Advertisement

ސުލްހައިގެ ވަގުތު ނިމުމާއެކު އިޒްރޭލުން ގަތުލްއާންމު ފަށައި، ބޮން އަޅަން ފަށައިފި

1 ޑިސެންބަރު 2023 - 11:59 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިޒްރޭލުން މިއަދު ގާޒާއަށް ދިން ހަމަލާއެއް : ގަތުލުއާންމުގެ މެދުކެނޑުން ނިމުމާއެކު އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފަށައިފި -


ސުލްހައިގެ ވަގުތު ނިމުމާއެކު އިޒްރޭލުން ގަތުލްއާންމު ފަށައި، ބޮން އަޅަން ފަށައިފި

1 ޑިސެންބަރު 2023 - 11:59 0

އިޒްރޭލުން ފަލަސްތީނުގައި ކުރިއަށްގެންދާ ގަތުލުއާންމުގެ ތެރެއިން މިދިޔަ އޮކްޓޯބަރު 7، އިން ފެށިގެން ދެމުންދާ ހަމަލާތައް މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަނެއްކާވެސް ގާޒާއަށް ހަމަލާދޭން ފަށައިފި އެވެ.

ހަމަލާތައް މެދުކަނޑާލުމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތާއެކު އިޒްރޭލުން ފުރަތަމަ އެއްބަސްވުމަކަށް އައީ މިދިޔަ ހުކުރު ދުވަހެވެ. އެ ފަހަރު އެއްބަސްވީ ނޮވެމްބަރު 29، އާ ހަމައަށް ހަމަލާތައް ހުއްޓާލުމަށެވެ. ނަމަވެސް ފަހުން މިއަދު ހެދުނު ރާއްޖެ ގަޑިން 10:00 ހަމައަށް ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވި އެވެ.

ނަމަވެސް، އެ ވަގުތު ހަމަވުމާއެކު އިޒްރޭލުން މިހާރު ދަނީ އުތުރު އަދި ދެކުނު ގާޒާގެ އާންމުން ދިރިއުޅޭ ގިނަ އިމާރާތްތަކަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި، އުތުރު ގާޒާއަށް އެއްގަމު މަގުން އަލުން ވަދެގަތުމަށް އިޒްރޭލު ސިފައިންނާއި ޓޭންކަރުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއަދުގެ ހަމަލާތަކުގެ މިހާތަނަށް ފަލަސްތީނުގެ ހަ މީހަކު މަރާލާފައިވާ ކަމަށް ގާޒާގައި ހަރަކާތްތެރިވާ ނޫސްވެރިން ދަނީ ބުނަމުންނެވެ.

ގަތަރުން އިސް ނަގައިގެން ހަމަލާތައް ހުއްޓާލަން ވެވުނު އެއްބަސްވުމުގެ ދަށުން، ހަމާސްއިން އަސީރުކޮށްފައިވާ އިޒްރޭލުގެ އަދި އެހެން ގައުމުތަކުގެ 110 މީހަކު ވަނީ ދޫކޮށްލާފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންގެ ހާލު ރަނގަޅެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އިޒްރޭލުން މިނިވަންކުރި 240 ފަލަސްތީނު ރައްޔިތުންގެ ތެރެއިން ގިނަ މީހުންނަށް އިޒްރޭލުގެ ޖަލުތަކުގައި ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

އަދިވެސް 137 މީހަކު ހަމާސްއިން އަސީރުކޮށްފައިވާ ކަމަށް އިޒްރޭލުން ބުނެ އެވެ. އޭގެތެރޭގައި ގިނައީ ފިރިހެނުންނާއި އިޒްރޭލުގެ ސިފައިންނެވެ.

އޮކްޓޯބަރު 7، ގައި އިޒްރޭލަށް ހަމާސްއިން ދިން ކުއްލި ހަމަލާގައި 240 މީހުން ރަހީނުކޮށް 1200 އަށްވުރެ ގިނަ ޔަހޫދީން މަރާލައިފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން އިޒްރޭލުން ވަނީ ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ގާޒާގެ 70 ޕަސެންޓު އިމާރާތްތައް އެއްކޮށް ސުންނާފަތިކޮށްލައި 15،000 އަށްވުރެ ގިނަ ފަލަސްތީނީން ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި 6000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.