Advertisement

ޖާބިރު މަޖިލީހުގެ މައިކަކަށް ގެއްލިން ދިން މައްސަލަ ސުލޫކު ކޮމިޓީއަށް

5 ޑިސެންބަރު 2023 - 10:02 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

މެންބަރު އަބްދުﷲ ޖާބިރު. - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޖާބިރު މަޖިލީހުގެ މައިކަކަށް ގެއްލިން ދިން މައްސަލަ ސުލޫކު ކޮމިޓީއަށް

5 ޑިސެންބަރު 2023 - 10:02 0

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ މައިކަކަށް ގެއްލުން ދިން މައްސަލަ ބެލުމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ޖާބިރުގެ މޭޒުމަތީގައި ހުރި މައިކް ހަލާކުކޮށް، ބިންދައިލީ އިއްޔެގެ ޖަލްސާގަ އެވެ. މައިކް ހަލާކު ކޮށްލީ މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވޯޓު ނެގި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އަޑުގަދަ ކުރުމަށް ފަހު އެވެ.

މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައި ވަނިކޮށް އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު ހުސްވުމުން، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމީ ނައިބު ރައީސްއަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ހޮވުމަށެވެ.

ނަމަވެސް ނައިބު ރައީސް ހޮވުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން، ޖާބިރުގެ ނަން ހުށަހެޅުއްވި އެވެ. އެ ހިތްހަމަނުޖެހުމުގެ ތެރޭގައި އޭނާގެ މޭޒުމަތީގައި ހުރި މައިކް ހަލާކުކޮށްލި އެވެ. އެ މައިކްގެ އަގަކީ 5،100ރ. އެވެ.

"އެ މޭޒުގައި ބައިންދާފައިވާ މައިކު ބަދަލުކުރަން ޖެހޭ ވަރަށް ހަލާކުވެ، މައިކު ބަދަލުކުރުމަށް 5،100ރ. ހޭދަ ވާނެ ކަމަށް މަޖިލީހުގެ ޓެކްނިކަލް މުވައްޒަފުން މައުލޫމާތު ދޭ،" މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް ހޮވުމުގެ ވޯޓާމެދު ޖާބިރު ހިތްހަމަ ނުޖެހިގެން އިއްޔެ ޖަލްސާގައި ރިޔާސަތުގެ މޭޒަށާއި ނައިބު ރައީސް ސަލީމް ގާތަށް ވަޑައިގެން އަޑުގަދަ ކުރެއްވި އެވެ. އަދި ބައެއް މެންބަރުން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް އެ މެންބަރުންނަށް ހުރަސް އަޅުއްވާފައިވެ އެވެ.

މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ ސުލޫކީ މިންގަނޑާއި ގާނޫނާއި ގަވާއިދާ ހިލާފަށް މެންބަރަކު ކަމެއް ކުރައްވައިފި ނަމަ އެކަމެއް ތަހުގީގުކޮށް އަޅާނެ ފިޔަވަޅެއްގެ ލަފާ ކޮމިޓީން ފޮނުވަންޖެހޭ ކަމަށެވެ. ޖާބިރުގެ މައްސަލަ ކޮމިޓީއަށް ފޮނުވީ އެ އުސޫލުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ މުދަލާއި ތަކެއްޗަށް ބެލުމަށް މެންބަރުންނަށް އަސްލަމް އިލްތިމާސް ކުރެއްވި އެވެ.