12 ޑިސެންބަރު 2023 - 10:40 0
ރައްޔާން މުހައްމަދު
12 ޑިސެންބަރު 2023 - 10:40 0
އައިފޯނުން އައިފޯނަށް ކުރާ މެސެޖުތަކަށް ހާއްސަ "އައިމެސެޖު" ހިދުމަތް، އެންޑްރޮއިޑަށް ގެނެސްދިން "ބީޕާ" އެޕްލިކޭޝަނަށް އެޕަލް އިން ހުރަސްއަޅައިފި އެވެ.
އެންޑްރޮއިޑް ފޯނުތަކުން ކުރާ "ގްރީން ބަބްލް" މެސެޖުތައް "ބްލޫ ބަބްލް" އަށް ބަދަލުކޮށްލަދިން ބީޕާ އަކީ ދާދި ފަހުން އުފެދުނު ކުންފުންޏެކެވެ. އެ ކުންފުނިން މި ހިދުމަތް ދޭން ފެށިތާ ދެތިން ދުވަސްވެފައިވާ އިރު، އިއްޔެ އާއި ހަމައަށް ވަނީ ވަރަށް ފުރިހަމަކަމާ އެކު ހިދުމަތް ފޯރުކޮށްދީފަ އެވެ.
ނަމަވެސް, އިއްޔެ އިން ފެށިގެން ބީޕާ މެދުވެރިކޮށް މެސެޖުކުރާ ފަރާތްތަކަށް އަންނަނީ "އެރޯ މެސެޖެއް" ލިބެމުންނެވެ. އެ މެސެޖުގައިވަނީ މެސެޖު "ޓައިމްއައުޓް" ވެފައިވާ ކަމަށެވެ.
މައްސަލަ ރިޕޯޓުކުރަން ފެށިތާ ވަގުތުތަކެއް ފަހުން، އެޕަލް އިން ވަނީ އެ ކުންފުނީގެ ފަރާތުން "ބީޕާ" އެޕަށް ހުރަސް އަޅާފައިވާކަން ހާމަކޮށްފަ އެވެ. އެފަދަ ފިޔަވަޅެއް އެޅީ އެޕަލްގެ ޔޫޒަރުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް އެޕަލް އިން ބުނެފައިވެ އެވެ. އަދި އައިމެސެޖުގައި "ފޭކު ކްރެޑެންޝަލްސް" ބޭނުންކުރާ ފަރާތްތައް ބްލޮކްކުރާނެ ކަމަށް ވެސް އެޕަލް އިން ބުނެފައިވެ އެވެ.
ނަމަވެސް, ބީޕާގެ ހިދުމަތްތަކަކީ ޔޫޒަރުންގެ ސެކިއުރިޓީއާ ޕްރައިވެސީގެ ރައްކާތެރިކަމާ އެކު ފޯރުކޮށްދޭ ހިދުމަތްތަކެއް ކަމަށް ބީޕާ އިން މީގެ ކުރިން ވެސް ވަނީ ބުނެފަ އެވެ. އަދި ޔޫޒަރުން ފޮނުވާ މެސެޖުތައް ވަނީ "އެންކްރިޕްޓް" ކުރެވިފައި ކަމަށާއި، ފޮނުވާ އަދި ރައްދުވާ ފަރާތް ނޫން އިތުރު އެއްވެސް ފަރާތަކަށް މެސެޖުތައް ނުކިޔޭނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ދީފަ އެވެ.
އެޕަލްގެ ފިޔަވަޅުތަކާ އެކު، ބީޕާގެ ސީއީއޯ ވަނީ، އެޕަލްއާ އެކު މަޝްވަރާކޮށްގެން ސެކިއުރިޓީ މައްސަލަތައް ހައްލުކުރުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ. އަދި އެންޑްރޮއިޑާއި އައިފޯނާއި ދެމެދު ރައްކާތެރިކަމާ އެކު މުއާސަލާތުކުރުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
އެންޑްރޮއިޑް ފޯނުތަކުން އައިފޯނަށް އިންޓަނެޓުގެ ޒަރީއާއިން ޓެކްސް މެސެޖުނުކުރެވޭތީ އެޕަލްއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ހުދު ގޫގުލް އިން ވެސް ވަނީ އެންޑްރޮއިޑާއި އައިފޯނާއި ދެމެދު މެސެޖު ކުރެވޭ ގޮތް ބަދަލުކުރުމަށް އެޕަލްގެ ކިބައިން އެދިފަ އެވެ. ނަމަވެސް, އެޕަލް އިން އެކަމަށް އެދެވޭ އެއްބާރުލުމެއް މިހާތަނަށް ދީފައެއް ނުވެ އެވެ.
މިފަހަކަށް އައިސް އިތުރު ފަރާތްތަކުން ދަނީ މި ހިދުމަތް ދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން, ނަތިން ފޯނުގެ އެންމެ ފަހުގެ މޮޑެލްއަށް ވަނީ "ސަންބާޑް" މެދުވެރިކޮށް މި ހިދުމަތް ދޭން ފަށައިފަ އެވެ. ނަމަވެސް މިއީ އެޕަލްގެ "މެކް މިނީ" ސާވާ އެއް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތެއް ކަމުން، މިހާތަނަށް މިފަދަ މައްސަލައެއް ދިމާވެފައެއް ނުވެ އެވެ.
Comment