30 ނޮވެންބަރު 2023 - 12:57 1
30 ނޮވެންބަރު 2023 - 12:57 1
ބާސެލޯނާ (ނޮވެމްބަރު 30) - ލަލީގާގެ ރެފްރީން ނިންމުންތައް ނިންމަނީ ރެއާލް މެޑްރިޑަށް ފައިދާވާ ގޮތަކަށް ކަމަށް ބުނެ، ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ރެފްރީންނަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ލަޕޯޓާ ރެފްރީންނާ ގުޅޭގޮތުން ވާހަކަދައްކަވާފައިމިވަނީ ރެފްރީންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި އޭނާއާ ދެކޮޅަށް ދައުވާކުރަން ފޮނުވާފައިވަނިކޮށެވެ. ސްޕެއިން ލީގުގެ ރެފްރީސް ކޮމިޓީގައި އިސްކޮށް އުޅުނު ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބާސެލޯނާ އިން ވަނީ 2001 އިން 2018 އަށް ޖުމްލަ އެކު، ނުވަ މިލިއަން ޑޮލަރު ދީފައިވާ މައްސަލައެއް ތަހުގީގުކުރަމުން އަންނައިރު، ބާސެލޯނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ވަކީލުންވަނީ ހޯދައިފަ އެވެ.
ގަވާއިދާ ހިލާފަށް މާލީ މަންފާ ހޯދަން މަކަރު ހެދުމާ އެކު، މަގާމުގެ ނުފޫޒުގައި ފައިދާތަކެއް ނަގަން ކޮރަޕްޝަންގެ އަމަލެއް ހިންގަން ބާސެލޯނާ އިން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ، ބާސެލޯނާގެ ކޯޓަކުން އަންނަނީ އެކުލަބާ ދެކޮޅަށް ތަހުގީގެއް ކުރަމުންނެވެ.
ބާސެލޯނާ އަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ އެކު މިހާރު އެކުލަބު ކުޅޭ މެޗުތަކުގައިވެސް ރެފްރީންގެ ނިންމުންތަކަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މިކަމާ ގުޅޭގޮތުން ލީގުގެ ބައެއް ކުލަބުތަކުންވެސް އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ބާސެލޯނާ އަަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދުދެމުން ލަޕޯޓާ ވިދާޅުވީ ބާސެލޯނާ އަށް އެހީވާން ރެފްރީން މަސައްކަތްކުރާ ވާހަކަދައްކާއިރު, ރެއާލް ކުޅޭ މެޗުތައް ބަލާލުމުން މަންޒަރު ސާފުކޮށް ފެންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރެއާލަސް ފައިދާވާ ގޮތަށް ރެފްރީން ކަންކަން ނިންމާ ވާހަކަ ދައްކަން އެއްވެސް ބަޔަކު ބޭނުންނުވަނީ ކީއްވެކަން އެނގިވަޑައިނުގަންނަވާކަމަށެވެ.
ސްޕެނިޝް ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މިވަގުތު އޮތީ ލީގުގެ ހަތަރުވަނައިގަ އެވެ. ބާސެލޯނާ އަށް 31 ޕޮއިންޓް ލިބިފައިވާއިރު, އެއްވަނައިގައި އޮތީ 35 ޕޮއިންޓް ލިބިފައިވާ ރެއާލް އެވެ.
Comment