Advertisement

ހާޒިރީ ދަށް މެމްބަރުންގެ މުސާރަ ކަނޑަން ފެށީ ނަޝީދާއި އީވާގެ ރިޔާސަތުގައި

3 ޑިސެންބަރު 2023 - 19:18 2

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

މަޖިލީހުގެ ކުރީގެ ރައީސާއި ނައިބު ރައީސް، ދެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވީ ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅި ގަރާރުގެ މަސައްކަތް ފެށުމުން


ހާޒިރީ ދަށް މެމްބަރުންގެ މުސާރަ ކަނޑަން ފެށީ ނަޝީދާއި އީވާގެ ރިޔާސަތުގައި

3 ޑިސެންބަރު 2023 - 19:18 2

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހާޒިރީއާ ގުޅުވައި މުސާރައިން ކަނޑަން ފެށީ މަޖިލީހުން ޕްރެޝަރު ކޮށްގެން ވަކި ކުރި ރިޔާސަތުން ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ ވަކި ކުރުމަށް ހުށަހެޅި ގަރާރާ ދެކޮޅަށް ވާހަކަ ދެއްކެވުމަށް ލިބުނު ފުރުސަތުގައި، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ނައިބު ރައީސްކަން ކުރަން އީވާއަށް ލިބުނު މުއްދަތުގައި މަޖިލީހަށް ފާހަގަކުރެވޭ ވަރުގެ ކުރިއެރުންތަކެއް ހޯދާ ދެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ވެސް އީވާ ފާހަގަކުރެއްވީ އެ ދެބޭފުޅުންގެ ރިޔާސަތުގައި މަޖިލީހުގެ މެމްބަރުންގެ ހާޒިރީއާ ގުޅުވައި މެމްބަރުންގެ މުސާރައިން ކަނޑަން ފެށުމެވެ.

"އަޅުގަނޑުމެން އަބަދު މި ވާހަކަ އިއުލާން ނުކުރި ކަމުގައިވިޔަސް، ހާޒިރު ނުވާ މެމްބަރުންގެ މުސާރައިން އަލަށް ކަނޑަން ފެށި މަޖިލީހަށް މި މަޖިލިސް ހެދުނު،" އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ މީޑީޔާ އޮފިޝަލް "އަދަދު" ނޫހަށް މިކަން ކަށަވަރު ކޮށްދެއްވި އެވެ. މީޑިޔާ އޮފިޝަލް ވިދާޅުވީ ކޮންމެ މަހެއްގައި ވެސް ވަކި ވަރަކަށް ވުރެ ހާޒިރީ ދަށްވެއްޖެ ނަމަ، މެމްބަރެއްގެ މަޖިލީހުގެ މުސާރައިން މިހާރު އުނިކުރެ އެވެ.

މެމްބަރުންގެ ހާޒިރީއާ ގުޅުވައި މުސާރައިން ކެނޑުމަށް ހުށަހެޅުއްވީ އޭރު މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ނަޝީދެވެ. މަޖިލީހުގެ ރައީސްކަމުގައި ހުންނެވިއިރު، ނަޝީދު ދިޔައީ މެމްބަރުންގެ ހާޒިރީއާ މެދު އަބަދުވެސް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

"ކޮންމެ އިއްޒަތްތެރި މެންބަރަކަށް ވެސް އިންތިހާއަށް ބޮޑު މުސާރަ ލިބިވަޑައިގަންނަވާ، ކޮމެޓީ އެލަވަންސް އެހާމެ ގިނައިން ލިބިވަޑައިގަންނަވާ، މެންބަރެއްގެ މުސާރައިގެ ގޮތުގައި 80 ހާހަށް ވުރެ ގިނަ ރުފިޔާ އެބަ ގެއަށް ގެންދަވާ،" ނަޝީދު ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވެފައިވެ އެވެ.

އިސްތިއުފާގެ ސިޓީ ހުށަހެޅުއްވުމުގެ ކުރިން ވާހަކަ ދައްކަވަމުން އީވާ ވިދާޅުވި ގޮތުގައި، މި މަޖިލީހަކީ އެންމެ ޓްރާންސްޕޭރެންޓް އަދި އެންމެ ހިންގުންތެރި މަޖިލީހަށް ހެދީ ނަޝީދާއި އީވާއާ ދެ ބޭފުޅުންގެ ރިޔާސަތުގަ އެވެ. އަދި މެމްބަރުންގެ ވީއައިޕީ ހަރަދު އެންމެ ކޮންޓްރޯލް ކުރި މަޖިލީހަކީ ވެސް މި މަޖިލިސް ކަމަށް އީވާ ވިދާޅުވި އެވެ.

އޭގެ އިތުރުން، މަޖިލީހުންގެ މުވައްޒަފުންނަށް އެންމެ ގިނައިން ތަމްރީން ފޯރުކޮށް ދިން ދައުރަކީވެސް އެ ދެބޭފުޅުންގެ ދައުރުކަމަށް ވިދާޅުވި އެވެ. އަދި ކޮވިޑްގެ ތެރޭގައި ވެސް މެދު ކެނޑުމެއް ނެތި، އޮންލައިންކޮށް މަޖިލީސް ކުރިއަށް ގެންދިޔަ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން ދިޔައީ ވެސް އެ ދެބޭފުޅުންގެ ރިޔާސަތުގައި ކުރި މަސައްކަތުން ކަމަށް އީވާ ވިދާޅުވި އެވެ.

ނައިބު ރައީސް ކަމުން އީވާ ވަކި ކުރުމުގެ ގަރާރުގެ މަސައްކަތުގެ ތެރެއިން ވޯޓާ ހަމައަށް ނުދަނީސް، އިސްތިއުފާ ދިނުމުން އެމްޑީޕީ މެމްބަރުން ވަނީ ނުރުހުން ފާޅު ކޮށްފައެވެ. އީވާ ވަކިވުމާއެކު، އާ ނައިބު ރައީސެއް އިންތިހާބު ކުރުމަށް މިރޭ ޖަލްސާއެއް ބާއްވާނެކަން ރިޔާސަތުން އިއުލާން ކުރި އެވެ.