ނިމިދިޔަ ސަރުކާރުން އިންޑިއާ ސަރުކާރާ އެކު ގާއިމުކޮށްފައިގާ ހައިޑްރޯގްރަފީ އެއްބަސްވުން އުވާލުމަށް މި ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވަނީ ޖޫން 7, 2024 ގައި ނިމުމަކަށް އަންނަ އެ އެއްބަސްވުން އާނުކުރަން މި ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.
ފިރުޒުލް ވިދާޅުވީ ރާއްޖޭގެ ކަނޑުފަޅުތައް ދިރާސާކޮށް، ޗާޓު ހެދުން ފަދަ މަސައްކަތް ކުރުމަށް އެކުލަވާލި އެ އެއްބަސްވުން ނިމުމުގެ ހަ މަސް ކުރިން، އެއްބަސްވުން އާ ނުކުރާނެކަން އަންގަންޖެހޭ ކަމަށެވެ. އެއްބަސްވުން އާ ކުރަން ބޭނުންނުވާކަން މިހާރު އިންޑިއާ ސަރުކާރަށް އަންގާފައިވާނެ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.
ހައިޑްރޮގްރަފީ އެއްބަސްވުން އާ ނުކުރަން ނިންމި މައިގަނޑު މަގުސަދަކީ ދިވެހި ކަނޑުފަޅުގެ މައުލޫމާތަކީ "ހަމައެކަނި ދިވެހިންނަށް" އެނގޭ މައުލޫމާތަށް ހެދުން ކަމަށެވެ. އެއީ ޒަމާނުއްސުރެ ވެސް އެކަން އޮތް ގޮތް ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްބަސްވުން އާ ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ކެބިނެޓުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި އެއްބަސްވުން އާ ނުކުރުމަށް ނިންމުމާއެކު ހައިޑޮގްރަފީގެ ދާއިރާއިން ދިވެހި ސިފައިންގެ ގާބިލްކަން އިތުރު ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަށް ބަޖެޓެއް ވެސް ކަނޑައަޅަން ސަރުކާރުން ނިންމާފައިވާކަން މިއަދު އިއުލާނު ކުރި އެވެ.
އެމްއެންޑީއެފުން ނޮވެމްބަރު، 2021، ގައި ހިއްސާކުރި މައުލޫމާތައް ބަލާއިރު، ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން، އެ ސާވޭ ކުރުމަށް އެހީވެދީގެން، އެއްކުރެވޭ ޑޭޓާތަކުގެ މައްޗަށް ބިނާކޮށް ހަދާ ޗާޓުތައް ބޭރުގެ ފަރާތްތަކުގެ ވިއްކުމުގެ ހުއްދަ އިންޑިއާއަށް ލިބެ އެވެ.
"އެ މަސައްކަތުން ދިވެހި ދައުލަތަށް ފައިސާ ލިބޭ ވާހަކަ އެމްއެންޑީއެފްގެ ޕްރެޒެންޓޭޝަންގައި ފާހަގަ ކުރުމުން އަޅުގަނޑަށް އުނދަގޫވޭ. އެއީ ކީއްވެގެން ކުރާ ކަމެއްތޯ؟ ސްޓްރެޓެޖިކް މައުލޫމާތުތައް ވިއްކައިގެން ދައުލަތަށް އާމްދަނީ ހޯދުމުގެ ސިޔާސަތެއް މިހާރު ބައްޓަން ކުރެއްވީތޯ،" އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެއިރުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި މިހާރުގެ ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެފައިވެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment