Advertisement

އާ ސަރުކާރުގެ ފުރަތަމަ 15 ދުވަސް: ސިޔާސީ ހައިޖާނު، ހާރިޖީ ބޮން، އަދި ފާޑުކިޔުން

30 ނޮވެންބަރު 2023 - 09:59 4

ހަސަން މުހައްމަދު

ހަސަން މުހައްމަދު


އާ ސަރުކާރުގެ ފުރަތަމަ 15 ދުވަސް: ސިޔާސީ ހައިޖާނު، ހާރިޖީ ބޮން، އަދި ފާޑުކިޔުން

30 ނޮވެންބަރު 2023 - 09:59 4

ދިވެހިރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެ ހަފުތާ އާއި އެއް ދުވަސް ފާއިތުވިއިރު، ސިޔާސީ ފަސް އަހަރުގެ "ކުޅިސަމާ" ރައްޔިތުންނަށް ފެނިއްޖެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރު ނޮވެމްބަރު 17، ގައި ފެށްޓެވީ އުއްމީދީ ތަގުރީރަކާއެކު އެވެ. ރައްޔިތުންގެ ކިތަންމެ ތައުރީފެއް އެ ތަގުރީރަށް އަމާޒުވެ، އުފާވެރި ޒަމާނެއްގެ ހުވަފެން ކުރެހެން ފެށުނެވެ. ނަމަވެސް އެ ތަގުރީރަށް ހަފުތާއެއް ނުވަނީސް ސަރުކާރާ ކުރިމަތިލާންޖެހުނީ ވަރުގަދަ ސިޔާސީ އިމްތިހާނަކާ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުގައި ހިތްޕަވައިގެން ނަމަވެސް ދާދި އަވަހަށް އެ ގުޅުން ހަރާބުވެ، ދެ ބޭފުޅުން ސިޔާސީ ގޮތުން މުޅިން ވަކިވެއްޖެ އެވެ.

ވެރިކަން ހިންގާ ޕްރޮގްރެސިވް ކޯލިޝަނުން ދުރަށްޖެހިވަޑައިގެން އާ ޕާޓީއެއް އުފައްދަން ޔާމީން ނިންމެވިތާ ހަފުތާއެއް ނުވަނީސް، ހާރިޖީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވެ، ސައުދީ އަރަބިއްޔާއާ އޮތް ގުޅުމުގައި ކުނި ޖެހުނުކަން ހާމަވި އެވެ.

ހާރިޖީ ޕްރެޝަރުތަކާއެކު މަސައްކަތް ކުރަމުންދަނިކޮށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ފުނިޖެހެންދެން ކުރި ސުވާލުތަކާއެކު ސަރުކާރު "ހާސްކޮށްލި" އެވެ. އޭގެ ކުރިން ބޭއްވި މީޑިއާ ބްރީފިންއެއްގައި މިނިސްޓަރު ހުންނެވީ "ނޫސްވެރިންގެ އަތްދަށުވެފައި" ކަމަށް ވެސް ގިނަ ބަޔަކު ސިފަ ކުރި އެވެ.

އެއަށްފަހު ދެން ފެނުނީ ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރަމުންގެންދާ ބޭފުޅުންނަށް އާންމުންގެ ފާޑުކިޔުން ގަދަޔަށް އަމާޒުވަމުންދާ މަންޒަރެވެ. ސޯޝަލް މީޑިއާއަށް ބަލައިލި ކޮންމެ މީހަކަށް ފެންނާނީ ކުންފުނިތަކުގެ ބައެއް ވެރިންނަށް "ރައްޔިތުންގެ ރުހުން ނެތް" ކަމެވެ. ގިނަ މީހުން ބުނަނީ، މުހިންމު ކުންފުނިތަކާ ހަވާލުވާ ވެރިންގެ "ފެންވަރެއް، ތަޖުރިބާއެއް ނެތް" ކަމަށެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވުން

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރެއިން ރައީސް މުއިއްޒު ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމެވެ. ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބު ކުރެއްވިކަން ޔަގީންވި ހިސާބުން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތީ "ޝަރުތަކާ ނުލައި" ޔާމީން މިނިވަން ކުރުމަށެވެ.

