވަނީ. ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ޑރ. މުއިއްޒު ނިދަން އެންދަށް އަރާވަޑައިގަންނަވަނީ ކިހިނަކުން ބާވައޭ ހިތަށް އަރާ. ހާދަހާ ރަހުމް ކުޑައޭ،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ރައީސް މުއިއްޒު ކާމިޔާބު ކުރެއްވުމުން އެއްވެސް ޝަރުތަކާ ނުލައި ޔާމީން މިނިވަން ކުރުމަށް އެމަނިކުފާނުގެ ވަކީލުން ގޮވާލެއްވި އެވެ.
"މިއަދުގެ ވޯޓުން ރައްޔިތުން ނިންމި ގޮތަށް، އިތުރު އެއްވެސް ޝަރުތެއްނެތި، ވަގުތުން ރައީސް ޔާމީން މިނިވަންކޮށް، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އެންމެހައި ދައުވާތައް އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލަން،" ވަކީލުން މެދުވެރި ކުރައްވައި ސެޕްޓެމްބަރު 30، ވަނަ ދުވަހުގެ ރޭ ޔާމީން ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނަށް ދެ ދުވަސްވި ފަހުން މުއިއްޒު އެދިވަޑައިގަތީ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ނުކުރުމަށެވެ. އެދިވަޑައިގަތީ "ރީތިކޮށް" މަސައްކަތް ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ދިނުމަށެވެ.
"އެކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން. އަޅުގަނޑަށް މި މަސައްކަތް ރީތިކޮށް ކުރުމުގެ ފުރުސަތު ދެއްވުމަށް އަޅުގަނޑު އެދެން،" އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަ ކުރަން އޮކްޓޯބަރު 2، ގައި ބޭއްވި ހަފުލާއެއްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޭގެ ފަހުން ވެރިކަން ކުރާ ޕާޓީގެ މަތީފަޑިން ބާކީކޮށްފައިވާ ކަމަށް ވިދާޅުވެ ނޮވެމްބަރު 23، ގައި އެ ޕާޓީއާ ދުރަށްޖެހިވަޑައިގަތުމަށް ޔާމީން ނިންމެވި އެވެ.
Comment