Advertisement

ބޭސްފަރުވާއަށް ބޭރަށް ދާން އަހުމަދަށް 20 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފި

7 ޑިސެންބަރު 2023 - 10:29 1

ނިމާ ހަސަން

ނިމާ ހަސަން

އަހުމަދު މޫސާ މުހައްމަދު (އަންމަޓީ)


ބޭސްފަރުވާއަށް ބޭރަށް ދާން އަހުމަދަށް 20 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފި

7 ޑިސެންބަރު 2023 - 10:29 1

ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދީފި އެވެ.

އަހުމަދުގެ މައްޗަށް 42 ދައުވާއެއް އުފުލީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅުގައި އޭރުގެ އެޗްޑީސީ (މިހާރު އާބަންކޯ) އާއި ސީލައިފްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތުގަ އެވެ.

މި މައްސަލައިގައި އޭނާގެ ޝަރީއަތް ކުރިޔަށް ދާއިރު އޭނާ ހުރީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފަ އެވެ. ނަމަވެސް އޭނާ ރާއްޖޭން ބޭރަށް ދިޔުން މަނާކޮށް، ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ.

ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް އަހުމަދުގެ ފަރާތުން ހުށަހެޅީ މައިބަދައިގެން އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށް ބުނެ އެވެ. އެ ހުށަހެޅުން ބެލުމަށް ފަހުން ކޯޓުން ނިންމައި، ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ދިޔުމަށް 20 ދުވަހުގެ ހުއްދަ ދިނުމަށެވެ. އެއީ މިމަހު 6 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޯޓުން ބުނީ އަހުމަދުގެ ފަރާތުން ހުށަހަޅާފައިވާ މެޑިކަލް ލިޔެކިޔުންތަކަށް ބަލާއިރު އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށެވެ.

އަހުމަދުގެ މައްޗަށް ކުރި ތުހުމަތުތަކުގެ މައްސަލައިގައި ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާގައި އުޅެނިކޮށެވެ. އޭނާގެ އާއިލާ ދިރިއުޅެމުން ދަނީ ލަންކާގަ އެވެ.