ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. މަޖިލީހުގެ ނައިބުރައީސްކަމަށް ބޭފުޅަކު ހޮވަން މިރޭ ޖަލްސާއެއް ބާއްވާނެ. ފައިލް ފޮޓޯ
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިސްތިއުފާދެއްވުމުން އެމަގާމަށް މެމްބަރަކު ހޮވަން މިރެއަށް ޖަލްސާއެއް ތާވަލުކޮށްފި އެވެ.
މަޖިލީހުގެ ނައިބުރައީސްކަމުން އީވާ އިސްތިއުފާދެއްވީ އޭނާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައި އޮތް ގަރާރުގެ މަސައްކަތް މިއަދު ފެށުމުންނެވެ. މިއަދުގެ ޖަލްސާގައި އެ ގަރާރު އިއްވައި، ޖަވާބުދާރީވާން އީވާއަށް ދެއްވި ފުރުސަތުގައި ދެއްކެވި ވާހަކައިގެ ވަކި ހިސާބަކުން އީވާ ވިދާޅުވީ އިސްތިއުފާގެ ސިޓީ ކުޑަ އިރުކޮޅެއްގެ ތެރޭގައި މަޖިލީހުގެ ރިޔާސަތަށް ލިބޭނެ ކަމަށެވެ.
ނައިބުރައީސްކަމުން އިސްތިއުފާ ދެއްވައި އީވާ ފޮނުއްވި ސިޓީ މަޖިލީހަށް އިއްވެވުމަށް ފަހު ރިޔާސަތުން މަޖިލީހުގެ ރަައީސް މުހައްމަދު އަސްލަމް އިއުލާނު ކުރެއްވީ މަޖިލީހުގެ ނައިބުރައީސް އިންތިހާބު ކުރާ ޖަލްސާ މިރޭ 8:30 ގައި އޮންނާނެ ކަމަށެވެ.
މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގައިވާ ގޮތުން އޭނާގެ މައްޗަށް އޮތް އިތުބާރު ގެއްލުނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގެން، ނައިބު ރައީސް ކަމަށް އިންތިހާބު ކޮށްފައި ވަނިކޮށް އެޕާޓީން ވަކިވެވަޑައިގެންނެވުމުންނެވެ.
Comment