Advertisement

ކްލަބްތަކުގެ ހައްގުގައި ނިޒާމްބެ ނިންމީ ހިލޭސާބަހަށް ދެ ވަނަ ޑިވިޝަން ހިންގައިދޭން

4 ޑިސެންބަރު 2023 - 23:25 2

ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު ނިޒާމްބެ: ދެ ވަނަ ޑިވިޝަން ހިންގުމުގެ ކަންކަމާ ވަނީ ހަވާލުވެފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ކްލަބްތަކުގެ ހައްގުގައި ނިޒާމްބެ ނިންމީ ހިލޭސާބަހަށް ދެ ވަނަ ޑިވިޝަން ހިންގައިދޭން

4 ޑިސެންބަރު 2023 - 23:25 2

ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ)، ކްލަބްތަކުގެ ހައްގުގައި، މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް، އެއްވެސް އުޖޫރައެއް ނެގުމެއްނެތި، "ހިލޭސާބަހަށް" ހިންގައިދޭން އެއްބަސްވެއްޖެ އެވެ.

އެފްއޭއެމްގެ މުބާރާތްތައް ހިންގުމުގެ ޒިންމާ ހަވާލުވެފައި އޮތް، ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ހަރަކާތް މި ވަގުތު ހުއްޓިފައި އޮތީ، އެ ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ނުދޭތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާތީ އެވެ.

މާލީ ގޮތުން އަނޑިއަޅާލައި، ބަނގުރޫޓުވެފައި އޮތް ހާލަތަށް ވެއްޓިފައިވާ އެފްއޭއެމްގެ ބައެއް މުވައްޒަފުން ވަނީ އެސޯސިއޭޝަނުން ކެނޑިގެން އެހެން ވަޒީފާތަކަށް ބަދަލުވެފަ އެވެ.

މިދިޔަ މަހު ބާއްވަން ތާވަލުކުރި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މި މަހަށް ލަސްކުރަން ޖެހުނީ ވެސް އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މުސާރަ ނުދޭތީވެ، މަސައްކަތް ކުރަން ނުނިކުންނާތީވެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެފްއޭއެމުން ވަނީ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް، ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ހަވާލުކޮށްގެން ވެސް ބާއްވަން މަސައްކަތްކޮށްފަ އެވެ. އެކަމަކު، އުޖޫރައެއް ދީގެން އެކަން ކުރަން ދާ ހަރަދު އެފްއޭއެމް އަށް ދެއްކޭނެ ގޮތެއް ނެތިގެން ސޮކަ ވެޓެރަންސްއާ އެކު އެކަން ވެސް ކުރިއަށްނުދިޔައީ އެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ބޭއްވޭނެތޯ އުފެދިފައިވާ ސުވާލުގެ ތެރޭގައި ހާލަތު އެހެން އޮއްވައި، ބުރު ސްޕޯޓްސް ކްލަބް އާއި އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނިޒާމްބެ މި ވަނީ ހިލޭ ސާބަހަށް ދެ ވަނަ ޑިވިޝަން މުބާރާތް ހިންގައިދޭން ނިންމައިފަ އެވެ.

"މިކަން ކުރަން ވޮލަންޓިއާކުރަން މި ނިންމީ. ހަގީގަތުގައި ކްލަބްތަކުން ބޮޑެތި އިންވެސްޓްމަންޓްތަކެއް އެ ކުރަނީ. އެހާ ވަރުގެ ކަންކަން ކޮށްފައި މުބާރާތް ނެތީމަ މީގެ ގެއްލުން މި ލިބެނީ ފުޓްބޯޅަ އަށް. އެހެންވެ، މި އޮތް ހާލަތަށް ބަލާފައި މި ނިންމީ، ދެ ވަނަ ޑިވިޝަން ހިންގައިދޭން. މުބާރާތް ނުބޭއްވިއްޖިއްޔާ މީގެ ގެއްލުން ލިބެނީ ފުޓްބޯޅަ އަށް އެކަން ވާން ބޭނުމެއް ނޫން،" މިދިޔަ ދެ އަހަރު، އެފްއޭއެމްގެ ވެޓެރަންސް ފުޓްބޯޅަ މުބާރާތް އިންތިޒާމްކުރުމުގެ އިސް ހަރަކާތްތެރިޔާ، ނިޒާމް ބުންޏެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 15 ޓީމެއް ބައިވެރިވެފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު، ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މި އަހަރު ވެސް ދެ ވަނަ ޑިވިޝަނުގައި ފެންނާނެ އެވެ. އެ ދެ ޓީމުން އަންނަނީ ދުރާލާ މި މުބާރާތަށް ތައްޔާރުވަމުންނެވެ.

ދެ ވަނަ ޑިވިޝަނަށް ތައްޔާރުވުމުގެ ގޮތުން މަސްއޮޑި ސްޕޯޓްސް ކްލަބާއި ލެގޫންސް އިން ވެސް އަންނަނީ ވަރުގަދަ އަށް ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، މީގެ ކުރިން ނިއުގެ ޗެއާމަން، އަހުމަދު ވާސިފްއާ އެކު ބޭއްވި ބައްދަލުވުމުގައި، ދެ ވަނަ ޑިވިޝަނުން ތިން ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެ ކަމަށް ވިދާޅުވި ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ވާސިފް ވަނީ އެކަން ހާމަކޮށްފަ އެވެ. އެކަމަކު، އެއީ އަދި ރަސްމީކޮށް ފައިނަލްވެފައި އޮތް ކަމެއް ކަމަށް ކަށަވަރެއްނުވެ އެވެ. މުބާރާތުގެ ގަވާއިދުގައި އަދި އޮތީ އެއް ޓީމު ޕްރޮމޯޓްވާ ގޮތަށެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިންސާފުކުރާ ރެފްރީންނަށް ދޭން ޖެހޭ ފައިސާގެ ކަންކަމާއި މުބާރާތުގެ ސްޕޮންސަރުންގެ ކަންކަމާއި މުބާރާތް ޕްރޮމޯޓްކުރުމުގެ ކަންކަން ވެސް ހަވާލުވެފައި މި ވަގުތު އޮތީ މުބާރާތް ހިންގުމާ ހަވާލުވެހުރި ފަރާތުގެ ހައިސިއްޔަތުން ނިޒާމްބެ އަށެެވެ.

މި މަހު 10 ވަނަ ދުވަހު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފަށަން ތާވަލުކޮށްފައި އޮތް ނަމަވެސް އެ އަށް ވުރެ ދެތިން ދުވަހެއް މުބާރާތް ފަސްކުރަން ޖެހޭނެ އެވެ.