Advertisement

މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ ގަރާރަށް ދިފާއުގައި ވާހަކަ ދައްކަވަމުން އީވާ އިސްތިއުފާ ދެއްވައިފި

3 ޑިސެންބަރު 2023 - 09:47 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން އީވާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ ގަރާރަށް ދިފާއުގައި ވާހަކަ ދައްކަވަމުން އީވާ އިސްތިއުފާ ދެއްވައިފި

3 ޑިސެންބަރު 2023 - 09:47 0

ރައްޔިިތުންގެ މަޖިލީހުގެ ނައިބުރައީސް މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު އިއްވުމުން، ދިފާއުގައި ވާހަކަ ދައްކަވައި ނިންމަވަައިލެއްވުމާ އެކު އެ މަގާމުން އީވާ އަބްދުﷲ އިސްތިއުފާ ދެއްވައިފި އެވެ.

އީވާގެ އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ލިބުމާއެކު އެ ސިޓީ ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވައިފަ އެވެ. ސިޓީ ލިބުމާއެކު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ.

މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީގެ 50 މެމްބަރުން ސޮއިކުރައްވައި ހުށަހެޅުއްވި ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، އެ މައްސަލާގައި ޖަވާބުދާރީ ވާން ދިން ފުރުސަތުގައި އީވާ ވިދާޅުވީ އެމްޑީޕީން އޭނާއަށް ދެނީ "އެމްޑީޕީއަށް ވެރިކަން ގެއްލުމުގެ އަދަބު" ކަމަށެވެ.

"ހަގީގަތަކީ މަނިކުފާނު، ނާގާބިލު ކިބުވެރި ސަރުކާރަކާ ދިމާލަށް އަޅުގަނޑު، ނާގާބިލު ކިބުރުވެރި ސަރުކާރެކޭ ބުނީ. ހަގީގަތަކީ އެ ސަރުކާރުން މާބޮޑަށް އަޅުގަނޑާ ނުރުހުނީ. އަދި އަޅުގަނޑު ވެސް އެ ސަރުކާރާ މާބޮޑަށް ނުރުހުނީ. އެހެންވީމާ ސަރުކާރާ، އިއްޔެގެ ސަރުކާރާ، އެމްޑީޕީގެ ސަރުކާރާ އަޅުގަނޑު ނުރުހިގެން އަޅުގަނޑު ބަސް ބުނެގެން ހަގީގަތުގައި އަޅުގަނޑަށް ދޭ އަދަބުމީ،" އީވާ ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުން އީވާއާ ނުރުހުނީ އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެ ސަރުކާރުގެ ބައެއް ކޮރަޕްޝަންތަކުގެ ވާހަކަ ދެއްކެވުމާއި އެ ސަރުކާރުން އެޅި ބައެއް ގޯސް ފިޔަވަޅުތަކަށް ފާޑުވިދާޅުވުމުންނެވެ.

"މިއީ ވެރިކަން ގެއްލުނީމާ އަޅުގަނޑަށް އަދަބު ދިނުން. ވެންޓިލޭޓަރުގެ ވާހަކަ ކޮވިޑްގެ ތެރޭގައި ދެއްކުމުން މި އަދަބު އަންނާނެކަން އެނގޭ ދައުލަތުގައި ބާކީ ކާޑުގެ ބާވަތްތަކާ މެދު ފިނޭންސް މިނިސްޓަރަށް ސުވާލު ކުރިން އެމްއެމްޕީއާރުސީ އަދި މަރާލި އެއްވެސް މީހެއްގެ މައްސަލަ މާލޭގެ އެއްވެސް ރައްޔިތަކަށް ގޯތި ދިނުމަށް އެއްވެސް މަސައްކަތެއް ނުކުރީމާ އެވާހަކަ ދެއްކީމާ،" އީވާ ވިދާޅުވި އެވެ.

"އެންމެ ބޮޑަށް ދެފުށް ފެންނަ މަޖިލީހަށް ހެދިން"

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރައްވާފައިވާ ބައެއް މަސައްކަތްތަކާއި ގެންނެވި ބައެއް ބަދަލުތަކުގެ ވާހަކަ ވެސް އީވާ މިއަދު ދެއްކެވި އެވެ. އޭނާ ވިދާޅުވީ މިއީ އެންމެ ބޮޑަށް ދެފުށް ފެންނަ، މެމްބަރުންނަށް ހިނގާ ހަރަދު އެންމެ ކުޑަ މަޖިލީހަށް ހައްދަވާފައިވާނެ ކަމަށެވެ.

"މިހިނގާ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް، ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުގައި އަދި އަޅުގަނޑުގެ ނައިބުކަމުގައި މި މަޖިލީހަކީ އެންމެ ޓްރާންސްޕޭރެންޓް މަޖިލިސަށް ހެދިއްޖެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހަރަދު އެންމެ ކޮންޓްރޯލްކުރެވުނު މަޖިލީހަށް ހެދިއްޖެ،" އީވާ ވިދާޅުވި އެވެ.

މެމްބަރުންގެ ހަރަދު ކުޑަކުރަން އެޅުއްވި އެއް ފިޔަވަޅަކީ އޭނާ ވިދާޅުވި ގޮތުގައި މެމްބަރުންގެ ހާޒިރީ ބަލައި، ހާޒިރު ނުވާ ދުވަސްތަކަށް މުސާރައިން ކަނޑަށް ފެށުމެވެ.

މަޖިލީހުގެ ހިންގުން ރަނގަޅުކުރުމަށް ޓަކައި މުވައްޒަފުންނަށް އެންމެ ގިނައިން ތަމްރީނު ދީފައި ވާނީ މި މަޖިލީހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް ހަމަ އެކަނި ކަމަކީ ނައިބުރައީސް ކަމުން އީވާ ވަކިކުރުމުގެ ގަރާރުކަމަށް ވާތީ އޭނާ އިސްތިއުފާދެއްވުމުން ޖަލްސާ ނިންމައިލި އެވެ. އޭގެ ކުރިން އެމްޑީޕީގެ ބައެއް މެމްބަރުން، ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން މަސައްކަތް ކުރެއްވީ އީވާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމަށެވެ. އެހެން ނަމަވެސް ރިޔާސަަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އީވާ އިސްތިއުފާ ދެއްވުމުން ޖަލްސާ އިތުރަށް ކުރިއަށް ގެންދަން ނުޖެހޭނެ ކަމަށެވެ. އެހެން ވިދާޅުވެ ޖަލްސާ ނިންމަވައިލެއްވީ އެވެ.