Advertisement

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ބައިވެރިނުވީ ކުރީ ސަރުކާރުގެ އިހުމާލުން، ގުޅުމަށް ހީނަރުކަމެއް ނާންނާނެ: ސަރުކާރު

12 ޑިސެންބަރު 2023 - 12:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

2022 ގައި ރާއްޖޭގައި ބޭއްވި ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް ބައްދަލުވުމެއްގެ ތެރެއިން : މި ސަރުކާރުން ބުނަނީ ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ބައިވެރިނުވީ ކުރީ ސަރުކާރުގެ އިހުމާލުން، ގުޅުމަކަށް ހީނަރުކަމެއް ނާންނާނެ - ފޮޓޯ: ޑިފެންސް މިނިސްޓްރީ


ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ބައިވެރިނުވީ ކުރީ ސަރުކާރުގެ އިހުމާލުން، ގުޅުމަށް ހީނަރުކަމެއް ނާންނާނެ: ސަރުކާރު

12 ޑިސެންބަރު 2023 - 12:57 0

މިދިޔަ ހަފުތާ ބޭއްވި މި އަހަރުގެ ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ގައި ރާއްޖެއިން ބައިވެރިނުވީ ނިމިދިޔަ ސަރުކާރުގެ އިހުމާލުން ކަމަށާއި އެކަން އެގޮތަށް ހިނގި ނަމަވެސް އެ ކޮންކްލޭވްގައި ބައިވެރިވާ ގައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން ހީނަރުނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސީއެސްސީގައި ރާއްޖެއިން ބައިވެރިނުވި ސަބަބު ސާފުކުރަން މި ނޫހުން ސުވާލުކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، އެކަން އެގޮތަށް ހިނގީ ކޮންކްލޭވްގައި ބައިވެރިވުމަށް ކުރީގެ ސަރުކާރުން ފުރިހަމަކުރަންޖެހޭ އިދާރީ ބައެއް ކަންކަން ފުރިހަމަ ކޮށްފައި ނެތުމުން ކަމަށެވެ.

"ބައްދަލުވުމުގައި މިފަހަރު ބައިވެރި ނުވުމަކުން މިގައުމުތަކުގެ މެދުގައި ކުރިއަށްދާ އެއްވެސް ކަމަކަށް އަދި ގުޅުމަކަށް ހީނަރުކަމެއް ނާންނާނެ،" ހަލީލު އިތުރަށް ވިދާޅުވި އެވެ.

މި އަހަރުގެ ސީއެސްސީ ކުރިއަށް ގެންދިޔައީ ޑިސެމްބަރު 7، ގައި މޮރިޝަސްގަ އެވެ. މިއީ އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމާމެދު މަޝްވަރާކުރުމަށް 2011 ވަނަ އަހަރު އެކުލަވާލި އެ ކޮންކްލޭވްގެ ހަ ވަނަ ބައްދަލުވުމެވެ. އެ ބައްދަލުވުމުގައި އިންޑިއާ، ސްރީ ލަންކާ އަދި މޮރިޝަސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުން ބައިވެރިވި އެވެ. އޭގެ އިތުރުން ސީޝެލްސް އަދި ބަންގްލަދޭޝްގެ ދިފާއީ އޮފިސަރުން ވެސް ބައްދަލުވުމުގައި ބައިވެރިވި އެވެ.

މިއީ ރާއްޖެއިން މި ކޮންކްލޭވްގައި ބައިވެރިނުވި ފުރަތަމަ ފަހަރެވެ. ނަމަވެސް ހަމަ އެ ހަފުތާ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ވަޑައިގެންފަ އެވެ.