Advertisement

ދާއިމީ ރަޖިސްޓަރީ އާއި ރަށްވެހިކަން ފުރިހަމަކުރުމަށް "ދުވާފަރު ދަފުތަރު"ގެ ދައުރު

8 ޑިސެންބަރު 2023 - 10:35 0

އިސްމާއީލް އަހުމަދު

އިސްމާއީލް އަހުމަދު

ރ. ދުވާފަރު މަތިން ނަގާފައިވާ ފޮޓޯ: -- ފޮޓޯ: އިސްމާއީލް އަހުމަދު


ދާއިމީ ރަޖިސްޓަރީ އާއި ރަށްވެހިކަން ފުރިހަމަކުރުމަށް "ދުވާފަރު ދަފުތަރު"ގެ ދައުރު

8 ޑިސެންބަރު 2023 - 10:35 0

ޑިސެންބަރު 31، 2023 ގެ ފަހުން ރ. ކަނދޮޅުދޫގެ އެޑްރެހެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ފުރުސަތު ނެތިދިއުމަކީ ހަމައެކަނި އެ ކުޑަ ޑޮކިއުމަންޓަށް ނަޒަރު ހުއްޓާލައިގެން ތިބެވޭ ވަރަށްވުރެ ހައްސާސީ މައްސަލައެކެވެ. އަދި އެކަމުގެ ސަބަބުން އެ ރައްޔިތުން ދުވަހުން ދުވަހަށް ފުއްދާންޖެހޭ އަސާސީ ބޭނުންތަކަށް އެތައް ހުރަސްތަކެއް ކުރިމަތިކުރުވާ އަދި ދުވަހުން ދުވަހަށް ހިންގާ އެތައް މުއާމަލާތަކަށް ނޭދެވޭ އަސަރުކުރުމަކީ ނުވެނުދާނެ ކަމެކެވެ.

ދެހާސް ހަތަރެއްގެ ސުނާމީއަށް ފަހު ކަނދޮޅުދޫ ރައްޔިތުންނަށް ހާއްސަކުރެވި ބިނާކުރެވުނު ރ. ދުވާފަރުން ގޯތިގެދޮރު ދިނުމުގައި ހިންގުނު މުއާމަލާތްތަކާއެކު، އިހު އުފަންނުވާ، ނޭދެވޭ އެތައް ކަމެއް ކުރިމަތި ކުރުވިކަމީ ރަށުގެ ރައްޔިތުން އިއްތިފާގުވާނެ ކަމެކެވެ. ގެތައް ހަވާލުކުރުމުގައި ކަނދޮޅުދޫގައި ރަޖިސްޓަރީ އޮތް ކޮންމެ ގެއަކަށް ގެއެއްދިނުމާއި، ވަކި އަދަދަކަށް ބޯ ހަމަކޮށް ތިބި ފަރާތްތަކަށް ގެތައް ދިނުމުގެ ތެރެއިން، އެއް ހަމައެއް އަދި ލާޖެހޭ ތަރުތީބެއް ސާފުނުވާ ގޮތަށް ދެވިފައިހުރި ގެތައް ހުރިކަން ފާހަގަވެ އެވެ. އެއާއެކު ދުވާފަރުގައި ގާއިމުކުރެވިފައިވާ 676 ގޭގެ ތެރެއިން ބައެއް ގެތަކުގެ ދާއިމީ ރަޖިސްޓަރީ ހެދުމަށާއި، ކަނދޮޅުދޫ ރައްޔިތުންގެ ރަށްވެހިކަން ދުވާފަރަށް ބަދަލުކުރުމުގައިވަނީ ހުރަސްތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ފަރުވާކުޑަވެ ދޭންވާ އަހަމިއްޔަތު ނުދީ ބައެއް ގެތައް ރަޖިސްޓަރީނުކޮށް ހުރިކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރި ނަމަވެސް، އާއިލާގެ ތެރެއިން އެއްބަސްވެވޭނެ ހައްލެއް ހޯދޭނެ ގޮތެއް ނުފެނި ރަޖިސްޓަރީ ކުރުމަށް ހުރަސްތަކާ ކުރިމަތިލަމުންދާ ގެތައްވެސް ހުރިކަމީ ހަގީގަތެކެވެ. އެއްބަސްވެވޭ އެކަކަށް ނުވަތަ ގިނަ ބައެއްގެ މައްޗަށް ރަޖިސްޓަރީކުރެވޭނެ އެއްބަސްވުމަކަށް ނާދެވި ހުރި ގެތަކުގެ އަދަދު ނިސްބަތުން މަދުނޫންކަންވެސް ފާހަގަކުރެވެ އެވެ. މިފަދަ ފަރާތްތަކަށް މި އަހަރުގެ ×ޑިސެންބަރު 31 ގެ ފަހަށްވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދޭނެ ގޮތާއި، އެކާޑު މެދުވެރިކޮށް ހޯދަންޖެހޭ ހައްގުތަށް ހޯދޭނެ މަގެއް ތަނަވަސްކޮށްދިނުމަކީ ކަމާބެހޭ އެންމެ ފަރާތްތަކުގެ ޒިންމާއެއް އަދި މަސްއޫލިޔަތަކަށް ވާންވާނޭކަން ކަށަވަރެވެ.

