12 ޑިސެންބަރު 2023 - 10:52 0
މިންހާ އަބްދުﷲ
މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ މަޖިލީހުގައި އަޑު ގަދަކޮށް ރިޔާސަތު ކުރިމަތީ އިށީންދެ އިން
12 ޑިސެންބަރު 2023 - 10:52 0
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވައިފި އެވެ.
ޖާބިރުގެ ނަން މަޖިލީހުގައި އިއްވީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހާޒިރުވެ އިންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ޖަވާބުތަކަށް ހުރަސް އަޅައި އަޑު ގަދަ ކުރުމުންނެވެ. ޖަލްސާ ފެށުމުގެ ކުރިން ވެސް، ތަޅުމުގައި ޖާބިރު ދިޔައީ އަޑު ގަދަ ކުރަމުންނެވެ.
މެމްބަރުން ސުވާލު ކުރަމުން ދިޔަ ވަގުތު ވެސް، ރިޔާސަތު ކުރިމަތީ އިށީނދެ އަޑު ގަދަކޮށްފައިވެ އެވެ. އަދި ނިޒާމީ ނުކުތާ އެއް ނަގައި، އިކޮނޮމިކް މިނިސްޓަރު ކަމުގައި ސައީދު ކުރިން ހުންނެވިއިރު ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަަލަ ކޮބައިތޯ އެހި އެވެ.
އެހެންނަމަވެސް އެ ނިޒާމީ ނުކުތާއަށް ހުރަސް އަޅައި، މަޖިލީހުގައި އިތުރު ވާހަކަ ދެއްކުމަށް ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވި އެވެ. އަދި ނަން އިއްވުމުގެ ކުރިން، ނަން އިއްވާނެ ކަމުގެ އިންޒާރު ވެސް ދެ ފަހަރެެއްގެ މަތިން އަސްލަމް ދެއްވި އެވެ.
"ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވުމުން ވެސް ތަޅުމުން ނުދިޔަ، މަޖީލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގެ ކ ގެ ދަށުން މަޖިލީހުގައި ނެތް ކަމަށް ބަލާ ޖަލްސާ ކުރިއަށް ގެންދާނަން،" އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގައި ނެތް ކަމަށް ބަލައި ޖަލްސާ ކުރިއަށް ގެންދާނެ ކަމަށް އަސްލަމް ވިދާޅުވި ފަހުން، މަޖިލީހުގެ ތަޅުން ދޫކޮށް، ޖާބިރު ގޮސްފައިވެ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި އޭނާ މައިކު ބިންދާލި މައްސަލަ ވެސް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ވަނީ ފޮނުވި އެވެ. އާ މައިކެއް ބެހެއްޓުމަށް 5،100ރ. ހޭދަވާ ކަމަށް މަޖިލީހުގެ ޓެކްނިކަލް މުވައްޒަފުންނާ ހަވާލާ ދީ އަސްލަމް ވިދާޅުވެފައިވެ އެވެ.
Comment