"މިއަދުގެ ވޯޓުން ރައްޔިތުން ނިންމި ގޮތަށް، އިތުރު އެއްވެސް ޝަރުތެއްނެތި، ވަގުތުން ރައީސް ޔާމީން މިނިވަންކޮށް، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އެންމެހައި ދައުވާތައް އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލަން،" ވަކީލުން މެދުވެރި ކުރައްވައި ސެޕްޓެމްބަރު 30، ވަނަ ދުވަހުގެ ރޭ ޔާމީން ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނަށް ދެ ދުވަސްވި ފަހުން މުއިއްޒު އެދިވަޑައިގަތީ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ނުކުރުމަށެވެ. އެދިވަޑައިގަތީ "ރީތިކޮށް" މަސައްކަތް ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ދިނުމަށެވެ.

"އެކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން. އަޅުގަނޑަށް މި މަސައްކަތް ރީތިކޮށް ކުރުމުގެ ފުރުސަތު ދެއްވުމަށް އަޅުގަނޑު އެދެން،" އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަ ކުރަން އޮކްޓޯބަރު 2، ގައި ބޭއްވި ހަފުލާއެއްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ރައީސް މުއިއްޒުގެ އިލްތިމާސްއާ ދެކޮޅަށް ޔާމީންގެ ސަޕޯޓަރުން ހަމަ އެ ރޭ މަގުމައްޗަށް ނުކުމެ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންދިޔަ އެވެ. އެފަދަ ގޮތަކަށް އެ ދެ ބޭފުޅުންގެ ގުޅުން އޮއްވައި އާ ސަރުކާރު ރަސްމީކޮށް ވެރިކަމާ ހަވާލުވިތާ ފަސް ވަނައަށްވި ދުވަހު ޔާމީންގެ ފެކްޝަނެއް ޕީޕީއެމްގެ ތެރެއިން އުފަންވި އެވެ.

ޕާޓީ ނުހިންގާ، ހުއްޓުވާފައި އޮތް ކަމަށް ތުހުމަތު ކުރައްވަމުން ޕީޕީއެމްގެ ތެރެއިން ޔާމީން އުފެއްދެވީ ސްޓިއަރިން ކޮމިޓީއެކެވެ. އެ ކޮމިޓީން ނޮވެމްބަރު 21، ވަނަ ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލުކޮށް، ކޮމިޓީ ރަސްމީކޮށް އިއުލާނު ކުރި އެވެ. ނަމަވެސް އެ ބައްދަލުވުމުން ޕާޓީގެ އިތުރު ލީޑަރެއް ނުފެނުނެވެ.

އެކަމަކު، ޖެހިގެން އައި ދުވަހު ޕީޕީއެމްގެ ލީޑާޝިޕް އެކްޓިވްވެ، ވަރުގަދަ ފިޔަވަޅެއް އެޅި އެވެ. އެ ނޫސްކޮންފަރެންސް ލީޑު ކުރެއްވި އެ ޕާޓީގެ ސެނެޓު މެމްބަރު މުހައްމަދު މަލީހު ޖަމާލު ޕާޓީން ސަސްޕެންޑުކޮށް އޭނާއަށް އެކަން ލިޔުމުން އެންގި އެވެ.

"ޕާޓީގެ އިޖުރާތުކަކާއި ހިލާފަށް މިކަންކުރި ފަރާތް ތަކަށް ފިޔަވަޅު އަޅަންޖެހޭ. ސުލޫކީ ކޮމިޓީ ވަނީ ޕާޓީގެ އަސާސީ ގަވާއިދު މުގުރާލާފަ. އެ ކޮމިޓީގެ ބޭފުޅުން ޕާޓީގެ އޮފީހަށް ހާޒިރު ނުވޭ. ސިޓީ ސޮއެ ކުރި ދެ ނައިބުން އޮފީހަށް ހާޒިރު ނުވޭ. މިއީ ހިންގި ޖަރީމާއެއް. ބަލާ ފިޔަވަޅު އަޅަންޖެހޭ،" ޕާޓީގެ ނައިބު ލީޑަރުން ގައްސާން މައުމޫން އަދި އަހުމަދު ޝިޔާމް ސޮއި ކުރައްވާ ފޮނުއްވި އެ ސިޓީގައި ބުނެފައިވެ އެވެ.

