Advertisement

އެމްޑީޕީ އާއި ސަރުކާރާ ރުހިގެން ހުރި ނަމަ، ނައިބު ރައީސްގެ ގޮނޑިއެއް ނުގެއްލޭނެ: އީވާ

3 ޑިސެންބަރު 2023 - 10:59 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

މެމްބަރު އީވާ، މަޖިލީހުގެ ނައިބު ރައީސްކަން ކުރަން ނާގާބިލް ކަމަށް ބުނެވޭނެ ބޭފުޅަކު މަޖިލީހުގައި ނެތްކަމަށް ވިދާޅުވި - ފޮޓޯ: މަޖިލިސް


އެމްޑީޕީ އާއި ސަރުކާރާ ރުހިގެން ހުރި ނަމަ، ނައިބު ރައީސްގެ ގޮނޑިއެއް ނުގެއްލޭނެ: އީވާ

3 ޑިސެންބަރު 2023 - 10:59 1

އެމްޑީޕީ އާއި އެމްޑީޕީ ސަރުކާރުގެ ކަންކަމާ ރުހިގެން ހުންނެވި ނަމަ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ ގޮނޑި ނުގެއްލުނީސް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވަކިކުރުމަށް ގަރާރު ހުށަހަޅައި، އެ ގަރާރަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުން ސަރުކާރަށް ބޮޑެތި ތުހުމަތު ތަކެއް އީވާ ކުރެއްވި އެވެ. އަދި އެމްޑީޕީ އާއި އެ ޕާޓީގެ ސަރުކާރު ދޫކޮށް، އިންސާފުގެ މަގަށް މަސައްކަތް ކުރުމަށް ނުކުންނެވީ ލިބޭނެ މާ މޮޅުތަކެއް ނެތްކަން އެނގިހުރެ ކަމަށް އީވާ ވިދާޅުވި އެވެ.

"އިންސާފުން އެއްކިބާ ވެގެންދާ ގަޑީ، ހައްޓަށް ފަސޭހަ ގޮތް ހަދައިގެން އިނުމަކީ އަޅުގަނޑަށް ފަސޭހަ ގޮތެއް ނޫން. ސުޕަ މެޖޯރިޓީއާއި އެމްޑީޕީ ދޫކޮށްލާފައި ނުކުތީ ވާނީ ކިހިނެއްކަން އެނގިތިބެ. ވަގުތީ ގޮތުން މާ މޮޅު ތަކެއް ނުވާނެކަން އެނގި ތިބެ. މި ދޫކޮށްލަނީ ބޮޑުސިންގާ ސަރުކާރެއްކަން، ސަރުކާރާ ގުޅިފައިވާ އާރާއި ބާރާއި، އެއާ ގުޅިފައިވާ ފުރިހަމަ އަގްލަބިއްޔަތު ދޫކޮށްލަނީކަން އެނގިހުރެ، ގަބޫލުނުކުރެވޭ ތަނެއްގައި ތާށިވެފައި ނުތިބެންވެގެން،" އީވާ ވިދާޅުވި އެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ވެންޓިލޭޓަރުން ކުރި ވައްކަމުގެ ވާހަކަ މަޖިލީހުގެ ތެރޭގައި ދައްކަން ފެށި ހިސާބުން، މި ދުވަސް އަންނާނެކަން އެނގިވަޑައިގެންނެވި ކަމަށް އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ އޭނާ އަކީ މަޖިލީހުގެ ނައިބު ރައީސްކަން ކުރުމަށް ނާގާބިލް މީހެއްކަމަށް ބުނެވޭނެ އެއްވެސް ބޭފުޅަކު މަޖިލީހުގައި ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރަކާ ހިލާފުވެފައި ނުވާނެ ކަމަށާއި ރިޔާސަތު ބަލަހައްޓާފައި ވާނީ، އެކަން ކުރުމަށް މަޖިލީހުގެ އަމީން އާންމު އަންގަވައި އެކަމުގެ ސިޓީ ފޮނުއްވި ޖަލްސާތަކުގައި އެކަނި ކަމަށް އީވާ ވިދާޅުވި އެވެ.

"ރައީސްކަމުން ނަޝީދު ވަކިކުރުމަށް ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފުވީ ކާކުކަން ތާރީހަށްޓަކައި ކޮންމެވެސް ދުވަހަކުން ހާމަވާނެ، ރައީސް ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދިޔައީ އަޅުގަނޑު މިތާ އިންދާ ގަވާއިދާ ހިލާފަށް އެހެން ބޭފުޅަކު ރިޔާސަތަށް އަރުވައިގެން،" އީވާ ތުހުމަތު ކުރެއްވި އެވެ.

އޭގެ އިތުރުން އީވާ ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް އެމްއެމްޕީއާރުސީ މައްސަލަ އާއި މަރާލި އެއްވެސް މީހެއްގެ މައްސަލަ ބަލާފައި ނުވާ ކަމަށެވެ. އަދި ވޯޓަށްޓަކައި ގާތް މީހުންގެ ޖިންސީ ގޯނާގެ މައްސަލަތައް އޮއްބާލި ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮން ހަމަލާއަށް ވެސް އިންސާފު ހޯދައިދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީވާ އިސްތިއުފާ ސިޓީ ހުށަހެޅުއްވީ، އޭނާ ވަކި ކުރުމަށް ހުށަހެޅި ގަރާރަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ފަހު އެވެ. އީވާ ވަކި ކުރުމުގެ ކުރިން، އަމިއްލައަށް އިސްތިއުފާ ދެއްވުމުން އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށާއި އީވާގެ ތުހުމަތުތަކަށް ދިފާއުގައި ވާހަކަ ދައްކަން ބޭނުންވާ ކަމަށް ބުނެ ޖަލްސާ ނުނިންމުމަށް އެމްޑީޕީ މެމްބަރުން އެދުނެވެ. އެހެންނަމަވެސް، އެފަދަ އެއްވެސް މާއްދާއެއް މަޖިލީހުގެ ގަވާއިދުގައި ނެތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް އަސްލަމް ޖަލްސާ ނިންމަވާލެއްވި އެވެ.