Advertisement

ތިނަދޫ ކައުންސިލަށް ސިޓީގެ ހައިސިއްޔަތު ނުލިބޭ ކަމަށް ގާނޫނީ ލަފާ، ކޮމިޓީން ނިންމީ ގާނޫނު ބަދަލު ކުރަން

12 ޑިސެންބަރު 2023 - 11:49 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ: ތިނަދޫގެ މިހާރުގެ ކައުންސިލަށް ސިޓީގެ ހައިސިއްޔަތު ނުލިބޭ ކަމަށް ގާނޫނީ ލަފާ ދެއްވައިފި - ފޮޓޯ: މަޖިލީސް


ތިނަދޫ ކައުންސިލަށް ސިޓީގެ ހައިސިއްޔަތު ނުލިބޭ ކަމަށް ގާނޫނީ ލަފާ، ކޮމިޓީން ނިންމީ ގާނޫނު ބަދަލު ކުރަން

12 ޑިސެންބަރު 2023 - 11:49 2

ރަށު ކައުންސިލުގެ ދައުރުގެ މެދު ތެރެއިން، ސިޓީއެއްގެ ދަރަޖަ ދީފައިވާ ގދ. ތިނަދޫގެ މިހާރުގެ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ހައިސިއްޔަތު ގާނޫނު އޮތް ގޮތުން ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަ ޖެނެރަލް ގާނޫނީ ލަފައެއް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އަރުވައިފި އެވެ.

ތިނަދޫގައި މިހާރު އޮތް ކައުންސިލަށް ސިޓީ ކައުންސިލަކަށް ލިބިދޭ ބާރުތަކާއި އެ ހައިސިއްޔަތު ވަގުތުން ލިބުމަށް ހުރި އިދާރީ އަދި ގާނޫނީ ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް އެދި އެ ރަށުގެ ކައުންސިލުން މަޖިލީހަށް ސިޓީއެއް ފޮނުވި އެވެ.

އެ މައްސަލާގައި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އިއްޔެ ނިންމީ ސިޓީ ކައުންސިލްގެ ހައިސިއްޔަތު ލިބިދޭ ކަމަށެވެ. ނަމަވެސް ކޮމިޓީގެ އެ ނިންމުން ރަނގަޅު ނޫން ކަން ފާހަގަކޮށް، މަޖިލީހުގެ ކަުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާގެ ލިޔުމެއް ކޮމިޓީއަށް ފޮނުވާފައިވެ އެވެ.

މިއަދު ކޮމިޓީ ބައްދަލުވެ، ފިލްޒާގެ ގާނޫނީ ލަފައާ މެދު މަޝްވަރާކުރި އެވެ.

ފިލްޒާ ކޮމިޓީގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ބަޔާން ކުރަނީ ރަށު ކައުންސިލްގެ ދައުރުގެ މެދު ތެރެއިން ސިޓީއަކަށް އެ ރަށް ބަދަލުކޮށްފިނަމަ ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހިންގުމަށް ރަށު ކައުންސިލާ ހަވާލުކުރުމަށެވެ.

އެ އިންތިގާލީ މުއްދަތުގެ ތެރޭގައި ރަށު ކައުންސިލްގެ ރައީސް، ސިޓީ މޭޔަރަކަށް ބަދަލު ނުވާ ކަމަށް އަދި ރަށު ކައުންސިލަރުން ސިޓީ ކައުންސިލަރުންނަށް ބަދަލުވެގެންދާ ކަމަށް ގާނޫނުގެ މާއްދާތައް ކިޔުމުން ދޭހަނުވާ ކަމަށް ފިލްޒާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"އެ ބޭފުޅުން އެ ތިއްބެވީ ރަށު ކައުންސިލްގެ މަގާމުގައި، އެ މަގާމަށް އިންތިހާބުކޮށްފައި، އެ މަގާމުގެ ހުވާ ކޮށްގެން، ރަށު ކައުންސިލްގެ ގޮތުގައި ދެމި އޮންނާނީ، ސިޓީ ކައުންސިލްގެ ހައިސިއްޔަތެއް ނުދެވޭނެ، އެކަމަކު ރައްޔިތުންނަށް ސިޓީއެއްގެ ހިދުމަތްތައް ދޭން ވަގުތީ ގޮތުން އެ މަސްއޫލިއްޔަތުތައް ދެނީ،" ފިލްޒާ ވިދާޅުވި އެވެ.

ނަމަވެސް, ވަގުތުން ސިޓީ ކައުންސިލްގެ ހައިސިއްޔަތާއި، މޭޔަރުގެ ބާރުތަކާ އެކު ސިޓީ ކައުންސިލް ހިންގަން މެންބަރުންނަށް ފެންނަ ނަމަ ގާނޫނަށް އިސްލާހެއް ގެންނަން ޖެހޭނެ ކަމަށް ފިލްޒާ ވިދާޅުވި އެވެ.

ފިލްޒާގެ ގާނޫނީ ލަފާ އެރުވުމުން، ނުރަސްމީކޮށް ކޮމިޓީގެ މެންބަރުން ގިނަ އިރުތަކެއް ވަން ދެން މަޝްވަރާކުރެއްވި އެވެ. ނުރަސްމީ މަޝްވަރާތަކަށް ވުމުން، ލައިވް ސްޓްރީމުން މެންބަރުންގެ އަޑު އެ ވަގުތު ނުލިބެ އެވެ.

