Advertisement

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހިސާން ހުށަހެޅުއްވި އިސްލާހާ އެމްޑީޕީއިން ދެކޮޅު

13 ޑިސެންބަރު 2023 - 12:47 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން، ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެމްޑީޕީއިން ދެކޮޅު ހެދުމުން އެކަމާ މެދު ހިސާން ކަންބޮޑުވުން ފާޅު ކުރެއްވި - ފޮޓޯ: މިރާން / އަދަދު


ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހިސާން ހުށަހެޅުއްވި އިސްލާހާ އެމްޑީޕީއިން ދެކޮޅު

13 ޑިސެންބަރު 2023 - 12:47 1

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހު އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕުން ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.

ހިސާން ހުށަހެޅުއްވީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓަށް 49 މިލިއަން ރުފިޔާ އިތުރު ކުރުމަށެވެ. އިއްޔެގެ މަޖިލީހުގެ ތަޅުމުގައި އެކަން ހާމަކުރައްވައި ހިސާން ވިދާޅުވީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދަށުން މަސައްކަތް ކުރާ 1،900 މުވައްޒަފުން ތިބި ކަމަށެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައި އޮތީ ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު މުރާޖައާ ކުރުމަށް އަންނަ އަހަރަށް 43 މިލިއަން ރުފިޔާގެ ބަޖެޓެއް އިތުރު ކުރުމަށެވެ. އަދި މުވައްޒަފުންގެ އިންޝުއަރަންސް ހަމަޖެއްސުމަށް ބޮލަކަށް އަހަރަކު 3،500 ރުފިޔާ ހަމަޖެއްސުމަށް ހަ މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކުރުމަށެވެ.

އެހެންނަމަވެސް، ކޮމެޓީ މަރުހަލާގައި އެ އިސްލާހު އުނިކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނިންމާފަ އެވެ. މިކަން ހާމަކޮށް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ހިސާން ވަނީ އެކަމާމެދު ހިތްހަމަނުޖެހުން ފާޅު ކުރައްވާފަ އެވެ. 2009 ވަނަ އަހަރުން ފެށިގެން ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރައަށް ކުރިއެރުމެއް އައިސްފައި ނުވާކަން ވެސް ހިސާންގެ ޕޯސްޓުގައި ފާހަގަކުރެއްވި އެވެ.

"ހުށަހެޅި އިސްލާހުތަކުގެ ސަބަބުން ޕޭ ހާމަނައިޒް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް މަގުފަހި ވެގެން ދިޔައީސް، ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަ 2009 ވަނަ އަހަރުން ފެށިގެން އިތުރުވެފައި ނެތް، ޝަރުއީ ދާއިރާގެ މުސާރަ ކަނޑައެޅުމުގެ މެންޑޭޓެއް ވެސް އެ ދާއިރާއަށް ލިބިފައި ނެތް،" ހިސާން ވިދާޅުވި އެވެ.

ޕާލަމެންޓަރީ ގުރޫޕުގެ ނިންމުމާ ހިލާފު ނުވުމަށް، ބަޖެޓަށް ހުށަހެޅި އިސްލާހުތައް އަނބުރާ ގެންދެވުމަށް ހިސާން ވަނީ ނިންމަވާފަ އެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށާއި ޑީޖޭއޭގެ ބަޖެޓު އިތުރުކޮށް ދިނުމަށް އެދި 2019 ވަނަ އަހަރުން ފެށިގެން އެ ވާހަކަ އައީ ދެކެވެމުންނެވެ. އެހެންނަމަވެސް ކޮވިޑާއެކު އައި މާލީ ގޮންޖެހުންތަކާ އެކު އެކަން އޭރު މަޑު ޖެހިގެން ދިޔައީ އެވެ.

އޭގެ ފަހުން 2022 ވަނަ އަހަރުގެ ފަހުކޮޅު ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު މުރާޖައާކުރުމުގެ މަސައްކަތް ޖޭއެސްސީން ފަށައި، އެފަހަރުވެސް އެކަން ސަރުކާރަށް ހުށަހެޅި އެވެ. އެހެންނަމަވެސް މުސާރައަށް އެއްވެސް ބަދަލެއް ގެނެވިފައެއް ނުވެ އެވެ.