Advertisement

އައިސީޓީ ދާއިރާއަށް ފާރަވެރިވުމަށް ދާއިމީ ކޮމިޓީއެއް އުފައްދަނީ

14 ޑިސެންބަރު 2023 - 09:56 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައްޔިތުންގެ މަޖިލީޙުގެ އާންމު ކޮމިޓީގެ މެންބަރު އެ ކޮމިޓީގެ ބައްދަލުވުމެއްގައި. -- ފޮޓޯ: މަޖިލީހުގެ އިދާރާ


އައިސީޓީ ދާއިރާއަށް ފާރަވެރިވުމަށް ދާއިމީ ކޮމިޓީއެއް އުފައްދަނީ

14 ޑިސެންބަރު 2023 - 09:56 1

އިންފޮމޭޝަން އެންޑު ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާއަށް ފާރަވެރިވެ، މުއައްސަސާތައް ޒިންދާރުކުރުމަށްޓަކައި މަޖިލީހުގެ ދާއިމީ ކޮމިޓީއެއް އުފައްދަން، މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމުގެ ޒިންމާ އޮންނަ، އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދުގެ ދަށުން ދާއިމީ ކޮމިޓީގެ ގޮތުގައި އުފައްދާފައި ވަނީ ޖުމުލަ 17 ކޮމިޓީއެކެވެ. އެއީ ދައުލަތުގެ އިދާރާތަކާ ގުޅޭ 14 ކޮމިޓީ އާއި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ތިން ކޮމިޓީ އެކެވެ.

އަލަށް އުފައްދާ އައިސީޓީ ކޮމިޓީގެ ތަރަހައަކީ އެ ދާއިރާއާ ގުޅޭ އެންމެހާ ކަންކަން ބަލައި ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ގައުމީ ފެންވަރުގައި އެކުލަވާލައި ހިންގާ މަސައްކަތްތަކާއި ހިދުމަތްތައް ދޭ އިދާރާތަކަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމެވެ.

ނަމަވެސް އެ ކޮމިޓީގެ މެންޑޭޓުގައި އެފަދަ ހިދުމަތް ދޭ ކުންފުނިތަކެއް ނުހިމެނެ އެވެ. އެއީ ކުންފުނިތަކަށް ފާރަވެރިވުމަށް، މަޖިލީހުގެ ހާއްސަ ކޮމިޓީއެއްގެ ގޮތުގައި އެސްއޯއީ ކޮމިޓީ އޮތުމުންނެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު ހަމަވުމަށް ފަސް މަސް ދުވަހަށް ވެފައިވާއިރު، އައިސީޓީ ކޮމިޓީ އުފައްދަން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގައި އެފަދަ ކޮމިޓީއެއް ނެތުމަކީ މި ޑިޖިޓަލް ޒަމާނުގައި މަޖިލީހުގެ މަސައްކަތަކާއި އެހެނިހެން ކަންކަމަށް ދަތިކަމަކަށް ވެދާނެތީ އެވެ.

މިހާރު އައިސީޓީ ދާއިރާގެ ކަންކަމަށް ފާރަވެރިވުމުގެ ޒިންމާ އޮތީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ކަމަށެވެ. އެ ކޮމިޓީން ބަލަހައްޓަންޖެހޭ ގިނަ މުއައްސަތާކެއް ހުރުމަކީ، އައިސީޓީ ދާއިރާއަށް ހާއްސަ ކޮމިޓީއެއް އުފައްދަން ނިންމި ސަބަބެކެވެ.

އައިސީޓީ ދާއިރާއަށް ހާއްސަ ކޮމިޓީއެއް އުފެއްދުމަކީ އެ ދާއިރާގެ މަސައްކަތްތައް ރަނގަޅަށް ޒިންމާދާރުކުރުމަށް މުހިންމު ކަމެއް ކަމަށް ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ އުފައްދާނީ އާންމު ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް ފަހު އެވެ.

ދައުލަތުގެ އިދާރާތަކާ ގުޅޭ މަޖިލީހުގެ ދާއިމީ ކޮމިޓީތައް

  1. ގަވާއިދު ކޮމިޓީ
  2. މާލިއްޔަތު ކޮމިޓީ
  3. އިގުތިސާދީ ކޮމިޓީ
  4. އިޖުތިމާއީ ކޮމިޓީ
  5. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ
  6. ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ
  7. ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ
  8. ހާރިޖީ ގުޅުންތަކުގެ ކޮމިޓީ
  9. ލާމަރުކަޒީ ކޮމިޓީ
  10. ޖުޑިޝަރީ ކޮމިޓީ
  11. އެންވަޔަރަމަންޓު އެންޑް ކްލައިމެޓު ޗޭންޖު ކޮމިޓީ
  12. ހިއުމަން ރައިޓްސް ކޮމިޓީ
  13. އެސްއޯއީ ކޮމިޓީ
  14. ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ

މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ދާއިމީ ކޮމިޓީތައް

  1. އާންމު ކޮމިޓީ
  2. ޕެޓިޝަން ކޮމިޓީ
  3. އިމްތިޔާޒާއި ސްލޫކު ކޮމިޓީ