Advertisement

ޓީސީ ބަލިކޮށް ސަސް އަށް ލީގުގެ ތިން ވަނަ

30 ނޮވެންބަރު 2023 - 19:13 0

ސަސް އިން މިއަދުގެ މެޗަށް ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.--- ފޮޓޯ: އެފްއޭއެމް


ޓީސީ ބަލިކޮށް ސަސް އަށް ލީގުގެ ތިން ވަނަ

30 ނޮވެންބަރު 2023 - 19:13 0

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު 5-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ލީގުގެ ތިން ވަނަ ޔަގީންކޮށްފި އެވެ.

ސަސް އިން ލީގުގައި އެންމެ ފަހުން ކުޅެން އޮތް މެޗުގެ ގޮތުގައި ތާވަލުގައި ހިމަނާފައިވަނީ އަންނަ މަހު ހަ ވަނަ ދުވަހު ކްލަބް ގްރީން ސްޓްރީޓްސްއާ ކުޅެން އޮތް މެޗެވެ. ގްރީން ސްޓްރީޓްސް، މާލީ މައްސަލަތަކާ ހުރެ ލީގުން ވަކިވުމުން، އެ ޓީމުގެ މެޗުތަކުގެ ޕޮއިންޓްތައް ވަނީ އިދިކޮޅު ޓީމަށް ދީފަ އެވެ. ސަސް އިން މި ދިޔަ ސީޒަނުގައި ރެލިގޭޝަން ކުޅެގެން ފުރަތަމަ ޑިވިޝަނުގެ ޖާގަ ދެމެހެއްޓިއިރު، މި ސީޒަނުގައި އެ ޓީމުން ލީގުގެ ގަދަ ތިނެއްގެ ތެރޭގައި ނިންމާލީ މުޅިން ދިވެހި ކުޅުންތެރިންނާ އެކު އެވެ.

ގްރީން ސްޓްރީޓްސްގެ އިތުރުން ކްލަބް ވެލެންސިއާ ވެސް ވަނީ މާލީ ދަތިތަކާ ހުރެ ލީގުން ވަކިވެފަ އެވެ.

ލީގުގެ ދެ ބުރު ކުޅުމަށް ފަހު ނިންމާލާ ގޮތަށް އެފްއޭއެމް އިން ކަނޑައަޅާފައިވާއިރު، މި ވަގުތު އެއް ވަނައިގައި އޮތީ 13 މެޗުން 35 ޕޮއިންޓާ އެކު، އީގަލްސް އެވެ. ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ 11 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ. ސަސް އަށް 14 މެޗުން ވަނީ 30 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ޓީސީ އަށް 13 މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. ޓީސީ އަށް ދެން ބާކީ އޮތީ މާޒިޔާއާ ކުޅެން ޖެހޭ މެޗެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސަސް އިން ފުރަތަމަ ހާފު ނިންމާލީ ހަތަރު ގޯލުގެ ލީޑަކާ އެކު އެވެ. ސަސް އިން ލީޑުނެގީ މެޗުގެ 26 ވަނަ މިނިޓްގައި އަލީ ހައިޝަމް (ޗުމްޕު) ޖެހި ގޯލުންނެވެ. ކުރިން މާޒިޔާ އާއި ނިއު ރޭޑިއަންޓް އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވެސް ކުޅުނު ޗުމްޕު، ސަސް އަށް ބަދަލުވީ ސީޒަން މެދުތެެރެއިންނެވެ.

ސަސް އިން މި ހާފުގައި ޖެހި އަނެއް ތިން ގޯލު ފެނިގެންދިޔައީ، ހަ މިނިޓް ތެރޭގަ އެވެ. އެ ގޮތުން، ސަސްގެ ދެ ވަނަ ގޯލު މެޗުގެ 33 ވަނަ މިނިޓްގައި މުހައްމަދު ސަހާއު (ބޭލް) ކާމިޔާބުކުރިއިރު، އޭގެ ތިން މިނިޓް ފަހުން، ޗުމްޕު އެ ޓީމުގެ ތިން ވަނަ ގޯލު ޖެހި އެވެ. އަދި މެޗުގެ 39 ވަނަ މިނިޓްގައި، މުހައްމަދު އަލާއު ވަނީ ސަސްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

ދެ ވަނަ ހާފުގައި ވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބިގެންދިޔައިރު، ސަސް އިން މި ހާފުގައި ޖެހި ހަމައެކަނި ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން، އަހުނަފް ރަޝީދު (އަހުއްކޮ) އެވެ.

ލީގުގެ މެޗެއް ދެން އެންމެ އަވަހަށް އޮތީ މާދަމާރޭ އެވެ. މާދަމާރޭ 9 ޖަހާއިރު ކުޅޭ މެޗުގައި، ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ އެެވެ.