Advertisement

ފުށިދިއްގަރު ފަޅުގެ ބަޖެޓު އުނިކުރީ ޑިމޮކްރެސީއާ ދުރު ވިސްނުމަކުން: ހަމްދާން

9 ޑިސެންބަރު 2023 - 15:36 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ފުށިދިއްގަރު ފަޅުގެ ބަޖެޓު އުނިކުރީ ޑިމޮކްރެސީއާ ދުރު ވިސްނުމަކުން: ހަމްދާން

9 ޑިސެންބަރު 2023 - 15:36 3

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ޕްރޮޖެކްޓުގެ ގޮތުގައި ފެށުމަށް ނިންމާފައިވާ ފުށިދިއްގަރުފަޅު ހިއްކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ އުނިކުރަން މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ފާޑުކިޔައިފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު "އަދަދު" އަށް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކަން ބަޖެޓްގައި ޖެހި ފައިސާ އުނިކުރުމަކީ އެމްޑީޕީން ގާނޫނު އަސާސީގެ ރުހާ ހިލާފު އަދި ޑިމޮކުރެސީއާ ވެސް ދުރު ވިސްނުމަކުން ކުރި ކަމެއް ކަމަށެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ ޕްރޮޖެކްޓަކީ މަދުވެގެން 120،000 މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އަމާޒުކޮށްގެން ހިންގުމަށް މި ސަރުކާރުން ނިންމާފައިވާ ޕްރޮޖެކްޓެއްކަން ފާހަގަ ކުރައްވައި ހަމްދާން ވިދާޅުވީ އެކަމާ އެމްޑީޕީން ދެކޮޅު ހެދުމަކީ އެއީ ފުރިހަމަ ޑިމޮކުރެސީތަކުގައި އަމަލު ކުރާ ގޮތާ ދުރު ނިންމުމެއް ކަމަށެވެ.

"އެހެންވީމާ މިހާރުގެ ސަރުކާރާ އެއްވެސް ވަރަކަށް އެކަމުގައި މަޝްވަރާ ކުރުމެއް ނެތި، ދައުރު ހަމަވާން ކައިރިވެފައި އޮތް މަޖިލީހަކުން މިހެން މިކަން ކުރީމާ އެ ދެވެނީ ދިވެހިރައްޔިތުންނަށް ވެސް ވަރަށް ބޮޑު ދެރައެއް، އަނެއްކާ މިކަން ކޮށްފައި މިއޮތީ ޑިމޮކްރެސީގެ ބެސްޓް ޕްރެކްޓިސްއާ ހިލާފަށް،" ހަމްދާން ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ އުނިކޮށް އޭގެތެރެއިން 200 މިލިއަން ރުފިޔާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީކުރަން ފެށި ގުޅިފަޅާއި ގިރާވަރު އަދި ހުޅުމާލެއިން ގޯތި ދިން ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަޝްރޫއަށް މަޖިލީހުގެ ބަޖެޓު ކޮމެޓީން ވަނީ ބަދަލުކޮށްފަ އެވެ. އެކޮމިޓީން ނިންމީ ބާކީ 200 މިލިއަން ރުފިޔާ އެކި މަޝްރޫއުތަކަށް ބަހައިލުމަށެވެ.

ހަމްދާން ވިދާޅުވީ ސީދާ ރައްޔިތުންނާ ގުޅިފައި އޮތް އެފަދަ ބޮޑު ކަމެއްގައި، ދައުރު ހަމަވާން ކައިރިވެފައި އޮތް މަޖިލީހަކުން އެހައި ޒިންމާދާރުކަން ކުޑަކޮށް އަމަލު ކުރުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަންކަން ކޮށް އުޅޭ އުސޫލެއް ނޫން ކަމަށެވެ.

"މިސާލަކަށް ހަމަ މެޖޯރިތީ އޮތޭ ކިޔާފައި ދައުރު ހަމަވާން އެއްދުވަހަށް ވެފައި އޮއްވައި ގާނޫނު އަސާސީ ބަދަލުކޮށްލައި ވެރިއަކަށް ހުންނަ މީހާ ބަދަލު ކޮށްލައި މިކަންކަން ކުރެވިދާނެ، އެ ކުރަނީ އުސޫލުގެ ތެރެއިން އެކަމަކު އެކުރަނީ ޑިމޮކުރެސީގެ އުސޫލާ ހިލާފަށް، ގާނޫނު އަސާސީގެ ރޫހާ ވެސް ހިލާފަށް،" ހަމްދާން ވިދާޅުވި އެވެ.

މާލޭގެ ދެކުނުގައި އޮންނަ ފުށިދިއްގަރު ފަޅަކީ ބޮޑުމިނުގައި 1،280 ހެކްޓަރު ހުންނަ ސަރަހައްދެކެވެ. ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެ ފަޅު ހިއްކަން ފަށާތާ 19 ވަރަކަށް މަސްދުވަހުގެ ތެރޭގައި އެތަން އެއްކޮށް ހިއްކައި ނިންމައިލެވޭނެ ކަމަށެވެ. އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައި ވަނީ އެތަނުގައި 65،000 ހައުސިން ޔުނިޓު އެޅުމަށެވެ. އޭގެތެރޭގައި ބިން ކަނޑާފައި ދޭ ގޯއްޗާއި ފުލެޓު ވެސް ހިމެނެ އެވެ.

ރައީސް ވިދާޅުވެފައި ވަނީ އެ މަސައްކަތް ކުރިއަށް ގެންދާނީ ރާއްޖޭގެ ދައުލަތުން އެހައި ބޮޑު ހަރަދެއް ނުދާނެ ފަދަ ގޮތަކަށް ކަމަށާއި އެތަން ހިއްކުމަށްފަހު އެތަން ތަރައްގީ ކުރާނީ ބޭރުގެ އިންވެސްޓުމަންޓުތައް އެތަނަށް ގެނެސްގެން ކަމަށެވެ.