އެކި ސަބަބުތަކާހުރެ 2014 ވަނަ އަހަރުން ފެށިގެން ހުއްޓުވާފައި އޮތް ދުވާފަރުގެ ގެތަކަށް ދާއިމީ ރަޖިސްޓަރީ ހައްދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ މަގެއް 2019 ވަނަ އަހަރު ފެށުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް މިކަމަށް އިޖާބަދެއްވައި ދާއިމީ ރަޖިސްޓަރީއާއި ރަށްވެހިކަން ދުވާފަރަށް ބަދަލުކުރި ފަރާތްތަކުގެ އަދަދު މަދުނޫންކަން ވެސް ފާހަގަކޮށްލަންޖެހެ އެވެ.

ދާއިމީ ރަޖިސްޓަރީ އާއި ރަށްވެހިކަމުގެ މަސައްކަތަށް އެކި މުހުލަތުތައް ދެމުން ދިގުދަންމަމުން ދިއުމަކީ މި މައްސަލައަށް އެދެވޭނެ ހައްލު ހޯދޭނެ ގޮތެއް ކަމަށް ނުދެކެމެވެ. އަދި އަލަށް އުފަންވާ ކުދިން ފަޅު ރަށެއްގެ ގޮތުގައި ހަމަޖައްސައިފައިވާ ރަށެއްގެ ރަށްވެހިންނަށް ވާންޖެހުމާ ގުޅިގެން އުފެދޭ ސުވާލުތަކަށް ނިމުމެއް އަންނާނެ ކަމެއްވެސް ނުމެނޫންމެ އެވެ. އަދި ވަކިން ހާއްސަކޮށް، މިފަދައިން ދިގުދެމިގެންދިއުމަކީ، ރަޖިސްޓަރީކުރުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން، އާންމުކުރެވިފައިވާ އުސޫލުތަކުގެ ތެރެއިން ރަޖިސްޓަރީނުކުރެވި ދިގު މުއްދަތުތަކެއް ފާއިތުވެގެންދާ ގެތަކުގެ ރައްޔިތު މީހާގެ ރަށްވެހިކަން ދުވާފަރަށް ބަދަލުވުމަށް އޮތް ބޮޑުހުރަކަށްވެސް ވެގެންދެ އެވެ.

އަޅުގަނޑުގެ ނަޒަރުގައި މިކަމަށް ހައްލެއް ހޯދެން އޮތީ މިމައްސަލަ ދިމާވާ ފަރާތްތަކަށް ހާއްސަކޮށް ހުޅުވާލެވޭ ދަފުތަރެއްގެ އެހީތެރިކަމާއެކުގަ އެވެ. އަދި އެ ދަފުތަރު އުފެދި އަންނާންޖެހޭނީ، ކަނދޮޅުދޫ ރަށްވެހިކަމުގައި ކަށަވަރުވެ ނަގުލުވަމުން އައި އެ ރަށުގެ ރަށްވެހިކަމާއި އަދި އެ ރަށުގެ ދާއިމީ ރަޖިސްޓަރީން އެ ރައްޔިތުންނަށް ލިބިދޭ އެންމެހައި ހައްގުތައް ކަށަވަރުވާނެ ގޮތަށް ކައުންސިލުން ފާސްކުރާ ގަރާރެއްގެ މައްޗަށެވެ. އަދި މި ދަފުތަރު މެދުވެރިކޮށް ދުވާފަރުގެ ރަށްވެހިކަމަށް ބަދަލުވުމަށް ހިންގާ މަސައްކަތުގެ ތެރޭގައި، މީގެކުރިން ދުވާފަރުގެ ރަށްވެހިކަމަށް ބަދަލުވި ފަރާތްތަކުގެ ބޭނުމަށް ބޭނުންކުރަމުންއައި ކަނދޮޅުދޫގެ ނަމުގައިވާ އެންމެހައި ހައްގުތައް ބޭނުންކުރުމުގެ ފުރުސަތުވެސް މި ދަފުތަރު އުފަންކުރާ ގަރާރުގައި ހިމެނިފައި އޮންނަންވާނެއެވެ.

