Advertisement

ރާއްޖޭގައި އޭޑްސް ޖެހިފައި ތިބި 22 މީހުން، ގިނައީ ފިރިހެނުން

1 ޑިސެންބަރު 2023 - 14:47 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ރާއްޖޭގައި އޭޑްސް ޖެހިފައި ތިބި 22 މީހުން، ގިނައީ ފިރިހެނުން

1 ޑިސެންބަރު 2023 - 14:47 0

އެއިޑްސް ބައްޔަށް ފަރުވާ ހޯދަމުންދާ 22 މީހުން ރާއްޖޭގައި އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނެފި އެވެ.

އޭޑްސް އަކީ އެޗްއައިވީ ވައިރަސްގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރެވެ.

ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން ރާއްޖޭގެ އެޗްއައިވީގެ ހާލަތު ބަޔާންކޮށް އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭން އެބަލި ޖެހުނު 40 މީހަކު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެނުންނާއި 34 ފިރިހެނުންނެވެ.

އޭގެ ތެރެއިން 15 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާއިރު މި ވަގުތު 22 މީހުން ބައްޔަށް ފަރުވާހޯދަމުންދާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް ބާކީ ތިން މީހުންނަށް ވީ ގޮތެއް ރިޕޯޓުގައި ބުނެފައެއް ނެތެވެ.

އެޗްއައިވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީމަންޓެކެވެ. ކުރިން، 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް އަންނަނީ މިފަރުވާ ދެމުންނެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދޭ ފަރުވާއެކެވެ. އަދި އެޗްއައިވީ އިން ރައްކާތެރިވުމުގެ ގޮތުން ދެވޭ ފަރުވާއެއް ކަމަށްވާ "ޕްރީ އެކްސްޕޯޝާ ޕްރޮފިލެކްސިސް އޯއާރް" ވެސް ރާއްޖެގައި ލިބެން ހުރެ އެވެ.

މި އަހަރުގެ އޭޑްސް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ލެޓް ކޮމިއުނިޓީސް ލީޑް" މި ޝިއާރެވެ.

އެޗްޕީއޭއިން ބުނީ މި ޝިއާރުގެ މަގުސަދަކީ އެއިޑްސް ބައްޔަށް ފަރުވާދިނުމާއި ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމާއި ބޭނުންވާ ސަޕޯޓް ދިނުމުގައި ބަލިން ރައްކާތެރިވުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި އެންމެން އެއްބައިވެ، އާންމުން އިސްނަގައިގެން ކުރިއަށްދިއުން ކަމަށެވެ.

އެ ޝިއާރުގެ ދަށުން މިއަހަރު ދުނިޔޭގޭ އެއިޑްސް ދުވަހާ ގުޅުވައިގެން އެޗްޕީއޭ އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން އާއި މިޝަން ފޯ މައިގްރަންޓްސް މޯލްޑިވްސް އާއި ވައިބް ޔޫތު އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން އެކި އެކި ހަރަކާތްތައް ހދ. އަތޮޅުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.