އޭގެ ފަހުން ކޮމިޓީ ބައްދަލުވުން ނިންމާލައްވަމުން، ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ކޮމިޓީގެ މެންބަރުންގެ ވިސްނުން ހުރީ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. އެހެންކަމުން ކޮމިޓީ ރިޕޯޓަށް އެ އިސްލާހު ގެންނާނެ ކަމަށް މުގައްރިރު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގެ 52 ވަަނަ މާއްދާ


(ނ) އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށެއް ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅަނީ އެ ރަށް ހިންގުމަށް އިންތިހާބު ކުރެވިފައިވާ ރަށު ކައުންސިލް އިންތިހާބު ވުމަށް ފަހު އެހެން ނަމަވެސް އެ ކައުންސިލްގެ ދައުރު ހަމަ ވުމުގެ ކުރިން ކަމުގައިވާނަމަ، މި މާއްދާގައިވާ ގޮތުގެ މަތިން އެ ރަށަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، އެ ރަށް ސިޓީއަކަށް ބަދަލުވި ކަމުގައިވީ ނަމަވެސް އެ ސިޓީ ހިންގަމުންދާނީ އެ ރަށް ހިންގުމަށް ޓަކައި އިންތިހާބުވެފައިވާ އޮތް ރަށު ކައުންސިލުންނެވެ. (ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި ރަށެއް ސިޓީއަކަށް ބަދަލުވެއްޖެނަމަ، އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށް ޓަކައި އިންތިހާބުވެފައި އޮތް ރަށު ކައުންސިލުން އެ ސިޓީ ހިންގާނީ އެ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެނެވެ. (ބ) މި މާއްދާގެ (ނ) އާއި (ރ) ބަޔާން ކުރާ ހާލަތުގައި ސިޓީއަކަށް ބަދަލުވެފައިވާ ރަށެއް، އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން ހިންގަމުން ދިޔަ ރަށު ކައުންސިލުން ސިޓީ ހިންގަމުން ދިޔަ ނަމަވެސް އެ ރަށް ސިޓީއަކަށް ބަދަލުވުމާ އެކު، ސިޓީ ކައުންސިލަކަށް މި ގާނޫނުގެ ދަށުން ލިބިދޭ އެންމެހާ ބާރުތަކާއި މަސްއޫލިއްޔަތުތައް، އެ ރަށު ކައުންސިލަށް ލިބިގެން ވެ އެވެ. އަދި ސިޓީއަކުން ލިބިދޭން ޖެހޭ ކަމަށް މި ގާނޫނުގައި ބަޔާންކުރާ އެންމެހާ ހިދުމަތްތައް އެ ސިޓީއަކުން ލިބިދޭން ވާނެ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ އޮގަސްޓް 31، ގަ އެވެ. އެ ނިންމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ތިނަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގަ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ރިޔާސީ ވައުދެކެވެ. މުއިއްޒު އެ ވައުދު ހުށަހަޅުއްވާފައިވަނިކޮށް، ކުރީގެ ސަރުކާރުން ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމަށް ނިންމި ނިންމުމަށް އިހުތިރާމު ކުރާނެ ކަމަށް އާ ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.

ސިޓީއެއްގެ ދަރަޖަ ދެވެނީ، އެ ކަމަށް އެދި ހުށަހަޅާ ރަށް ނުވަތަ ރަށްތަކެއް ހިމެނޭ ސަރަހައްދުގައި މަދުވެގެން 10،000 މީހުންގެ އާބާދީއެއް އޮވެގެނެވެ.

ގދ. އަތޮޅު ވެރިކަންކުރާ ރަށް، ތިނަދޫއަށް ސިޓީގެ ދަރަޖަ ދިން ވަގުތު އެ ނިސްބަތަށް ރަޖިސްޓްރީ އާބާދީ އޮތް ކަމާ މެދު ވެސް ސުވާލުތަކެއް އުފެދިފައިވެ އެވެ. އެއީ އޭގެ އަހަރެއްހާ ދުވަސް ކުރިން، އެ ރަށު ކައުންސިލުން އެ ކަމަށް އެދި ހުށަހެޅި އިރު ރަޖިސްޓްރީ އާބާދީ އުޅުނީ 7،000 ގަ އެވެ.

ރައީސް ސޯލިހު ގދ. ތިނަދޫގައި ސިޓީއެއްގެ ދަރަޖަ ދެއްވި ކަން އިއުލާން ކުރެއްވި އިރު ވެސް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން ވެސް ދައްކަނީ ރަށުގެ ރަޖިސްޓްރީގައި ހިމެނެނީ 7،906 މީހުން ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައެޅުމަށް މި ފަހުން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ތިނަދޫގެ ރަޖިސްޓްރީ އާބާދީއަކީ 10،150 އެވެ. އެއީ އެ ރަށުގެ އުތުރު ދާއިރާއަށް 5،076 މީހުން އަދި ދެކުނު ދާއިރާއަށް 5،074 މީހުން ކަމަށެވެ.

ތިނަދޫއަކީ ރާއްޖޭގައި ކަނޑައެޅުނު ފަސްވަނަ ސިޓީ އެވެ. ތިނަދޫގެ އިތުރުން، ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ވެރިކަންކުރާ މާލެ ސަރަހައްދަށާއި، އެންމެ ދެކުނުުގައިވާ އައްޑު އަތޮޅަށާއި، ފުވައްމުލައް އަދި ހދ. ކުޅުދުއްފުއްޓަށެވެ.