Advertisement

ކޮންމެ މަސްދޯންޏެއްގައި ރެސްކިއު ޑައިވަރެއް ހުރުން ލާޒިމުކުރަނީ

10 ޑިސެންބަރު 2023 - 22:06 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް : ކޮންމެ މަސްދޯންޏެއްގައި ރެސްކިއު ޑައިވަރެއް ހުރުން ލާޒިމްކުރައްވާނެ ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ކޮންމެ މަސްދޯންޏެއްގައި ރެސްކިއު ޑައިވަރެއް ހުރުން ލާޒިމުކުރަނީ

10 ޑިސެންބަރު 2023 - 22:06 1

ރާއްޖޭގައި ބޭނުންކުރާ ކޮންމެ މަސްދޯންޏެއްގައި ރެސްކިއު ޑައިވަރެއް ހުރުން ލާޒިމުކުރަން ނިންމަވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށާއި އެކަން ކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މިހާރު މަސްވެރިކަމުގައި ފީނުމުގެ ތެރެއިން ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުން ކަމަށް ވެސް މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

"އިނގިވަޑައިގަންނަވާނެ ރެސްކިއު ޑައިވަރަކާ ހިސާބަށް ދާއިރުގަ، އޯޕަން ވޯޓާ، އެޑްވާންސް އަދި ބައެއް ކަހަލަ ސްޕެޝިއަލިޓީ ޑައިވިން އޭގެ ތެރޭގަ ހިމެނޭ، މެޑިކް ފަސްޓު އެއިޑު އެބަ ހިމެނޭ، ދެން މި އަންނަނީ ރެސްކިއު ޑައިވިން" މިރޭ ބޭއްވި ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަސްވެރިން މަސައްކަތް ކުރަނީ ވަރަށް ބޮޑު ރިސްކެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން, ހޮސްޕިޓަލުތަކާއި ދުރުގައި ކަނޑުމަތީ މަސައްކަތް ކުރާއިރު މިފަދަ ނިޒާމެއްގެ ތެރެއިން ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ހުރުމުން ކުއްލި ހާލަތްތަކުގައި އަވަހަށް އެހީދެވޭނެ ކަން ފާހަގަކުރެއްވި އެވެ.

"އެނގިވަޑައިގަންނަވާނެ ރެސްކިއު ޑައިވަރަކީ އޮކްސިޖަން އެޑްމިނިސްޓްރާ ކުރަން އިނގޭނެ ސެޓްފިކެޓް އޮތް ޑައިވަރަކަށްވާނެ، އަޅުގަނޑަށް އެބަފެނޭ ރާއްޖޭގެ މަސްދޯނިތަކުގަ މުސްތަގުބަލުގަ އޮކްސިޖަން ސިލިންޑަރުތައްވެސް ހުންނަތަން" ޝިޔާމު ވިދާޅުވި އެވެ.

މިރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން ޝިޔާމު ވަނީ އިއްޔެ މަސްވެރިންނާއެކު ކުރިއަށް ގެންދިޔަ ގުންޒަރަށް އަލިއަޅުއްވާލައްވާ، އެ ގުންޒަރުގައި މަސްވެރިން ފާހަގަކުރި ކަންކަމަށް ފުރިހަމަ ހައްލެއް ހޯދައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި، ރާއްޖޭގައި މިހާރު ކުރާ މައިގަނޑު މަސްވެރިކަމުގެ ބާވަތްތައް، ކަޅުބިލަ މަހާއި ކަންނެލީގެ މަސްވެރިކަމުން އެހެން ބާވަތްތަކަށް ފުޅާކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން, މެރިކަލްޗާ އަދި އެކުއަކަލްޗާ ގެ ދާއިރާ ވަކިން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ރައީސްގެ ވައުދާ އެއްގޮތަށް މަހުގެ އަގު 20ރ. އަށްވުރެ ދަށްނުކޮށް، ދުވަހުން ދުވަހަށް މަހަށް ފައިސާ ލިބޭނެ ނިޒާމެއް މި ސަރުކާރުން ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.