އޭގެ ދެ ދުވަސް ފަހުން ޕީޕީއެމްގެ ސުލޫކީ ކޮމިޓީން މަލީހުގެ މައްސަލަ ބަލައި އޭނާ ޕާޓީން ވަކި ކުރަން ނިންމި އެވެ. ހަމަ އެ ރޭ، ރައީސް ޔާމީން ވެސް ޕީޕީއެމްއާ ދުރަށްޖެހިވަޑައިގެން އާ ޕާޓީއެއް އުފައްދަވާނެކަން އިއުލާނު ކުރެއްވި އެވެ. ޕާޓީ އުފައްދަން ބޭނުންވާ 3000 މެމްބަރުންގެ ސޮޔާއެކު ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގެ ހުއްދައަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.

ރާއްޖެ އާއި ސައުދީގެ ގުޅުން ހީނަރުވުން

ނޮވެމްބަރު 22، ގައި ނޫސްތަކުގެ ހެޑްލައިނަށް އެއީ ރައީސް މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުގައި ޖެހިގެން އަންނަ ދުވަހު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާ ހަބަރެވެ.

ނަމަވެސް ޖެހިގެން އައި ދުވަހު ނޫސްތަކުގެ ސުރުހީތަކުގައި އޮތީ ރައީސްގެ ސައުދީ ދަތުރު ފަސްކުރި ހަބަރެވެ. އެކަމާ ގުޅޭ ގޮތުން މާ ބޮޑު ތަފުސީލެއް ސަރުކާރުން ނުދެ އެވެ. ނަމަވެސް ސައުދީއަށް ދަތުރު ކުރައްވަން ރައީސް ރާއްވަވަމުން ގެންދެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

"ސައުދީ ދަތުރުފުޅެއް ކުރައްވަން ރާއްވަވަމުން ގެންދަވަނީ، ނަމަވެސް އަޅުގަނޑުމެން މި އޮފީހަކުން ރައީސުލްޖުމްހޫރިއްޔާ ސައުދީއަށް ދަތުރެއް ކުރައްވާ ކަމެއް އިއުލާނުކޮށްފައެއް ނޯންނާނެ ތާރީހަކާ އެކު. މީޑިއާއިން އެ ދަތުރު އިއުލާނުކުރީ ވެސް، މީޑިއާއިން އެ ފަސްކުރީ ވެސް," ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވި އެވެ.

ސައުދީ ދަތުރާ ގުޅޭ މައުލޫމާތު ސަރުކާރުން ހާމަ ނުކުރި ނަމަވެސް އެ މައްސަލަ ރަނގަޅަށް ދަންނަ އޮފިޝަލަކު ވަނީ ކަން ހިނގައިދިޔަ ގޮތް މި ނޫހާ ހިއްސާކޮށްފަ އެވެ. ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތް ކުރައްވާ އޭނާ ބުނީ، ސައުދީގެ ދަތުރު ރައީސް މުއިއްޒަށް ފަސް ކުރައްވަން ޖެހިވަޑައިގަތީ އެމަނިކުފާނުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ފޮނުއްވި އެ ގައުމުގެ މިނިސްޓާ އޮފް އިކޮނޮމީ އެންޑް ޕްލޭނިން، ފައިސަލް ބިން ފާދިލް އަލްއިބްރާހީމް އެރުވި ރިޕޯޓެއްގެ ނަތީޖާގެ ގޮތުންނެވެ.

ފައިސަލް ބިން ފާދިލްގެ ރިޕޯޓުގައި އޭނާއާމެދު ސަރުކާރުން އަދާކުރި މެހުމާންދާރީއާ މެދު ނުރުހުން ފާޅުކޮށްފައިވާ ކަމަށްވެ އެވެ. ފައިސަލް ބިން ފާދިލް ނުރުހުންވި އެއް ކަމަކީ، އޭނާއަށް ސަރުކާރުން ހާއްސަ ގޮތެއް ނުބަހައްޓައި، އެހެންވެސް ބޭރުގެ ޑިޕްލޮމޭޓުންނާ އެއް ފެންވަރެއްގައި މުއާމަލާތް ކުރުން ކަމަށްވެ އެވެ.

ތުރުކީގެ ދަތުރު އަދި ޕްރޮޓޮކޯލަށް އަމާޒުވި ފާޑުކިޔުން

ރައީސް މުއިއްޒު ތުރުކީއަށް ދަތުރު ކުރެއްވީ ސައުދީގެ ދަތުރު ފަސް ކުރެއްވިކަން ސަރުކާރުން އިއުލާނު ކުރެއްވުމަށްފަހު ނޮވެމްބަރު 26، ވަނަ ދުވަހެވެ.

