30 ނޮވެންބަރު 2023 - 12:51 0
30 ނޮވެންބަރު 2023 - 12:51 0
މެޑްރިޑް (ނޮވެމްބަރު 30) - ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސީގައި ރޭ ނަޕޯލީ އަތުން 4-2 އިން މޮޅުވެ، ރެއާލް މެޑްރިޑް ގުރޫޕްގެ އެއް ވަނަ މަގާމު ކަށަވަރުކޮށްފި އެވެ.
ޗެމްޕިއަންސް ލީގުގެ 14 ފަހަރު ކާމިޔާބުކޮށްފައިވާ ރެއާލް ވަނީ މި މެޗުގެ ކުރިންވެސް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އެކަމަކު މި މޮޅާ އެކު، އެ ޓީމަށް ވަނީ ބާކީ އެއް މެޗު އޮއްވައި ގުރޫޕް ސީގެ އެއްވަނަ މަގާމު ކަށަވަރުވެފަ އެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނިޓުގައި ނަޕޯލީ އިން ލީޑު ނެގީ ޖިއޮވާނީ ސިމިއޯނީ ޖެހި ލަނޑުންނެވެ. އެކަމަކު، އޭގެ ދެ މިނިޓު ފަހުން ރެއާލްގެ ރޮޑްރިގޯ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަަމަހަމަކޮށްފަ އެވެ. ރެއާލް އިން މެޗުގެ 22 ވަނަ މިނިޓުގައި ލީޑު ނެގީ ޖޫޑް ބެލިންގްހަމް ޖެހި ލަނޑުންނެވެ.
ބެލިންގްހަމް ވަނީ ޗެމްޕިއަންސް ލީގުގައި ރެއާލަށް ކުޅުނު ހަތަރު މެޗުން ހަތަރު ގޯލު ޖަހައިފަ އެވެ. އަދި މި ސީޒަންގައި އޭނާ ރެއާލަށް ކުޅުނު 16 މެޗުން އޭނާ ވަނީ 15 ގޯލު ޖަހައިފަ އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު ނަޕޯލީގެ މިޑްފީލްޑަރު އަންދްރޭ ފްރޭންކް ޒަމްބޯ އެންގީސާ ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެެވެ.
އެކަމަކު، ރެއާލް އިން އަލުން ލީޑު ނެގީ މެޗުގެ 84 ވަނަ މިނިޓުގައި ޒުވާން ކުޅުންތެރިޔާ ނީކޯ ޕާޒް ޖެހި ލަނޑުންނެވެ. ރެއާލްގެ ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ސްޕެއިން ގައުމީ ޓީމުގެ ފޯވާޑް ހޮސޭލޫ އެވެ.
މި މެޗުން ބަލިވުމުން، ނަޕޯލީ އަށް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރު ނުކުރެވުނެވެ. މި ގުރޫޕްގައި ނަޕޯލީ ކުޅޭ ފަހު މެޗުގައި ޕޯޗުގަލްގެ ސްޕޯޓިން ބްރާގާއާ ދެކޮޅަށް ނުކުންނައިރު، ދެ ވަނަ ބުރުގެ ޖާގަ ލިބޭނެ ޓީމެއް ކަނޑައެޅޭނީ މި މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
ރެއާލް 15 ޕޮއިންޓާ އެކު ތާވަލްގެ އެއް ވަނައިގައި އޮތްއިރު، ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ ނަޕޯލީ އެވެ. ހަތަރު ޕޮއިންޓާ އެކު ސްޕޯޓިން ބްރާގާ ތިން ވަަނައިގައި އޮތްއިރު، ތާވަލްގެ ފުލުގައި ދެ ޕޮއިންޓާ އެކު އޮތީ ޔޫނިއަން ބާލިން އެވެ.
Comment