ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އެ ސަރަހައްދުތަކުގެ ކަންކަން ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް މަޖިލީހުން ފާސްކުރި އާބަން ޑިވެލޮޕްމެންޓު ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
އާބަން ޑިވެލޮޕްމެންޓުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގއ. ވިލިނގިލި ދާއިރާގެ ޕީއެންސީ މެންބަރު އާޒިމް އަބްދުލްއަޒީޒެވެ. އެ ބިލު ތަސްދީގު ކުރުމާއެކު މިއަދު ވަނީ ގާނޫނަކަށް ބަދަލުވެފަ އެވެ.
އެ ގާނޫނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރާއްޖޭގެ އާބަން ސަރަހައްދުތައް ކަނޑައެޅުމާއި ތަރައްގީ ކުރުމާގުޅެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމު ކުރުމާއި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީ ކުރުމުގެ އަސާސީ އުސޫލުތަކެވެ.
އޭގެއިތުރުން އާބަން ސަރަހައްދުތަކުގެ ބިނާވެށި ޕްލޭންކޮށް އެ ޕްލޭނާ އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާ ގުޅޭ އުސޫލުތައް ވެސް އެ ގާނޫނުގައި ބަޔާން ކޮށްފައިވެ އެެވެ.
އެ ގާނޫނުގައި ވާގޮތުން އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާގުޅޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
އެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެ ގާނޫނުގައި މަތިކޮށްފައި ވަނީ އުމްރާނީ ތަރައްގީގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ޒިންމާ އެއިރެއްގައި ސަރުކާރުން ހަވާލު ކޮށްފައި އޮންނަ މިނިސްޓަރީއަށެވެ. މިހާރު ނަމަ، ހައުސިން މިނިސްޓަރީ އެވެ.
އާބަން ޑިވެލޮޕްމެންޓު ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު، އެ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން ދާނުދާގޮތް ބެލުމަށްޓަކައި "އާބަން ޑިވެލޮޕްމެންޓު އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ ވުޒާރާއެއް އުފައްދަން ޖެހޭނެ އެވެ. އެ އޮތޯރިޓީ ހިނގާނީ ހައުސިން މިނިސްޓަރީގެ ދަށުންނެވެ.
އާބަން ޑިވެލޮޕްމެންޓު ބިލުގައި އާބަން ސެންޓަރުގެ ގޮތުގައި ކަނޑައެޅޭ ބައެއް ސަރަހައްދުތަކުގެ ކަންކަން ސަރުކާރަށް ނިންމޭ ގޮތަށް އޮތުމުން ގިނަ ބަޔަކު މީގެ ކުރިން ކަންބޮޑުވުން ފާޅުކުރި އެވެ. އޭގެތެރޭގައި އިދިކޮޅު އެމްޑީޕީ ވެސް ހިމެނެ އެވެ.
Comment