Advertisement

ކެންސަރުގެ އާލަސްކަންފުޅަށް ފަރުވާ ހޯއްދަވަން މިނިސްޓަރު ރަމީލާ ގައުމުން ބޭރަށް ވަޑައިގަންނަވަނީ

29 ނޮވެންބަރު 2023 - 13:45 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެގްރިކަލްޗާ މިނިސްޓަރު އައިޝަތު ރަމީލާ


ކެންސަރުގެ އާލަސްކަންފުޅަށް ފަރުވާ ހޯއްދަވަން މިނިސްޓަރު ރަމީލާ ގައުމުން ބޭރަށް ވަޑައިގަންނަވަނީ

29 ނޮވެންބަރު 2023 - 13:45 0

ކެންސަރުގެ އާލަސްކަންފުޅާ ގުޅިގެން، އެ ބައްޔަށް ފަރުވާ ހޯއްދެވުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އިންޑިއާއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

މިނިސްޓަރު އެކަން އިއުލާނުކުރެއްވީ އޭނާގެ ފޭސްބުކު އެކައުންޓުގައި މިއަދު ލިޔުއްވި ޕޯސްޓެއްގަ އެވެ. އެގޮތުން ކެންސަރު ހުރިކަން އިނގިވަޑައިގަތީ ބަލީގެ އެންމެ ފަހު ސްޓޭޖުގައި ހުންނަވަނިކޮށް ކަމަށާއި ގައުމުން ބޭރަށް ވަޑައިގަންނަވަނީ ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ހޯއްދެވުމަށް ކަމަށް ރަމީލާ ލިޔުއްވާފައިވެ އެވެ.

ނަމަވެސް, ފަރުވާ ހޯއްދަވަނީ ކެންސަރުގެ ކޮން ބާވަތަކަށް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

"ވަރަށް ބަރު ހިތަކާ އެކު މި ވަގުތަށް އެންމެންނާ މި ވަކިވަނީ. ﷲގެ އިރާދަފުޅާ އެކު އަލުން ބައްދަލުވާނެ،" މިނިސްޓަރު ލިޔުއްވާފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފަރުވާ ހޯއްދެވުމަށް ވަޑައިގަންނަވަނީ އިންޑިއާއަށެވެ. އަދި، ކެންސަރު ހުރިކަން އިނގިވަޑައިގެންނެވީ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

މިނިސްޓަރު ރަމީލާ ކެންސަރަށް ފަރުވާ ހޯއްދަވަން ވަޑައިގަންނަވާކަން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަމީލާ އަށް ގުޅުއްވާ އޭނާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ ކަމަށެވެ.

އަދި، ފަރުވާ ހޯއްދަވާ މުއްދަތުގައި އެ މިނިސްޓްރީގެ މަސައްކަތްތައް ބެލެހެއްޓުމުގެ ކަންކަން ސަރުކާރުން ރާވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ އެދެނީ ވީހާވެސް އަވަސް ޝިފާއެއް ލިބިވަޑައިގެން މިނިސްޓަރު އެނބުރި ހިދުމަތަށް ނިކުމެވަޑައިގަތުމަށް ކަމަށްވެސް ހަލީލު ވިދާޅުވި އެވެ.