1 ޑިސެންބަރު 2023 - 17:22 4
މުހައްމަދު ޖަމްޝަތު ވަހީދު
ޕީޕީއެމް އިސް މެމްބަރުން ކ. ހުރާ އަށް ވަޑައިގަތުމުން ސަޕޯޓަރުން ނުކުމެ މަރުހަބާ ކިއުން ----
1 ޑިސެންބަރު 2023 - 17:22 4
ޕީޕީއެމް އިސް މެމްބަރުން ކ. ހުރާ އަށް ވަޑައިގަތުމުން ސަޕޯޓަރުން ނުކުމެ، ކުރީގެ ރައީސް ޔާމިނުގެ ނަމުގައި ބަހައްޓަމުންދިޔަ "ގޮނޑިކޮޅު" މަތިން ހަދާން ނުނެތޭކަން ދައްކާލައިފި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި އެ ޕާޓީގެ އިތުރު މެމްބަރުން ހުރާއަށް ވަޑަގަތުމުން އެރަށުން ދެންނެވި މަރުހަބާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ޕީޕީއެމްގެ ޓީމަށް މަރުހަބާ ދަންނަވަން އެއްވީ ވަރަށް މަދު މީސްކޮޅެކެވެ. އެއްވި މަދު ސަޕޯޓަރުން ވެސް ދިޔައީ ރިޔާސީ ކެމްޕޭނުތެރޭގައި ކުރީގެ ރައީސް ޔާމީނަށް ހާއްސަކޮށް ޕީޕީއެމުން ޖަލްސާތަކުގައި ބަހައްޓަމުން ދިޔަ "ގޮނޑިކޮޅު" ރަމްޒުކޮށްދޭ ގޮނޑިއެއް ކޮނޑަށް ލައިގެން ޕާޓީ ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ނުރުހުން ފާޅުކޮށް އަޑު އުފުލަމުންނެވެ.
"ގޮނޑީގެ ބޭނުންކޮށް ވެރިކަމަށް އާދެވުނީމަ ހަރާންކޯރުވި މީހުން," ރަށަށް ފޭބި ވަފުދާ މުހާތަބުކޮށް ވީޑިއޯގައި ސަޕޯޓަރަކު ބުނެ އެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށް ފަހު ޔާމީނާއި ރައީސް މުއިއްޒުގެ ގުޅުން ކެނޑި، ބޮޑުވަމުން ދިޔަ މައްސަލަ ހައްލު ނުކުރެވި، ބުރާސްފަތި ދުވަހުގެ ރޭ ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެން، އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ޕީޕީއެމް ދޫކޮށް ޔާމީން ވަޑައިގަތުމުން ވެސް ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝާރީޒު މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ޔާމީންއާއެކު ވަޑައިގަތުމުގެ ބަދަލުގައި، ނުކުމެވަޑައިގަތީ އެ ޕާޓީ އިސްވެ އޮވެ ގެނައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ދެމެހެއްޓުމަށެވެ. އަދި ޕީޕީއެމްގެ މިހާރުގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ ތާއިދު ވެސް އޮތީ ރައީސް ޑރ. މުއިއްޒާއެކު ކުރިއަށް ވަޑައިގަތުމަށްކަން ގެންދަވަނީ ހާމަކުރައްވަމުންނެވެ.
މި ކަންބޮޑުވުންތަކުގެ ސަބަބުން ދެ ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ވެސް ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment