އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ފަހު ވަގުތު ގޯލު ޖަހައި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން 4-3 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
މި މޮޅާ އެކު، ޔުނައިޓެޑް ވިކްޓަރީ އަށް ލީގު ސީޒަން ވަނީ ނިމިފަ އެވެ. އެ ޓީމު ހަ ވަނައިގައި އޮތީ 14 މެޗުން 12 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބަށް ވަނީ 13 މެޗުން 18 ޕޮއިންޓް ލިބިފަ އެވެ. ބުރަށް ލީގުގައި ބާކީ ދެން އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ކުޅެން ޖެހޭ މެޗެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި މުހައްމަދު ނާއިމް ވަނީ ބުރަށް ގޯލެއް ޖަހައިދީފަ އެވެ. މެޗުގެ 61 ވަނަ މިިނިޓްގައި މުހައްމަދު ހުޒައިފުގެ ގޯލުން ބުރު ވަނީ ލީޑުފުޅާކޮށްފަ އެވެ.
ޔުނައިޓެޑް ވިކްޓަރީން ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައި، ނަތީޖާ އަނބުރާލައިފަ އެވެ. އެ ގޮތުން، އެ ޓީމުގެ ފުރަތަމަ ގޯލު 70 ވަަނަ މިނިޓްގައި މުހައްމަދު ފައިޒާން ފަޒީން ޖެހިއިރު، ދެ ވަނަ ގޯލު ޖަހައި، ނަތީޖާ ހަމަަހަމަކޮށްދިނީ 74 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އަރީން އަބްދުﷲ އެވެ. ޔުނައިޓެޑް ވިކްޓަރީ އަށް ލީޑު ހޯދައިދިން ގޯލު ޖެހީ 87 ވަނަ މިނިޓްގައި ޝަނާން ރަޝާދު އެވެ.
އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ނާއިމް ވަނީ ގޯލެއް ޖަހައި ބުރަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ލޫތު އިބްރާހިމް ވަނީ ލަނޑެއް ޖަހައި، ޔުނައިޓެޑް ވިކްޓަރީ މޮޅުކޮށްދީފަ އެވެ.
މިއީ އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ ކޯޗުކަމުގައި ކުޅޭ ޔުނައިޓެޑް ވިކްޓަރީން މި ފަހަރު ލީގުގައި ހޯދި ހަތަރު ވަނަ މޮޅެވެ. ޔުނައިޓެޑް ވިކްޓަރީގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ޒުވާން ގައުމީ ޓީމުގައި ކުޅޭ ކުޅުންތެރިންނެވެ.
Comment