30 ނޮވެންބަރު 2023 - 17:04 3
ސާއިފް ޝިޔާދު
އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް. މިހާތަނަށް އެމްޑީޕީގެ ޓިކެޓަށް ހުށަހެޅީ އޭނާ އެކަނި --- ފޮޓޯ: މިރާން ނާޝިމް/އަދަދު
30 ނޮވެންބަރު 2023 - 17:04 3
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލައިގެން ކަމަށާއި މި ވެރިކަން ކާމިޔާބުނުވާނެ ކަމަށް ވިދާޅުވެ މި ސަރުކާރަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވައިފި އެވެ.
އާޒިމް އަކީ މާލޭގެ މޭޔަރުގެ މަގާމަށް ކުރިމަތިލުމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ ބޭފުޅެކެވެ.
ފާއިތުވެދިޔަ ދެ އިންތިހާބުގައި ވެސް އެމްޑީޕީއަށް މާލެ ސިޓީގެ އަގުލަބިއްޔަތު ގެއްލުމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވަނީ އޭނާއަށް މޭޔަރުގެ އިންތިހާބު ފަސޭހަމަކާ އެކު ކާމިޔާބުވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
އަދި, ރިޔާސީ އިންތިހާބުން ވެސް ބަލިވި ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އޭގެ ބައެއް ސަބަބުތައް ވެސް އޭނާގެ ވިސްނުމުން އާޒިމް ހާމަކުރެއްވި އެވެ.
"ބޮޑެތި ދޮގުތައް ހަދައި ރައްޔިތުންނަށް އޮޅުވާލިކަން މިހާރު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ. އޮޅުވާލައި ދޮގު ހަދައިގެންކަން އިންތިހާބު ކާމިޔާބު ކުރީ ވެސް. އެތައް ހާސް އިންޑިއާ ސިފައިންނެއް ތިބި ވާހަކަ ބުނި. ކޮބައިތޯ އެ މީހުން؟،" އާޒިމް ސުވާލު އުފެއްދެވި އެވެ.
އޭގެ އިތުރުން, ރާއްޖެ ދަރަނިވެރިވަމުންދާ ކަމަށް ބުނަމުންދާއިރު ވެސް ހަރަދު ކުޑަކުރުމުގެ ބަދަލުގައި އިތުރު ހޭދަތައް ކުރަމުންދާތީ އާޒިމް ފާޑުވިދާޅުވި އެވެ.
"ހަމައެކަނި ހުވާ ކޮށްލަން 18 މިލިއަން ހަރަދުކޮށްލި. މުލީއާގެ ހަދަން 16 މިލިއަން. ކާރުތައް ގެންނަން 140 މިލިއަން ހަރަދުކުރަން އެ އުޅެނީ. ކޮބައިތޯ ދަރަނިވެރިވެފައި؟ އެހެންވީމާ އަޅުގަނޑުމެންނަށް އެނގޭ ސީދާ އޮޅުވާލައި ދޮގު ހަދައިގެން ކަން އައިސް އެތިބީ ރައްޔިތުންނަށް ބިރު ދައްކައިގެން ކަން ވެރިކަމަށް އައިސް އެތިބީ," އާޒިމް ވިދާޅުވި އެވެ.
އޭރު ވެސް އެ ވާހަކަތައް ދެއްކި ކަމަށާއި އެފަދަ ގޮތަކަށް ވެރިކަމަށް އައުމުން މި ވެރިކަން ކާމިޔާބު ނުވާނެ ކަމަށް އާޒިމް ތަކުރާރުކޮށް ވިދާޅުވި އެވެ.
އާޒިމް ފާޑުވިދާޅުވި ރައީސް މުއިއްޒު ހުންނެވީ މީގެ ކުރިން މޭޔަރުގެ މަގާމުގަ އެވެ. އާ މޭޔަރަކު އިންތިހާބު ކުރަން ޖެހުނީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާ ނޮވެމްބަރު 17, ގައި އެމަނިކުފާނު ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.
އާޒިމް މޭޔަރު ކަމަށް ވާދަކުރައްވަން ނިންމެވީ ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި މާލެއަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމުގެ ޔަގީންކަމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި, ރައްޔިތުން "ދިރިތެޅޭ" ތަނެއްގެ ބަދަލުގައި ހަމަޖެހިގެން ދިރުއުޅެވޭ ތަނަކަށް ބަދަލުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާދަމާ ހަވީރު 04:00 ގެ ކުރިން އެމްޑީޕީގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަން ޖެހޭއިރު މިހާތަނަށް ހުށަހެޅުއްވީ އާޒިމް އެކަންޏެވެ.
Comment