Advertisement

ދެ ޝިޕިން ކުންފުންޏަކުން ރަތް ކަނޑުން ދަތުރު ކުރުން ހުއްޓާލައިފި

16 ޑިސެންބަރު 2023 - 05:41 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ދެ ޝިޕިން ކުންފުންޏަކުން ރަތް ކަނޑުން ދަތުރު ކުރުން ހުއްޓާލައިފި

16 ޑިސެންބަރު 2023 - 05:41 0

ޔަމަނުގެ ބޮޑު ބައެއްގައި ވެރިކަން ކުރާ ހޫތީންގެ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިން ކުންފުނި މެއާސްކްއާއި ޖަރުމަނުގެ ހާޕަގް ލޮއީޑްއުން ރަތް ކަނޑުން ދަތުރު ކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އެ ދެ ކުންފުނިން ރަތް ކަނޑުން ދަތުރު ކުރުން ހުއްޓާލިކަން އިއުލާނު ކުރީ އިއްޔެ އެވެ. އޭގެތެރެއިން ހާޕަގް ލޮއީޑުން އަންނަ ހޯމަ ދުވަހާ ހަމައަށް ދަތުރުތައް ހުއްޓާލަން ނިންމާފައި ވާއިރު، މެއާސްކް ކުންފުނިން ރަތް ކަނޑުން ދަތުރު ކުރުން ހުއްޓާލާފައި ވަނީ މުއްދަތެއް ނެތް ގޮތަށެވެ.

ރަތް ކަނޑުން ދަތުރު ކުރުން އެ ދެ ކުންފުނިން ހުއްޓާލާފައި މިވަނީ ރަތް ކަނޑުގެ ދޮރާށި ކަމުގައިވާ ބާބުލް މަންދިބް ހުރަސްކުރާ އިޒްރޭލާ ގުޅުން އޮންނަ ބޯޓުތަކަށް އަމާޒުކޮށް ފާއިތުވި ހަފުތާތަކުގައި ހޫތީން ހަމަލާތަކެއް ދީފައި ވާތީ އެވެ.

ރަތް ކަނޑަކީ އޭޝިއާއިން ވިލާތަށް ދަތުރު ކުރެވޭ އެންމެ ކުރު މަގެވެ. އިންޑިއާ ކަނޑުން ގޮސް ގަލްފް އޮފް އަދަން ހުރަސްކޮށް ރަތް ކަނޑަށް ވަދެވޭ ދޮރާއްޓަކީ ޔަމަނާއި ޖިބޫޓީއާ ދެމެދު އޮންނަ ބާބުލް މަންދިބް އެވެ. އިންޑިއާ ކަނޑުން ވިލާތަށް ދަތުރު ކުރާ ބޯޓަކަށް ސުއެޒް ކެނެލް ހުރަސް ކުރެވޭނީ ބާބުލް މަންދިބުން ރަތް ކަނޑަށް ވަދެގެންނެވެ. ދުނިޔޭގެ ވިޔަފާރި ދަތުރުތަކުގެ 40 އިންސައްތަ ދަތުރު ކުރަނީ ބާބުލް މަންދިބާއި ސުއެޒް ކެނެލްއާ ދެމެދުގައި އޮންނަ ރަތް ކަނޑުންނެވެ.

އިޒްރޭލްއާ ދެކޮޅަށް ހޫތީން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުން ޔަހޫދީންނާ އެއްވެސް ގުޅުމެއް އޮންނަ ބޯޓަކަށް ދަތުރު ނުކުރެވޭނެ ކަމަށް ބުނެ ތަކުރާރުކޮށް އެ ސަރަހައްދުން ދަތުރު ކުރާ ބޯޓުތަކަށް ހޫތީން ހަމަލާ ދެމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުން ދަތުރު ކުރާ ބޯޓުފަހަރުގެ އިންޝުއަރެންސް އަގުތައް ވެސް ވަނީ އިންތިހާއަށް އުފުލިފަ އެވެ.

އެ ސަރަހައްދުން ދަތުރު ކުރި އެތައް ބައިވަރު ބޯޓުފަހަރަކަށް ހޫތީން ވަނީ މިހައިތަނަށް ހަމަލާދީފަ އެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ވެސް ހޫތީން ވަނީ އެ ސަރަހައްދުން ދަތުރު ކުރި މެއާސްކް ޖިބްރަލްޓާ ބޯޓަށް ހަމަލާދީފަ އެވެ. އަދި އިއްޔެ ވެސް އެ ޖަމާއަތުން ވަނީ ރަތް ކަނޑުން ދަތުރު ކުރި ލައިބީރިއާގެ ބޯޓަކަށް ހަމަލާ ދީފަ އެވެ.

ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު އުފުލިދާނެ ކަމުގެ ބިރު ހީވެފައި ވާއިރު، ހޫތީން ބުނެފައި ވަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ގަތުލުއާއްމުތައް ހުއްޓުމަކަށް ނުގެންނަހައި ހިނދަކު އިޒްރޭލާ ގުޅުމެއް އޮންނަ ނުވަތަ އިޒްރޭލަށް މުދާ އުފުލާ އެއްވެސް ބޯޓަކަށް ރަތް ކަނޑުގައި އަމާންކަމެއް ނޯންނާނެ ކަމަށެވެ. އެ އިންޒާރާ އެއްގޮތަށް ހޫތީން ވަނީ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އެ ސަރަހައްދުން ދަތުރު ކުރި އިޒްރޭލާ ގުޅުން އޮންނަ ބޯޓުފަހަރަށް ފާއިތުވި ހަފުތާތަކުގައި ހަމަލާދީފަ އެވެ.

އެ ސަރަހައްދުގައި ހޫތީން ދިގު މުއްދަތަކަށް ހަރަކާތްތެރި ވާނަމަ، މެދުއިރުމަތިން ހުޅަނގުގެ ގައުމުތަކަށް ފޮނުވާ ތެލުގެ ސަޕްލައިއަށް ވެސް ބުރޫ އަރާނެ އެވެ. އެހެންކަމުން ހޫތީންގެ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާ އިސްވެ އޮވެ ދަނީ އެކި ގައުމުތަކާ ވާހަކަދައްކައި މަޝްވަރާ ކުރަމުންނެވެ.

ފަލަސްތީނު ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބަލައި އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ މަނަވަރުތައް ދަނީ ރަތް ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ. ނަމަވެސް އެ މަނަވަރުތައް ވަނީ ހޫތީންގެ ގިނަ ހަމަލާތައް ހުއްޓުވުމުގައި ނާކާމިޔާބުވެފަ އެވެ.