ސައުދީ ދަތުރު ރައީސްއަށް ފަސް ކުރައްވަންޖެހުނީ އިގްތިސާދީ ގޮތުން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައި އޮއްވަ އެވެ. އެ އެއްބަސްވުމާމެދު ވާނެ ގޮތެއް ދެން ނޭނގެ އެވެ.

ސައުދީ ދަތުރު ފަސް ކުރެއްވުމަށްފަހު ތުރުކީއަށް ވަޑައިގަތުމަށް ނިންމެވުން ބައެއް މީހުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ. އެއީ ހާރިޖީ ގޮތުން ސައުދީއަށް ދެވޭ ނުބައި ސިގުނަލަކަށް ނުވާނެބާއޭ ބައެއް މީހުންގެ ހިތަށް އެރި އެވެ.

ސައުދީ އާއި ތުރުކީއަކީ ޒަމާނުއްސުރެ ގުޅުން އޮންނަ ދެ ގައުމު ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި އެ ގުޅުން ހީނަރުވެފައިވެ އެވެ. ހާއްސަކޮށް، ތުރުކީގައި ހުންނަ ސައޫދީގެ އެމްބަސީގެ ތެރޭގައި 2018 ވަނަ އަހަރު ނޫސްވެރިޔާ ޖަމާލް ހަޝޯޖީ މަރާލި މައްސަލައަށް ފަހު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ.

ނޫސްވެރިޔާ ގަތުލަށްފަހު ގުޅުން ގޯސްވަމުން ގޮސް 2020 ވަނަ އަހަރު ސައުދީގެ ވިޔަފާރިވެރިން ތުރުކީގެ މުދާ ބޮއިކޮޓް ކުރަން ވެސް ފެށި އެވެ. ނަމަވެސް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރްދުގާންގެ ވެސް އިސްނެގުމާއެކު، ވިޔަފާރީގެ ގުޅުން އަންނަނީ ރަނގަޅުވަމުންނެވެ.

ރައީސް ތުރުކީއަށް ކުރެއްވި ދަތުރުގައި ދެން ފާޑުކިޔުން އަމާޒުވި ކަމަކީ، ސްޓޭޓް ވިޒިޓެއްގެ ބަދަލުގައި ރަސްމީ ދަތުރެއް އެ ގައުމަށް ކުރެއްވުމުންނެވެ. ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފުރަތަމަ ދަތުރު ސްޓޭޓް ވިޒިޓެއްގެ ގޮތުގައި ކުރެއްވުން މާ ރަނގަޅުވީސް ކަމަށް ފާޑުކިޔާ މީހުން ބުންޏެވެ.

ނަމަވެސް އެ ދަތުރުގައި ރައީސް ވަނީ ތުރުކީގެ ރައީސްގެ އިތުރުން އެ ގައުމުގެ ވަރަށް ގިނަ ވަޒީރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި ރާއްޖެ އާއި ތުރުކީއާދެމެދު ވިޔަފާރީގެ ގޮތުން ރަނގަޅު ކުރުމަށް ސަރުކާރުން އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައިވެ އެވެ.

ރައީސް ކުރައްވާ ރަސްމީ ދަތުރެއްގައި ސަރުކާރުން ގެންގުޅެންޖެހޭނެ ކަމަށް ފެންނަ ބައެއް ޕްރޮޓޮކޯލް އެ ދަތުރުން ނުފެނުމުން ވެސް ފާޑުކިޔުން އަމާޒުވި އެވެ. އެގޮތުން، ފިނި މޫސުމުގައި ރައީސް ތުރުކީއަށް ފައިބައިވަޑައިގެންނެވިއިރު ފިނި ކޯޓެއް ތުރުނުކުރައްވާ ހުންނެވުމުން ވަރަށް ގިނަ ބަޔަކު ފާޑުކިޔެވެ.

ފާޑުކިޔާ މީހުން ބުނެފައި ވަނީ، ރައީސް ކޯޓެއް ތުރުކުރައްވާކަން ޕްރޮޓޮކޯލް ޓީމުން ޔަގީން ކުރަންޖެހޭނެ ކަމަށެވެ. އަދި ރައީސް އާއި ތުރުކީގެ އިސްވެރިންނާ ހަދިޔާ ބަދަލު ކުރެއްވިއިރު، ހަދިޔާ ޕެކްކޮށްފައި އޮތުމުން ވެސް ފާޑުކިޔުން އަމާޒުވި އެވެ. އެތެރޭގައި އޮތް އެއްޗެއް ނުފެންނަ ގޮތަށް ޕެކްކޮށްފައި ހަދިޔާ ބަދަލު ކުރުމަކީ، އެންމެ ރީތި ގޮތް ނޫން ކަމަށް ފާޑުކިޔާ މީހުން ބުންޏެވެ.

