29 ނޮވެންބަރު 2023 - 13:01 0
އަމަން ހަލީމް
އެފްކޮންސްއިން ގެންގުޅުނު "ޔުވްރާޖް" ޕްލެޓްފޯމް ވިލިމާލޭ ފަރަށް އަރާފައި: މި ޕްލެޓްފޯމް އެތަނުން ނެގީ ފަރަށް އެރިތާ 12 ދުވަސް ފަހުން -- ފޮޓޯ/މިރާޝް ނާޝިމް
29 ނޮވެންބަރު 2023 - 13:01 0
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަން އެފްކޮންސްއިން ގެންގުޅުނު ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން އެންވަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ކުރި ޖޫރިމަނާގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން އެ ކުންފުނިން ނިންމައިފި އެވެ.
ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމްގެ މައްސަލައިގައި އީޕީއޭއިން އެފްކޮންސް ޖޫރިމަނާކުރީ 69.4 މިލިއަން ރުފިޔާއިންނެވެ. މި ޖޫރިމަނާ މުރާޖާކޮށްދިނުމަށް އެދި ތިމާވެއްޓާ ބެހޭ މިނިސްޓަރަަށް ހުށަހެޅުމުން އޭރުގެ މިނިސްޓަރު އައިމިނަތު ޝައުނާ ވަނީ ޖޫރިމަނާއަށް ލުއި ނުދޭން ނިންމަވާފަ އެވެ.
ޖޫރިމަނާގެ އަމުރަށް އަމަލު ކުރުން ފަސްކޮށްދޭން އެދިި އެފްކޮންސްއިން ވަނީ ވަގުތީ އަމުރަކަށް އެދިފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ވަގުތީ އަމުރެއް ނުދިނުމަށެވެ.
އެފްކޮންސްއިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ އެ ޕްލެޓްފޯމް ފަރަށް އަރާފައި ވަނީ އެ ކުންފުނީގެ އިހުމާލަކާ ނުލައި، އެ ކުންފުންޏަށް ބާރު ނުފޯރުވޭ ފަދަ ބިޔަ ރާޅުތަކެއްގެ ސަބަބުން ކަމަށެވެ.
ތިލަމާލެ ޕްރޮޖެކްޓުގެ ތެރެއިން ފަރަށް ގެއްލުން ލިބޭނެކަން އީއައިއޭ ރިޕޯޓުގައި ބަލައިގަނެ، ފަހުން ހެދި އެސެސްމަންޓުގައި ވެސް އެ ކުންފުނީގެ އިހުމާލެއް ބަޔާންކޮށްފައި ނުވާއިރު، ޖޫރިމަނާ ކުރީ އެ ކުންފުނިން ކުރި ކަމެއް ސާބިތުކޮށްދިނުމަކާ ނުލައި ކަމަށް ވެސް އެފްކޮންސްއިން ބުނެ އެވެ.
އެ މައްސަލައިގައި އެފްކޮންސްއިން އަދި ދައުވާއެއް ހުށަނާޅަ އެވެ. އެ ކުންފުނިން ހުށަހެޅީ ޖޫރިމަނާ ދެއްކުން ފަސްކުރުމަށާއި އެ ޖޫރިމަނާއާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އީޕީއޭ އާއި ކަމާބެހޭ މިނިސްޓްރީތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
މިއީ މިހާރު އަމަލުކުރަމުން އަންނަ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާ ހުށަހަޅާ ފަރާތްތަކަށް ލިބިދޭ ހައްގެކެވެ.
އެފްކޮންސްއަށް ރައްދު ދެމުން ދައުލަތުން ކޯޓުގައި ބުނެފައި ވަނީ މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭން ޖެހޭ ފަދަ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އެގޮތުން އެފްކޮންސްއަކީ މަޝްހޫރު ކުންފުންޏަކަށްވުމުން އެ ފަރާތަށް ލިބިދާނެ ކަމަށް ބުނާ "ރެޕިއުޓޭޝަނަލް ލޮސް" އަކީ ވަގުތީ އަމުރެއް ނެރެދޭން ފަދަ ހާލަތެއް ނޫން ކަމަށް ދައުލަތުން ކޯޓުގައި ބުންޏެވެ.
އެފްކޮންސްއިން އެދުނު ގޮތަށް އަމުރު ނުނެރެން ނިންމެވި ސަބަބުތަކުގެ ތެރޭގައި ގާޒީ ވެސް މިކަން ފާހަގަކުރެއްވި އެވެ. ވަގުތީ އަމުރާ މެދު ނިންމެވި ނިންމެވުމުގައި ގާޒީ ޒުލައިހާ ޝީޒާ ލިޔުއްވާފައިވާ ގޮތުގައި މި މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ބާވަތުގެ މައްސަލައެއް ނުވަތަ އިންސާފު ގާއިމްކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ފަދަ ސަބަބެއް އެފްކޮންސްއިން ވެސް ފާހަގަކޮށްފައިނުވެ އެވެ.
އެފްކޮންސްއިން ފާހަގަކުރި އަނެއް ކަމަކީ މި ޖޫރިމަނާ ދައްކަން ޖެހުމުން އެއްބަސްވުން ބާތިލުކުރުމުގެ އިހުތިމާލެއް އޮތުމާއި ޖޫރިމަނާ ދައްކަން ޖެހުމުން އެ ކުންފުނީގެ ކޭޝްފްލޯއަށް އަސަރުކުރުމެވެ. ނަމަވެސް މި ހާލަތްތައް މެދުވެރިވެދާނެ ގޮތެއް އެ ކުންފުންޏަށް ބުނެދެވިފައި ނުވާ ކަމަށް ވެސް ގާޒީ ފާހަގަކުރެއްވި އެވެ.
ވިލިމާލޭ ފަރަށް އެފްކޮންސްގެ "ޔުވްރާޖް" ޕްލެޓްފޯމް އެރީ، ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައެއް ސަބަބުންނެވެ. އެ ޕްލެޓްފޯމު އެތަނުން ނެގޭވަރުވީ، ފަރަށް އެރިތާ 12 ދުވަސްވީ ފަހުންނެވެ. ފަރަށް ލިބުނު ގެއްލުންތައް ސާވޭކުރިއިރު، ފަރުގައި ފުންމިނުގައި 10 ފޫޓު ހުންނަ ބޮޑެތި ވަޅުގަނޑުތައް ވަނީ ހެދިފަ އެވެ.
Comment