Advertisement

ޔަމަނުގައި ވަޅުލާފައި ހުރި ހަތަރު ލައްކަ މައިން ނަގައިފި

10 ޖަނަވަރީ 2024 - 06:27 1

ޔަމަނުގައި ވަޅުލާފައި ހުރި މައިންތައް ނަގައި ސާފުކުރުން ކުރިއަށް ގެންދަނީ. -- ފޮޓޯ: ސައުދީ އަރަބިއްޔާ


ޔަމަނުގައި ވަޅުލާފައި ހުރި ހަތަރު ލައްކަ މައިން ނަގައިފި

10 ޖަނަވަރީ 2024 - 06:27 1

ޔަމަނުގައި ހޫތީން ވަޅުލާފައިވާ މައިންތައް ނަގައި ސާފުކުރަން ސައުދީ އަރަބިއްޔާއިން ހިންގާ މަޝްރޫއުގެ ދަށުން މިހައިތަނަށް ޖުމްލަ 427،534 މައިން ނައްތައިލައިފި އެވެ. މި ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ވެސް 725 މައިން ނެގި އެވެ.

ރަސްގެފާނު ސަލްމާންގެ އަމުރަށް 2018 އިން ފެށިގެން ކުރިއަށް ގެންދާ މި މަޝްރޫއު ހިންގަމުން ދަނީ ސައުދީ އަރަބިއްޔާގެ އެހީ ދޭ ޖަމާއަތް، ކޭއެސް ރެލީފްގެ ބެލުމުގެ ދަށުންނެވެ. ވަޅުލާފައިވާ މައިންތައް ނަގައި ސާފުކުރުން ކުރިއަށް ގެންދަނީ ޔަމަނުގެ މަރިބް، އަދަން، ޖޫފް، ޝަބްވާ، ތައިޒް، ހޯދައިދާ، ލަހިޖް، ސަނާ، އަލްބައިދާ، އަލްދަލޭ އަދި ސާދާ އަވަށުގަ އެވެ.

މި މަޝްރޫއުގައި ޔަމަނުގެ ރައްޔިތުންނަށް ޒަމާނީ އާލާތްތައް ބޭނުންކޮށްގެން މެއިންތައް ދެނެގަތުމާއި، ނަގައި ނައްތާލުމަށް ދަސް ވެސް ކޮށްދެ އެވެ. އަދި މައިނަށް އެރިގެން ޒަހަމްވެފައިވާ މީހުންނަށް ދަނީ އެހީތެރިކަން ވެސް ފޯރުކޮށް ދެމުންނެވެ.

ޔަމަނުގެ ވެރި ރަށް، ސައްނާއާއި އުތުރުގެ ބޮޑު ބައެއްގެ މައްޗަށް ބާރު ފޯރުވަނީ އިރާނުގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ ކަމަށް ހުޅަނގުން ތުހުމަތު ކުރާ، ހޫތީންނެވެ.