މި ދަފުތަރު އެކުލަވާލުމުގައި ދެ ބަޔަކަށް ބެހިގެންދާ ގޮތަށް، ދެ ތާރީހެއް ހިމަނައި، މި މައްސަލައަށް ނިމުން ގެނެވޭނެ ގޮތަށް ހަމަޖެއްސުމަކީ ބޭނުންތެރި ކަމެކެވެ. އެގޮތުން، ދާއިމީ ރަޖިސްޓަރީ ހެއްދުމަށް އެއްވެސް ހުރަހެއް ނެތް ފަރާތްތަކަށް އެއް އަހަރު ދުވަހުގެ މުހުލަތެއް ދިނުމާއެކު، ދާއިމީ ރަޖިސްޓަރީގެ ކަންކަން ނިންމުމަށް ބާރުއެޅުމަށްޓަކައި އެ މުއްދަތުގެ ފަހަށް މި ދަފްތަރުގައި ދެމިއޮންނާނީ ހަމައެކަނި ޝަރުއީ މަރުހަލާގައި ނުވަތަ ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުގެ އިދާރީ ސަބަބުތަކުން ހުރަސްއެޅިފައިވާ ގެތަކަށް ނިސްބަތްވާ ރައްޔިތުން އެކަނިކަން އެ ގަރާރުގައި ސާފުކޮށް އެނގެން އޮންނަންވާނެ އެވެ.

ދުވާފަރު ރައްޔިތުންތަކެއް އަސާސީ އެތައް ކަމަކުން މަހުރޫމުވެދާނެ މި ބޮޑު މައްސަލައަށް، ކައުންސިލްގެ އަޣުލަބިއްޔަތާއެކު ބާރުލިބިގެން ފާސްކުރެވޭ ގަރާރަކުން އުފައްދާ މި ދަފުތަރުން އެކަށީގެންވާ ނިމުމެއް ގެނެވުމުގެ ފުރުސަތު ނުހަނު ބޮޑެވެ. އަދި 2010 ވަނަ އަހަރު ފަޅުރަށެއްގެ ގޮތުގައި އިއުލާންކޮށްފައިވާ ކަނދޮޅުދޫގެ ރަށްވެހިންގެ ގޮތުގައި މި ވަގުތުވެސް ތިބި 2,500 އަށްވުރެ ގިނަ ރައްޔިތުންގެ ރަށްވެހިކަން ދުވާފަރަށް ބަދަލުވުމުގެ ފުރުސަތު ފަހިވެ ދިއުމާއެކު މި މައްސަލައަށް އެދެވޭ ހައްލެއް ކަށަވަރުކުރެވިގެން ދާނެކަމަށް ދެކެމެވެ.

އެޑިޓަރުގެ ނޯޓު


މިއީ ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ލިޔުއްވާފައިވާ އޭނާގެ އޮޕްއެޑް ލިޔުމެކެވެ. މި ލިޔުމުގައި މިވަނީ ލިޔުންތެރިޔާގެ ހިޔާލެވެ. މި ލިޔުން ޝާއިއުކޮށްފައި މިވަނީ 'އަދަދު' ނޫހުން ގަބޫލު ކުރާ އުސޫލުތަކާއި އާންމު ހަމައިގެ ތެރެއަށް ލިޔުން ފައްތާލުމަށް ލިޔުމުގެ ވައްޓަފާޅިއަށް ބައެއް ކުދިކުދި ބަދަލުތައް ގެނައުމަށްފަހު ލިޔުމުގެ އަސްލަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލަ އެވެ.