ހައުސިން މިނިސްޓަރުގެ ދިމާނުވާ މެސެޖުތައް

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ބިންތައް އަދި ފްލެޓުތައް ނުއަތުލުމަކީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދެވެ.

ނަމަވެސް، މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވާ ވާހަކަތަކުން، ރައްޔިތުންނަށް ލިބުނީ "މިކްސްޑް މެސެޖު" ތަކެކެވެ. ނަމަވެސް ގޯއްޗާއި ފްލެޓް ލިބިފައިވާ މީހުންގެ އަތުން ފްލެޓު އަދި ގޯތި އަތުނުލާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވަ އެވެ.

މި ވޭތުވެދިޔަ ދުވަސްތަކުގައި މައިގަނޑު ދެ ވާހަކައެއް ހައިދަރު ވިދާޅުވެފައިވެ އެވެ.

އެއް ވާހަކައަކަށް މިނިސްޓަރު ވިދާޅުވަނީ ފްލެޓް ދިނުމުގެ ޕްރޮޖެކްޓު ކުރިއަށްގެންދިޔުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވާފައި އޮތުމުން، ދެން އެ މަސައްކަތް ކުރިއަށްގެންދާނީ އެ ކޮމިޝަނުން ގޮތަކަށް ބުނެ ވިދާޅުވި ވާހަކަ އެވެ. ފްލެޓުތަކުގެ ލިސްޓު ރިވިއު ކުރައްވާނެ ކަމަށް ވެސް ހައިދަރު ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބައި ފުރަތަމަ ބުރޭ ދޭތެރޭ ދޫކޮށްފައިވާ ފްލެޓުތައް, އެ ފްލެޓުތައް އަޅުގަނޑުމެން ރިވިއު ކުރާނަން އެ [ފްލެޓު] ލިބިފައި އޮތީ ހައްގު ބަޔަކަށްތޯ ނޫންތޯ. ރިޔާސީ އިންތިހާބު ކާމިޔާބު ވުމަށް ފަހު ރައީސް މުއިއްޒު ސަރުކާރަށް އިލްތިމާސް ކުރެއްވި އެެއްވެސް ބިމެއް ނޫނީ ފްލެޓު ދޫކުރުން މަޑުޖައްސާލުމަށް," ނޮވެމްބަރު 20، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވި އެވެ.

އަނެއް ވާހަކައަކީ، ބިން ދޫކުރުމަށް ހިންގި ސްކީމުގެ ދަށުން ދޫކޮށްފައިވާ ރަޖިސްޓްރީގެ ސައްހަކަމާމެދު ސުވާލު އުފައްދައި މިނިސްޓަރު ދެއްކެވި ވާހަކަ އެވެ.

"އޭގައި އެބަ އުޅޭ ވަރަށް ބޮޑު ގާނޫނީ މައްސަލައެއް. ރެޖިސްޓްރީއެއް ދުލެއް ނުކުރެވޭނެ އިން ކަނޑަނޭޅޭ ތަނަކުން. މޫދަކުން ދޭ ބިމަކަށް ރެޖިސްޓްރީ ކަނޑަނޭޅޭނެ. އެއީ ގަވާއިދު އޮތް ގޮތް," ހައިދަރު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރުގެ ވާހަކަތަކަށްފަހު އޭނާއަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީން ގޮވާލި އެވެ. އަދި އޭގެ ފަހުން ބަޖެޓު ކޮމެޓީއަށް ވެސް މިނިސްޓަރު ހާޒިރުކޮށް، މެމްބަރުންގެ ވަރަށް ގިނަ ސުވާލުތައް އަމާޒު ކުރި އެވެ.

އޭގެ އިތުރުން، ފްލެޓުތަކާ ގުޅޭ ގޮތުން މިނިސްޓަރު ދެއްކެވި ވާހަކަތާ ގުޅިގެެން ކަންބޮޑުވުން ފާޅު ކުރަން، ފްލެޓު ލިބުނު ބައެއް މީހުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުންނާ ވެސް ބައްދަލުކޮށްފަ އެވެ. ފްލެޓު ދޫކުރުމުގެ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށް އޭގެ ފަހުން ވަނީ ބުނެފަ އެވެ.

