Advertisement

ޔާމީންގެ "ޕީޕަލްސް ނޭޝަނަލް ފްރޮންޓް" އުފެއްދުމަށް ހުއްދަ ދީފި

29 ނޮވެންބަރު 2023 - 14:45 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޔާމީންގެ "ޕީޕަލްސް ނޭޝަނަލް ފްރޮންޓް" އުފެއްދުމަށް ހުއްދަ ދީފި

29 ނޮވެންބަރު 2023 - 14:45 0

ކުރީގެ ރައީސް އަބްދުالله ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފި އެވެ.

މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި 3,000 މެމްބަރުން ހަމަކުރުމުގެ ހުއްދަ ޕީއެންއެފްއާ ހަވާލު ކުރެއްވީ އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެވެ.

ޔާމީނުގެ އާ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހުންނަވާނީ އެމަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީން އަބްދުލްގައްޔޫމް އެވެ. އީސީގެ ގަވާއިދު ބުނާ ގޮތުން ޕާޓީއެއްގެ މުއައްސިސެއްގެ ގޮތުގައި ހުންނެވެނީ އެންމެ މީހަކަށެވެ.

ޒޭންގެ އިތުރުން އެ ޕާޓީގެ މުއައްސިސުންގެ ގޮތުގައި ޔާމީނާއި, އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ސީޕީ ހުސައިން ވަހީދާއި މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ އިތުރުން އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަން އަދި ކަކާގޭ އަލީ އާދަމް ތިއްބަވާނެ ކަމަށް މީގެކުރިން ހާމަކޮށްފައިވެ އެވެ. މިއީ ޕީއެންއެފް އުފެއްދުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދާ ޔާމީނުގެ ވަފާތެރި ސަޕޯޓަރުންނެވެ.

ޕީޕީއެމުން ވަކިވެ، އައު ޕާޓީއެއް ހެއްދެވުމަށް ރައީސް ޔާމީން ނިންމެވީ ޕްރޮގުރެސިވް ކޯލިޝަނުގެ ލީޑާޝިރުޕުން އެމަނިކުފާނު އެއްފަރާތް ކޮށްފައިވާ ކަމަށް ބުނެ އެވެ. ޔާމީންގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި، އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން މިނިވަން ނުކުރުން ހިމެނެ އެވެ.

ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރުމުން ދުރަށް ޖެހިވަޑައިގަނެފަ އެވެ. ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ސަރުކާރުގެ ދިފާއުގަ އެވެ.

ޔާމީނުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މި ޕާޓީއާއެކު ނުކުމެ ކާމިޔާބު ކުރުމެވެ. އެ ޕާޓީގެ ކެންޑިޑޭޓެއް ޖެނުއަރީގައި އޮންނަ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމުގެ އިންތިހާބުގައި ވެސް ވާދަކުރައްވާނެ އެވެ.

ނޭޝަނަލް ފްރޮންޓްގެ ނަމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ ޕާޓީތައް އޮޕަރޭޓު ކުރެ އެވެ. އެފަދަ ޕާޓީތައް އާންމު ގޮތެއްގައި ބެލެވިފައި ވަނީ ކަނާތު ފިޔައިގެ ހަރުކަށި ޕާޓީތަކުގެ ގޮތުގަ އެވެ.