Advertisement

ސާޖިދާ-ސީއެސްސީ އެއްބަސްވުން އުވައިލަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް

13 ޑިސެންބަރު 2023 - 10:06 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ރައީސްގެ އަނބިިކަނބަލުން ސާޖިދާ މުހައްމަދު، ފަސްޓް ލޭޑީއަކަށް ހާއްސަ އެލަވަންސަކާއެކު ޒިންމާތަކެއް ހަވާލުކޮށްފައިވޭ - ފޮޓޯ: ރައީސް އޮފީސް


ސާޖިދާ-ސީއެސްސީ އެއްބަސްވުން އުވައިލަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް

13 ޑިސެންބަރު 2023 - 10:06 1

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ފަންނީ ލަފާ ދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެކަމަނާއާ އެކު ހެދި އެއްބަސްވުން އުވައިލަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލާގައި ތުހުމަތުކުރެއްވީ މުސާރަ ނުލިބޭ ގޮތަށް ހަތަރު އަހަރު ދުވަހުގެ ނޯ ޕޭ ލީވް އެއް ސާޖިދާއަށް ދިނީ ވެސް ސީއެސްސީގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިން ނޯ ޕޭ ލީވް ގައި ހުންނަވައި، ފަންނީ ލަފާ ދެއްވަން ހުއްދަ ދީ، ސީއެސްސީއިން އެކުލަވައިލި ވޭޖް އެމްޕްލޯއިމަންޓް އެއްބަސްވުމަކީ ސީއެސްސީގެ ގަވާއިދުގެ ރޫހާ ހިލާފަށް އެކުލަވާލާފައިވާ އެއްބަސްވުމެއްކަމަށް ވެސް ޔައުގޫބު ވިދާޅުވި އެވެ.

ކުއްލި މައްސަލާގައި ޔައުގޫބު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން، މަސްލަހަތު ފުށު އަރާނެ އެތައް ކަމެއް ފާހަގަކުރެވިފައިވާ ކަމަށެވެ. ރައީސެއްގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް ދައުލަތުން އެލަވަންސްއެއް ދިނުމަށް އޮންނަނީ އެކަމުގައި ޒިންމާތަކެއް ވެސް އެކުލެވޭތީ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ސިވިލް ސާވަންޓުންނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

މީގެ ކުރިން ސިވިލް ސާވިސް މުވައްޒަފެއްގެ އާއިލާއަށް ދިމާވި ކުއްލި ހާލަތެއްގައި، ސީއެސްސީގެ ގަވާއިދުގައި ބަޔާންކުރާ ލުއި ދީފައި ނުވާތީ، އޭނާ ވަޒީފާއިން ވަކި ވުމަށް މަޖުބޫރުވި ކަމަށް ވެސް ޔައުގޫބު ވިދާޅުވި އެވެ. އެފަދަ ތަފާތުކުރުންތައް ނުގެންގުޅުމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ އިރު، ސީއެސްސީއިން އަމަލުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވި އެވެ.

ޔައުގޫބު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު އަންނަނީ ބަހުސް ކުރަމުންނެވެ. މައްސަލަ މަޖިލީހަށް ބަލައިގަތީ 21 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. މައްސަލަ ބަލައިނުގަތުމަށް ވޯޓު ދެއްވީ ހަތަރު މެމްބަރުންނެވެ.

ސާޖިދާއާ އެކު ސީއެސްސީން ހެދި އެއްބަސްވުމުގެ މައްސަލާގައި މި ހަފްތާގެ ހޯމަ ދުވަހު ސީއެސްސީ މެމްބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކުރުމުން، މެމްބަރުން ވިދާޅުވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އަދާ ކުރައްވަމުން ގެންދެވި ސީނިއާ ސައިންޓިފިކް އޮފިސަރުގެ ވަޒީފާގައި ސާޖިދާ ބެހެއްޓުމަށް އެދި ސިޓީ ފޮނުވީ ހެލްތު މިނިސްޓްރީން ކަމަށެވެ.

އަދި އެކަމަށް އެދުމުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވޭޖް އެމްޕްލޯއީމެންޓް އެއްބަސްވުމެއް އެކުލަވާލީ ގަޑިއިރަކަށް 75 ރުފިޔާގެ މަގުން، މަހަކު 3،000 ރުފިޔާއަށް ވުރެ އިތުރުނުވާ ގޮތަށް ކަމަށް ކޮމިޝަންގެ މެމްބަރުން ވިދާޅުވި އެވެ. ފަސްޓް ލޭޑީއަށް ވީތީ، ވަކި ހާއްސަ އުސޫލެއް އެކުލަވާލާފައި ނުވާނެކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

ފަސްޓް ލޭޑީއަށް އިނާޔަތުގެ ގޮތުގައި ރައީސްގެ މުސާރައިގެ ތިން ބައިކުޅަ އެއް ބައި ލިބޭނެ އެވެ. އެހެންކަމުން ސާޖިދާއަށް 33،330ރ. ގެ އެލަވަންސެއް ލިބޭނެ އެވެ.

ސާޖިދާ ވަނީ ރިޔާސީ އިންތިހާބު ތެރޭގައި ރައީސް މުއިއްޒުގެ ކެމްޕޭނުގައި އަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގަންނަވާފަ އެވެ. އޭނާ ކެމްޕެއިންގައި ހަރަކާތްތެރިވީ ވެސް، ނޯ ޕޭ ލީވް ނަންގަވައިގެންނެވެ.