އިސް މަގާމުތަކަށް އައްޔަނު ކުރާ މީހުންނަށް ފާޑުކިޔުން

ސަރުކާރެއް ބަދަލުވެ، އާ ސަރުކާރެއް ގައުމާ ހަވާލުވާއިރު، ވަރަށް ގިނަ މަގާމުތަކަށް މީހުން އައްޔަނު ކުރަންޖެހޭނެ އެވެ. ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ކުރަމުންދަނީ އެ މަސައްކަތެވެ. ނަމަވެސް ބައެއް މަގާމުތަކަށް އައްޔަނު ކުރަމުންދާ ބޭފުޅުންގެ ގާބިލްކަމާމެދު ބައެއް ފަރާތްތަކުން އަންނަނީ ބޮޑެތި ސުވާލުތަކެއް އުފައްދަމުންނެވެ.

ބައެއް ވެރިންނަށް ފާޑުކިޔުން އަމާޒުވެފައި އޮއްވާ އައްޔަނު ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުން ވަނީ އިސް ތިން މަގާމަކަށް އައްޔަނު ކުރި މީހުން އެ މަގާމުތަކުން ވަކިކޮށްފަ އެވެ.

އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ މުހައްމަދު ފަހުމީ ހަސަން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރުމުންނެވެ. އޭނާއަކީ ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ސިވިލް ސާވިސް ކޮމިޝަނުން ކުރިން ވަކިކޮށްފައިވާ ބޭފުޅެކެވެ. އެކަމުގެ ފާޑުކިޔުން ގަދަޔަށް އަމާޒުވަމުން ދަނިކޮށް އައްޔަނު ކުރިތާ އެންމެ ހަތަރު ދުވަސް ފަހުން ސަރުކާރުން ވަނީ ނޮވެމްބަރު 24، ގައި އޭނާ މަގާމުން ވަކިކޮށްފަ އެވެ.

ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރި މުންއިމް އަނީސް މަގާމުން ވަކި ކުރީ އައްޔަނު ކުރިތާ ތިން ދުވަހުގެ ތެރޭގަ އެވެ. އޭނާ މަގާމުން ވަކި ކުރި ސީދާ ސަބަބެއް ސަރުކާރުން ނުބުނެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ މަގާމުން ވަކި ކުރީ، ކުރީ ސަރުކާރުގެ ސިޔާސީ ވަޒީފާއެއް އަދާކޮށްފައި އޮތުމުންނެވެ.

އެ ދެ ބޭފުޅުން މަގާމުތަކުން ވަކިކޮށްފައި އޮއްވާ ދެން އިވުނު ހަބަރަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެމްބަރަކަށް އައްޔަނު ކުރި ހަސަން މުގުނީ މަގާމުން ވަކި ކުރުމެވެ. އޭނާ މަގާމުން ވަކި ކުރީ ހަތަރު ދުވަސް ފަހުންނެވެ. މަގާމުން ވަކި ކުރިކަން އެނގުނީ ބޯޑު އަލުން އެކުލަވާލައި މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ކުރި އިއުލާނާއެކު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުޣުނީ ވަކިކުރީ އެ ބޯޑަށް ފަހުން އައްުޔަންކުރެއްވި ހަސަން ޒަރީރު ބޯޑުގައި ހިމެނުއްވުމަށް ޓަކައި ޖާގަ ހެދުމަށެވެ. މުޣުނީ ވަކިނުކޮށް ޒަރީރު އައްޔަން ކުރާ ނަމަ ބޯޑުގެ ގާނޫނީ އަދަދަށް ވުރެ މެމްބަރުން އިތުރުވާތީ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް 15 ދުވަހުގެ ތެރޭގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިއްޖެ އެވެ. ކުރިއަށް އޮތީ ވެސް ނާޒުކު ދުވަސްތަކެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކަށީގެންވާ ތާއީދެއް ނުލިބިއްޖެ ނަމަ ސަރުކާރުން ހިންގަން އުނދަގޫވާނެ އެވެ. އެހެންކަމުން އޭގެ ކުރިއަށް މި އޮތް ދުވަސްތަކުގައި ސަރުކާރުން ވަރަށް ބުރަކޮށް މަސައްކަތްކޮށް، ރައްޔިތުންނަށް ބައެއް ކަންކަން ސާބިތުކޮށްދޭންޖެހެ އެވެ.