2 ޑިސެންބަރު 2023 - 12:03 0
2 ޑިސެންބަރު 2023 - 12:03 0
ލަންޑަން (ޑިސެމްބަރު 2) - ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ބްރެންޓްފޯޑްގެ ފޯވާޑް، އިވާން ޓޯނީ ގަންނަން ކުރާ މަސައްކަތް މެންޗެސްޓާ ޔުނައިޓެޑުން ވަރުގަދަ ކުރަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ލިބުނު، ޓޯނީ ސަސްޕެންޑުކުރީ އެފްއޭއިން ހަދާފައިވާ ބެޓިންގެ 232 ގަވާއިދަކާ ހިލާފުވެގެން، މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އަށް މަހަށް ސަސްޕެންޑު ކުރި ޓޯނީގެ ސަސްޕެންޝަން ހަަމަވާނީ އަންނަ މަހުގެ 16 އަށެވެ.
އުމުރުން 27 އަހަރުގެ ޓޯނީ ހޯދަން ކްލަބްތަކުން މަސައްކަތް ކުރަމުން އަންނައިރު، އޭނާ މަޑުކުރުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ބްރެންޓްފޯޑުން ވެސް ތައްޔާރެވެ. އެހެން ނަމަވެސް ސަސްޕެންޝަނަށް ފަހު، ޓޯނީ ދެން އެހެން ޓީމެއްގެ ޖޯޒީން ފެނުމުގެ ފުރުސަތު ވެސް ބޮޑެވެ.
ދާދި ފަހުން ޔުނައިޓެޑްގެ ބޮޑު ހިއްސާއެއް ގަތް، އިނގިރޭސި މަހުޖަނު ޖިމް ރެޓްކްލިފް ވަނީ ޖެނުއަރީ މަހު ހަރަދުކުރަން ބަޖެޓެއްގެ އިންތިޒާމް ހަމަަޖައްސައިދޭން ނިންމައިފަ އެވެ. އެ ގޮތުން، ރެޓްކްލިފްގެ ވިސްނުން ހުރީ އިނގިރޭސި ރަނގަޅު އިނގިރޭސި ކުޅުންތެރިން ގަންނަން ފަންޑް ދިނުމަށެވެ.
ރިޕޯޓްތައް ބުނާގޮތުން، ޓޯނީގެ އިތުރުން ކްރިސްޓަލް ޕެލަސް އަށް ކުޅޭ އިނގިރޭސި ޑިފެންޑަރު، މާކް ގޭހީ އަށް ޔުނައިޓެޑުން ފާރަލަ އެވެ. މި ދެ ކުޅުންތެރިންނަށް 100 މިިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކުރަން ވެސް ޔުނައިޓެޑުން ތައްޔާރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓޯނީ މި ވަގުތު ބްރެންޓްފޯޑްގެ ކޮންޓްރެކްޓްގައި ހުރީ 2025 ވަނަ އަހަރުގެ ޖޫންް މަހުގެ ނިޔަލަށެވެ.
Comment