5 ޑިސެންބަރު 2023 - 11:55 1
މިންހާ އަބްދުﷲ
ރައްޔިތުންގެ މަޖިލިސް މެމްބަރުން، ވަޒީފާއިން ވަކި ކުރާނަމަ ވަޒީރުންނަށް ރުހުން ނުދޭނެކަމަށް ބައެއް މެމްބަރުން ވިދާޅުވޭ
5 ޑިސެންބަރު 2023 - 11:55 1
ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަކި ކުރާނަމަ، ވަޒީރުންގެ މަޖިލީހަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެެ މެމްބަރުން ދީފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރަމުން ގެންދާތީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން، ފެނަކައިން މުވައްޒަފުން ވަކި ކުރަމުންދާ ކަމުގެ ކަންބޮޑުވުން މެމްބަރުންނާ ހަމައަށް ލިބެމުންދާ ކަމަށް އެމްޑީޕީ މެމްބަރުން ވިދާޅުވި އެވެ. އަދި, "ދިވެހީންގެ ރާއްޖެ"އަށް ދިޔުމަށް ކަމަށް ބުނެ ވެރިކަމަށް އައުމަށް ފަހު، މިހާރު މިސްރާބު ހުރީ ވަރަށް ނާމާން ދިމާލަކަށް ކަމަށް މެމްބަރުން ވިދާޅުވި އެވެ.
މައްސަލައަށް ބަހުސް ކުރައްވާ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ މި މައްސަލައަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. މަޖިލީހުގައި މެމްބަރުން ތަމްސީލު ކުރަމުން ދަނީ ބޭއިންސާފުން ކަނޑައި، ގެއަށް ފޮނުވާ ރައްޔިތުން ކަމަށް ޝަހީމް ވިދާޅުވި އެވެ.
ވަޒީރު ކަމަށް އައްޔަން ކުރެއްވި ބައެއް މިނިސްޓަރުން މަޖިލީހަށް ފޮނުވި ސީވީ ތަކުގައި އެއީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަން ހާމަ ވާން އޮތް ކަން ޝަހީމް ވިދާޅުވި އެވެ. އަދި, ބޭރު ގައުމުތަކުގެ ރަށްވެހިކަން އޮތް ރައްޔިތުންނަށް ވަޒީރުކަން ހަވާލުކުރުމަށް ފަހު ދިވެހި ރައްޔިތުން ވަޒީފާއިން ކަނޑާލާ ތަން ބަލަން ނުތިބޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މި ސަރުކާރުގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރަކަށް އައްޔަނު ކޮށްފައި ހުރީ ވެސް އެހެން ގައުމެއްގެ ރައްޔިތެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ރާއްޖެ ބަދަލުވެފައި ވަނީ އަދުރޭގެ ރާއްޖެއަށް، އަދުރޭގެ އާއިލާއަށް ވަންހަ ދިދަކޮޅު ފޯރި އެންމެންނަށް މަގާމުތައް ދޭން ޖެހިގެން ރައްޔިތުންގެ ވަޒީފާ މި ޖެހެނީ ގެއްލެން، ފެނާއި ނަރުދަމާ އާއި ކަރަންޓާއި އައިސް ޕްލާންޓުގައި ބުރަ މަސައްކަތް ކުރަން ތިބި މުވައްޒަފުން ކަނޑާ ގެއަށް ފޮނުވާލާފައި ކޮން ވެރިކަމެއް ކުރާކަށް، މި ތަނުން އަޅުގަނޑުމެންގެ ރުހުން މިނިސްޓަރުންނަށާއި އެހެން މަގާމްތަކަށް އަންނަ ބޭފުޅުންނަށް ރުހުން ހޯދަން ބޭނުންވަންޏާ، ޖެހޭނީ ރައްޔިތުން ވަޒީފާތަކުގައި ބައިތިއްބަން،" ޝަހީމް ވިދާޅުވި އެވެ.
ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްގެ ވާހަކައިގައި ވެސް ވަޒީފާތަކުގައި މިހާރު ތިބި މުވައްޒަފުން ކަނޑާނަމަ، ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ ބައެއް މެމްބަރުންނަށް ދަތި ކަމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
ފެނަކަ އާއި އެހެން އެފަދަ ކުންފުނިތަކުގައި ތިބި މުވައްޒަފުން ވަޒީފާތަކުން ވަކި ކުރުމަކީ ރަށް ރަށުގައި ހަރަކާތްތެރި ވަމުން ދިޔަ ޕީއެންސީ/ޕީޕީއެމް ކެމްޕެއިން ޓީމުގެ ވައުދެއް ކަމަށް ހަލީމް ވިދާޅުވި އެވެ. އިންތިހާބު ތެރޭގައި ވެސް އާ ސަރުކާރެއް އުފެދިއްޖަނަމަ ފެނަކަ އާއި އެހެން ކުންފުނި ތަކުގައި ތިބި މުވައްޒަފުން ވަކި ކުރާނެ ކަމަށް އޭރުވެސް ބުނަމުން ދިޔަ ކަމަށް ހަލީމް ވިދާޅުވި އެވެ.
މިހާރު ކުރަމުން ދާ މަސައްކަތަކީ މިވަގުތު ވަޒީފާ ތަކުގައި ތިބި މީހުން ވަކި ކުރުމަށް ފަހު، ޕީއެންސީ/ޕީޕީއެމް ކެމްޕެއިންގައި ހަރަކާތްތެރިވި މީހުންނަށް އެ ވަޒީފާތައް ދިނުން ކަމަށް ހަލީމް ވިދާޅުވި އެވެ.
"ޕީއެންސީ ޕީޕީއެމްގެ ކެމްޕެއިން ތެރޭ ދިން އިންޒާރެއްގެ ނިމުން މިހާރު މި ފެންނަނީ، އަޅުގަނޑު ބޭނުމެއް ނޫން ކެބިނެޓަށް ވޯޓު ނުދީ ހުންނާކަށް، އެހެން ނަމަވެސް، މިކަހަލަ ކަންކަން ހިނގާ، އާންމު މެމްބަރުންނަށް އަނިޔާ ލިބޭ ނަމަ ބައެއް މެމްބަރުން ޖަޒުބާތުގައި ޖެހިގެން ވަޒީރުންގެ މަޖިލީހަށް ރުހުން ނުދިނީމާ މުޅި ސަރުކާރު ހުއްޓުމަކަށް އަންނާނެ،" ހަލީމް ވިދާޅުވި އެވެ.
މަޖިލީހުގައި މި ވަގުތު ތިއްބެވީ ސަރުކާރަށް ތާއީދު ކުރާ ޕީއެންސީ/ޕީޕީއެމް ގެ އެންމެ ހަތަރު މެމްބަރުންނެވެ. މަޖިލިސް މިހާރު ވެސް ކޮންޓްރޯލް ކުރަމުން ދަނީ އެމްޑީޕީ އިންނެވެ.
ރިޔާސީ ކެމްޕޭނުގެ ތެރެއިން، އޮގަސްޓު 15 ގައި ހއ. ދިއްދޫގައި ހުންނަވާ ރައީސް މުއިއްޒު ވަނީ ސިޔާސީ ބޭނުމެއްގައި ނަމަވެސް އާންމު ރައްޔިތުންނަށް ދީފައިވާ ވަޒީފާތައް އަތުނުލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment