Advertisement

ރަހުނަކާ ނުލާ އެއް މިލިއަން ރުފިޔާ ލިބޭ ހޯމް ބިލްޑު ލޯނު ބީއެމްއެލްއިން ތައާރަފުކޮށްފި

6 މޭ 2024 - 20:05 0

ބީއެމްއެލްގެ މައި އިދާރާ: ބީއެމްއެލްގެ ލޯނުތަކަށް ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް -- ފޮޓޯ: ބީއެމްއެލް


ރަހުނަކާ ނުލާ އެއް މިލިއަން ރުފިޔާ ލިބޭ ހޯމް ބިލްޑު ލޯނު ބީއެމްއެލްއިން ތައާރަފުކޮށްފި

6 މޭ 2024 - 20:05 0

ގެެދޮރު އިމާރާތްކުރަން ބޭނުންވާ ބީއެމްއެލްގެ ކަސްޓަމަރުންނަށް ރަހުނަކާ ނުލާ އެއް މިލިއަން ރުފިޔާއާ ހަމައަށް ލިބޭ ހޯމް ބިލްޑު ލޯން އެ ބޭންކުން މިއަދު ތައާރަފުކޮށްފި އެވެ.

ބީއެމްއެލްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ލޯނާއި މިއަދު ދެން ތައާރަފުކުރި ހޯމް އިކުއިޓީ ލޯނަކީ ގެދޮރު އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް ބޭނުންވާ ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމުގެ މަގުސަދުގައި އިފްތިތާހުކުރި މުޅިން އާ ދެ ލޯނު ޕްރޮޑަކްޓު ކަމަށެވެ.

އެގޮތުން ތައާރަފުކުރެވުނު ހޯމް ބިލްޑު ލޯނަކީ އެއްވެސް ރަހުނެއް ނެތި، 15 އަހަރުން އަނބުރާ ދައްކާ ގޮތަށް 9 ޕަސެންޓު އިންޓްރެސްޓުގައި ބީއެމްއެލްއިން ދޫކުރާ ލޯނެކެވެ. ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ގެޔެއް އިމާރާތްކުރަން ވެސް މި ލޯނަށް އެދެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން ދެން ތައާރަފުކުރި ހޯމް އިކުއިޓީ ލޯނަކީ އެ ބޭންކުން ކުރިން ހޯމް ލޯނާއި ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ލޯނެކެވެ. މި ލޯން މެދުވެރިކޮށް ކަސްޓަމަރުން މިހާރު ދައްކާފައިވާ ފައިސާގެ އަދަދާ ހަމައަށް ލޯން ދޫކުރެވޭނެ އެވެ.

މި ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ލިބޭއިރު، ބީއެމްއެލްއިން ބުނީ ހޯމް އިކުއިޓީ ލޯން ދޫކުރާނީ 50،000ރ. އިން މަތީގެ އަދަދުތަކުން ލޯނު ނަގަން ބޭނުންވާ ކަސްޓަމަރުންނަށް އެކަނި ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން ޑިރެކްޓަރު، މޫސާ ނިމާލް ވިދާޅުވީ މިއީ މުޅީ ރާއްޖޭގައި ތިބި އެ ބޭންކުގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފައިނޭންސިން ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ތައާރަފުކުރި ޕްރޮޑަކްޓެއް ކަމަށެވެ.

"އަލަށް ތައާރަފުކުރި ހޯމް ބިލްޑު ލޯނު ނަގަން އިތުރު ރަހުނެއް ބޭނުން ނުވާއިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓުގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމާތުގެ މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން މި ދޫކުރާ ހޯމް އިކުއިޓީ ލޯނުން މިހާރު ހޯމް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް 10 ޕަސެންޓު ރޭޓުގައި ލޯނު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް، ހޯމް ބިލްޑް ފައިނޭންސިން އަދި ހޯމް އިކުއިޓީ ފައިނޭންސިން ލިބޭނެ އެވެ.