5 ޑިސެންބަރު 2023 - 16:45 0
އަމަން ހަލީމް
ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: މީގެ ކުރިން އޭނާ ވަނީ ޑެޕިއުޓީ ޕީޖީ ލީޑަރުކަމަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންފައި -- ފޮޓޯ/ރައްޔިތުންގެ މަޖިލިސް
5 ޑިސެންބަރު 2023 - 16:45 0
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕު (ޕީޖީ) ގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (ކެލާ އިބުރޭ) މިއަދު އިންތިހާބުކޮށްފި އެވެ.
މެމްބަރު ޝަރީފް ނައިބު ލީޑަރަކަށް ހޮވުނީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދާ ވާދަކުރައްވަ އެވެ. ވޯޓުލީ 50 މެމްބަރުންގެ ތެރެއިން 27 މެމްބަރަކު ޝަރީފަށް ވޯޓު ދިން އިރު، ނިހާދަށް ލިބުނީ 23 ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގައި ސާފު އަގުލަބިއްޔަތު އޮތް އެމްޑީޕީން ޕީޖީއަށް އާ ލީޑާޝިޕެއް އިންތިހާބުކުރަން ޖެހުނީ ކުރިން އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.
އަސްލަމް ހުންނެވި މަގާމަށް އިންތިހާބުކުރީ އޭރު ޕީޖީ ގްރޫޕްގެ ނައިބު ލީޑަރަކަށް ހުންނެވި މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ދެ ނައިބު ލީޑަރުން ތިއްބަވާއިރު ޝަރީފްގެ އިތުރުން ދެން ހުންނަވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދުނު ކޯޅުންގަނޑުގެ ތެރެއިން ޕާޓީ ދެ ފަޅިވީއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރީ ކޮންޓްރޯލް އޮތީ އެ ޕާޓީއާ ދެކޮޅުވީ އެމްޑީޕީގެ ކުރީގެ މެމްބަރުން (ފަހުން ދަ ޑިމޮކްރެޓްސް) އަތުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް އެމްޑީޕީން އަލުން ނެގީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް، މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި އޭރުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރަން މައްސަލަ ހުށަހަޅައިގެން ދިޔަ ދިގު މަރުހަލާއަކަށް ފަހެވެ. ނަޝީދާއި އީވާ މަގާމުން ވަކިވީ، ވަކިކުރުމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް އިސްތިއުފާ ދިނުމުންނެވެ.
Comment